29 Jan 2021, 17:32
މާލެ ސިޓީގެ ޕާކުތައް ހުޅުުވާ ވަގުތަށް ބަދަލު ގެނެސް، ޕާޓީތަކާއި ހަފްލާތަކަށް ޕާކުތައް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ޕާކުތައް ހުޅުވާ ވަގުތަށް ބަދަލު ގެނެސް ޕާޓީތަކާއި ހަފްލާތަކަށް ޕާކުތައް ދޫކުރުން މެދުކަނޑާލީ ކޮވިޑް19ގެ ހާލަތަށް ރިއާޔަތްކޮށް އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މާދަމައިން ފެށިގެން ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކް ހުޅުވާނީ ފަތިހު ފަހަކުން ހެނދުނު އަށަކަށް އަދި ހަވީރު ފަހަކުން ރޭގަނޑު އަށަކަށް ކަމަށެވެ.
މީގެ ކުރިން މި ދެޕާކު ހުޅުވާފައި ހުންނަނީ ފަތިހު 4:30 އިން ހެނދުނު 9:30 އަށް އަދި ހަވީރު 4:30 އިން ރޭގަނޑު 9:30 އަށެވެ.
ސިޓީކައުންސިލުން ބުނީ މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތައް ބޭއްވުން މެދުކަނޑާލަން އެޗްޕީއޭ އިން އަންގާފައިވާތީ، އެޗްޕީއޭއިން އިތުރު ގޮތަކަށް ހަމަޖައްސަންދެން ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކް ގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުމަށް ދޫނުކުރާ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ.
އަދި ކުރިން ބުކިންގް ހަދާފައިވާ ފަރާތްތަކުގެ ބުކިންގް ކެންސަލް ކުރިކަން މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން އަންގަމުންދާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
އަދި ބުނީ ޕާކުތައް ދެމުން ގެންދާނީ އެޗްޕީ.އޭގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި އެގޮތުން އެއްފަހަރާ ވަދެވޭނެ މީހުންގެ އަދަދު ހަމަވުމުން އިތުރު ބަޔަކު ނިކުންނަންދެން މީހުން ވެއްދުން ހުއްޓާލެވޭނެ ކަމަށެވެ.
ޕާކަށް ވަންނަ ފަރާތްތަކުގެ ހުން ހުރިތޯ ބަލައި އަތްދޮވުމަށް އެންގޭނެ ކަމަށާއި ޕާކަށް ވަންނަން ޖެހޭނީ މާސްކު އަޅައިގެން ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.
އަދި ޕާކްތެރޭގައި އުޅޭއިރު އިޖްތިމާއީ ގައިދުރުކަމުގެ މިންގަނޑު ހިފެހެއްޓުމަށް ކައުންސިލުން އިލްތިމާސް ކުރެއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ މިދިޔަ އާދިއްތަ ދުވަހުގެރެއިން ފެށިގެން ޕާޓީތަކާއި ހަފްލާތައް ބޭއްވުން މެދުކަނޑަލާއި ރޭގަނޑު 12 އިން ފަތިހު ހަތަރަކަށް މާލެެ ސިޓީގައި ކާފިއު ހިންގަން އެޗްޕީއޭ އިން ވަނީ ނިންމައިފައެވެ.
މި ނިންމުން ނިންމާފައި ވަނީ ކޮވިޑުގެ އަދަދު ދަށްވުމުން ޕާޓީތަކާއި ހަފްލާތައް ބާއްވަން ހުއްދަދީ ކާފިއު އުވާލާފައި އޮތުމަށް ފަހުއެވެ.