30 Jan 2012, 12:57
ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އަދުލުވެރި ފަނޑިޔާރުގެއެއް ގާއިމްކޮށްފައި ނޫނީ ރިޔާސީ ރިޔާސީ އިންތިހާބަކަށް ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައިފައިވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ އެވެ.
ނަމަވެސް ރައީސް އެ ވާހަކަ ދައްކަވާފައި ވަނީ ކޮން އިރަކު ކޮންތާކު ކަމެއް ނޭނގެ އެވެ.
ނަވާރަ ސިކުންތުގެ އެ އޯޑިއޯގައި ވިދާޅުވެފައިވެ އެވެ. "..ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އިންސާފުވެރި އަދުލުވެރި ފަނޑިޔާރުގެއެއް މިރާއްޖޭގައި އޮތުމަށް. މި ދެކަން ނުކޮށް، އަޅުގަނޑެއް މި ފަސް އަހަރު ހޭދަކޮށްފައި، އަޅުގަނޑެއް ނުދާނަން އިންތިހާބަކަށް [ރިޔާސީ އިންތިހާބަށް]. މިރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެންވީ ވައުދެއް އެއީ...،"
~
އެއީ ރައީސް ކޮންތާކު ދެއްކެވި ވާހަކަފުޅެއްތޯ އަދި އެ ވާހަކަ އެ ގޮތަށް ދެއްކެވުމަށް ރައީސަށް ލިބިގެންވާ ގާނޫނީ ހައިސިއްޔަތީ ކޮބައިތޯ ސާފުކުރުމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރަށް އެތަށް ފަހަރަކު ގުޅި އިރު ވެސް އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ސަރުކާރުގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރިޔާސީ އިންތިހާބަށް އިޝާރާތްކޮށް ރައީސް ނަޝީދު އެހެން ވިދާޅުވެފައިވާ އިރު، ސަން އަށް ލިބިފައިވާ ދެވަނަ އޯޑިއޯގައި ރައީސް ވިދާޅު ވަނީ "މި ވެރިކަމުގައި އަބްދުﷲ ގާޒީ ފަނޑިޔާރުގެއަކަށް ނުދާނެ" ކަމަށެވެ.
"ގިރިފުށީގައި ]އަބްދުﷲ ގާޒީ[ ހުންނަ ހުރުމުން ނުދިޔަސް ވެސް. އަދި ދޫކޮށްލިޔަސް ވެސް، އަޅުގަނޑު ވަރަށް ސާފުކޮށް އަންގާނަން ސިފައިންނަށް، އޭނާ އަކަށް ފަނޑިޔާރުގެއަކަށް، 100 މީޓަރަށް ވުރެ ކައިރި ނުވެވޭނެއޭ. ނުވެވޭނެ. ހަމަ ނުވެވޭނެ. އަޅުގަނޑު ވަރަށް އިތުބާރާ އެކު ދަންނަވަން އަޅުގަނޑު ވެރިކަމުގައި ހުއްޓައި އަބްދުﷲ މުހައްމަދަކަށް އިރާދަކުރެއްވިއްޔާ ފަނޑިޔާރުގެއަކާ ކައިރިއެއް ނުވެވޭނެ. ކުޑަކުއްޖަކާ ވެސް ކައިރިއެއް ނުވެވޭނެ، 100 މީޓަރަށް، އެއީ މައްސަލަ ހުއްނަ މީހަކަށް ވެއްޖެޔާ. ހަމަ އެކަހަލަ މިންގަނޑުމެން ބުނަން ޖެހޭނީ މީނައަކަށް ދެން ގާތެއް ނުވެވޭނެއޭ،" އޯޑިއޯގައި ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސްގެ ދެ އޯޑިއޯއެއް މިއަދު ލީކުވެފައިވާ އިރު، ދަށު ކޯޓްތަކުގެ ހުކުމްތައް ތަންފީޒު ކުރެވެން ނެތް ކަމަށް ވިދާޅުވާ އޯޑިއޯއެއް ވެސް ދާދިފަހުން ލީކުވެފައިވެ އެވެ. އަދި އެ އޯޑިއޯއާ މެދު ސަރުކާރުން އެއްވެސް އިއުތިރާޒެއްކޮށްފައެއްނުވެ އެވެ.
އަދުލުވެރި ފަނޑިޔާރުގެއެއް ގާއިމްކޮށްފައި ނޫނީ ރިޔާސީ އިންތިހާބަކަށް ނުދާނެ ކަމަށް ލީކުވެފައިވާ އޯޑިއޯގައި ރައީސް ވިދާޅުވެފައިވާ އިރު، ގާނޫނު އަސާސީގެ 110 ވަނަ މާއްދާގައި ބުނެފައި ވަނީ ރިޔާސީ ދައުރެއް ނިމެން، 120 ދުވަހާއި 130 ދުވަހާ ދެމެދުގައި ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ. އަދި އެ މަސްއޫލިއްޔަތު ގާނޫނުން ދީފައި ވަނީ އިލެކްޝަންސް ކޮމިޝަނަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ