29 Jan 2021, 14:55
މަންމައަކަށް ވުމަކީ ހާދަ ގިނަ އިހުސާސްތަކެއް ކުރެވޭ ކަމެކެވެ. ހަޔާތުގައި ކުރެވޭ އެންމެ ދިގު އިންތިޒާރަށްފަހު އިންސާނަކަށް ކެތްކުރެވޭނެ އެންމެ ވަރުގަދަ ތަދާއި ވޭނުން މަރުހަބާ ކިޔަނީ ދުނިޔެމަތީގެ އެންމެ މަތިވެރި ލޯތްބަށެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި އުމުރަށް ދިގުދެމިގެންދާ ބޮޑު ޒިންމާއެއް ކޮނޑުގައި އެޅިގެންދާއިރު އެއީ ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ވެސް އަންހެނުން ކުރިމަތިލާ ބޮޑު އިމްތިހާނެކެވެ. އެއާ އެކު މަންމައަކު އެ ކުރިމަތިލަނީ ހަޔާތުގެ އާ ސޮފްހާ އަކާ އެވެ. އެއާ އެކު އެތައް ކަމަކާ ކުރިމަތިލާން ޖެހެ އެވެ.
ބޭބީ ބްލޫސް އާއި ޕޯސްޓް ޕާޓަމް ޑިޕްރެޝަން މިއީ ހަގީގަތެއް!
ގިނަކަންކަމަކީ ލޮލަށް ފެނުމުން ނޫނީ އަހަރެމެންނަށް ގަބޫލުކުރަން ތަންކޮޅެއް އުނދަގޫ ކަންކަމެވެ. ހާއްސަކޮށް ނަފްސާނީ މައްސަލަތަކާއި އެކަންކަމުން ނުކުންނަ އިތުރު ނަތީޖާތަކަކީ ގިނަފަހަރަށް ކިޔައިދިނަސް އެހާ ފަސޭހައިން ދޭހަނުވާ ކަންކަމެވެ.
އާންމު ވިސްނުމުން ބަލާއިރު މަންމައަކަށް ވުމަކީ އަންހެނަކަށް ލިބިގެންދާނެ އެންމެ ބޮޑު އުފަލެވެ. އެކަމާއި ގުޅިގެން އަންހެނަކު ދެރަވެ، އެކަނިވެ، އެކަހެރިވެ ރޯން އިނދެދާނެ ކަމަށް ދުވަހެއްގެ ކޮޅުންވެސް ވިސްނިފައި ނޯވެދާނެ އެވެ. އެކަމަކު މިވެސް ހަމަ އަހަރެމެންނާއި ނިކަން ގާތުން ހިނގާ ކަންކަމެވެ.
ތިބާ ސައިކޮލޮޖީގެ ކޯ ފައުންޑާ އަދި ސައިކޮލޮޖިސްޓް ނަދާ ޝަރީފު ވިދާޅުވީ ވިހެއުމަށްފަހު ދިމާވާ ނަފްސާނީ މައްސަލަތައް ތިން ބަޔަކަށް ދަރަޖަކުރެވިފައިވާ ކަމަށެވެ. އެއީ ވިހައިގެން އުޅޭ ގިނަ މަންމައިންނަށް ކުރެވޭ މާޔޫސްކަމުގެ އިހުސާސްތައް ނުވަތަ "ބޭބީ ބްލޫސް" އާއި، ޕޯސްޓް ޕާޓަމް ޑިޕްރެޝަން އަދި ޕޯސްޓް ޕާޓަމް ސައިކޯސިސް އެވެ.
މިގޮތުން ބޭބީ ބްލޫސް އަކީ ވިހައިގެން ފުރަތަމަ ދެތިން ދުވަސްތެރޭ ދިމާވާން ފަށާ އަދި ދެތިން ހަފްތާއަކަށް ދިގު ދެމިގެންދާ ކަމެކެވެ. އަލަށް ވިހައިގެން އުޅޭ މަންމައިންގެ ތެރެއިން 50-80 އިންސައްތައާއި ދެމެދުގެ އަންހެނުންނަށް ބޭބީސް ބްލޫސް ކުރިމަތިވާކަމަށް ދިރާސާތައް ދައްކައެވެ.
ބޭބީ ބްލޫސްގެ ބައެއް އަލާމާތްތަކުގެ ތެރޭގައި
ކުއްލިއަކަށް މޫޑު ބަދަލުވުން
- ނިދަން އުނދަގޫވުން
- ކަމަކާ ނުލައިވެސް މާ ބޮޑަށް ދެރަވެ ރުއިން
- އުނދަގޫވެފައި ހުރުން
- އެންޒައިޓީ
- ކެއުމުގެ މައްސަލަތައް
ނަމަވެސް މިކަންކަން ދިގު މުއްދަތަކަށް ދެމިގެން ގޮސް މާ ބޮޑެތި އަސަރު ތަކެއް ކުރާނަމަ ޕޯސްޓް ޕާޓަމް ޑިޕްރެޝަންއަށް ބަދަލުވެ އެވެ. މިއީ ގާތްގަނޑަކަށް 7-15 އިންސައްތަ އަންހެނުންނަށް ދިމާވާ މައްސަލައެކެވެ. އަދި މަދު ހާލަތްތަކެއްގައި އެކްސްޓްރީމް މޫޑް ޑިސްއޯޑާއެއްކަމުގައިވާ ޕޯސްޓް ޕާޓަމް ސައިކޯސިސްވެސް ދިމާވެފައި ހުރިކަމަށް ނަދާ ވިދާޅުވި އެވެ.
އެމެރިކާގައި ނަފްސާނީ މައްސަލަތައް ދެނެގަތުމުގެ މެނުއަލްގައި މިއީ މޭޖާ ޑިޕްރެޝަންއެއްގެ ގޮތުގައި ކްލެސިފައި ކުރެވިފައިވާއިރު އާންމުކޮށް މިކަން ދިމާވަނީ ވިހެއުމަށްފަހު ހަތަރު ވަރަކަށް ހަފްތާގައި ކަމަށް ބުނެފައިވެ އެވެ.
މިއީ ވިހެއުމަށްފަހު ހަށިގަނޑަށް އަންނަ، ނަފްސާނީ، އިޖުތިމާއީ އަދި ކެމިކަލް ބަދަލުތަކެއްގެ ސަބަބުން ދިމާވާ ކަމެކެވެ. އަދި ފަރުވާއެއްގެ ގޮތުގައި ކައުންސިލިން އާއި އަދި ބައެއްފަހަރު ބޭސްވެސް ބޭނުންކުރަންޖެހެ އެވެ.
ޕޯސްޓް ޕާޓަމް ޑިޕްރެޝަން ހުންނަ މީހުންގެ ކިބައިން ފާހަގަވާ ކަންކަން
ދެރަވުން
- އުންމީދު ގެއްލި މޯޅިވެފައި އިނުން
- ކަމަކާ ނުލާ ރުއިން
- ހާސްވެ ކަންބޮޑުވެފައި އިނުން
- މާގިނައިން ނިދުން،
- މާ ބޮޑަށް ރުޅިގަދަވުން،
- ދަރިފުޅާއި ހާއްސަ ގުޅުމެއް އުފެއްދުމަށް އުނދަގޫވުން،
- ވަރުބަލިވެ ގައިގައި އެއްވެސް ވަރެއް ނެތުން
- އަދި ބައެއްފަހަރު ދަރިފުޅަށް ގެއްލުމެއް ދިނުމުގެ ހިޔާލުތައް އައުން ފަދަ ކަންކަން
މައިންނަށް ކުރިމަތިވާ ނަފްސާނީ މައްސަލަތަކުގެ އަނެއް ފަރާތް
ދެކުދިންގެ މަންމައެއް ކަމުގައިވާ ނަދާ ވިދާޅުވީ މިއީ ރާޢްޖޭގައި އާންމު ކަމެއް ކަމުގައިވިޔަސް ހޭލުންތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ.
"ގިނަފަހަރަށް އާއިލާތަކުންނާއި އަދި އަޅާލުންދޭން ތިބި ފަރާތްތަކުން މިކަން ގަބޫލުކުރަންވެސް ބޭނުމެއް ނުވޭ. ގިނައިން ބުނެވެނީވެސް ކަންނެތް ވަނީ އޭ... އެކަމަކު މި ފާއިތުވެދިޔަ 2-3 އަހަރެއްތެރޭ އެހީއަށް އެދި އަދި އެހީ ހޯއްދަވާ ފަރާތްތަކުގެ އަދަދުވެސް އިތުރުވެއްޖެ. މިކަމުގައި ބޭނުންވަނީ ވީހާވެސް ބޮޑަށް އެ މަންމައިންގެ އިހުސާސްތަކާއި ވާހަކަތައް އަޑުއަހައި އާއިލާއާއި ގާތް ރަހުމަތްތެރިން އެކުގައި ތިބިކަން އަންގައިދީ ހިތްވަރު ދިނުން" ނަދާ ވިދާޅުވި އެވެ.
ރާއްޖޭގައި މަންމައިންނަށް އެކަކު އަނެކަކާ ވާހަކަދައްކާލެވި ހިތުގައި ހުންނަ ޝަކުވާތަކާއި ސުވާލުތައް ހިއްސާކޮށްލެވޭ ދެ އޮންލައިން ޕްލެޓްފޯމެއް މިހާތަނަށް ވެއެވެ.
މިއިން ގްރޫޕެއްގައި މި މައުޟޫއަށް މަންމައިންގެ ޚިޔާލު ހުރިނެތް ގޮތް ބަލާލިއިރު ފާހަގަވި އެންމެ ބޮޑު އެއްކަމަކީ ވިހެއުމަށްފަހު ދިމާވާ އެކިއެކި ކުދި ކަންކަމުން މިފަދަ ނަފްސާނީ މައްސަލަތައް އިތުރުވާ ކަމެވެ.
"ފުރަތަމަ ދުވަސްތަކުގައި ޕްރައިވަސީ އަކީ ކޯއްޗެއް؟ ފުރަތަމަ ދުވަސްކޮޅު ސިކުންތަކަށްވެސް ކޮޓަރިން މީހުން ހުސް ނުވާނެ. އެ ހެޔޮ ދަރިފުޅު ބުއް ބޮވައިގަނެގެން ރޯން ފެށިޔަސް." ގާތުން ދިނުމުގައި ދަތިތަކެއް ދިމާވި މަންމައަކު އޭނާގެ ޝަކުވާތައް ހިއްސާކުރަމުން ބުންޏެވެ.
"ބުއްފުޅިދޭތަން ފެނިއްޖިއްޔާ އެވީ ދެން ކިރު ނުހުންނަ މަންމައަކަށް. ނޫނީ ކަންނެތް، ލޯބިނުވާ މަންމައަކަށް. ގާތުން ދޭނަމަ އަވަހަށް ބޮޑުވާނެއޭ. ނޫނީ ބައެއްފަހަރު ޕަމްޕްކޮށްފައި ފުޅިން ކިރުދޭތަން ފެނުނީމަވެސް ހަމަ އެހާ މައްސަލަ ބޮޑުވޭ. އަސްލު އެހެން ވާހަކަ ދެއްކީމަ އެ ދުވަސްތަކުގައި ވަރަށް އުނދަގޫވޭ. އަމިއްލަ ކޮންފިޑެންސް ގެއްލޭ. ހީވަނީ މި ވެވެނީ ވަރަށް ގޯސް މަންމައަކަށޭ،" މަންމައަކު އޮންލައިން ގްރޫޕްގައި ކިޔައިދިނެވެ.
ބައެއް ކަންކަމަކީ ތަޖުރިބާހުރި މަންމައިންނާއި ދަރިންގެ މާމައިން ރަނގަޅަށް ދޭ ނަސޭހަތަކަށްވިޔަސް، ވިހައިގެން އެ ވޭތުކުރާ ފުރަތަމަ ދުވަސްތަކުގައި މަންމައިން ތިބޭ ހާލަތުގެ ގޮތުން އެ ވާހަކަތައް މުޅިން ތަފާތުކޮށް ވިސްނޭ ފަހަރުވެސް އާދެ އެވެ.
އެއާއިއެކު އެންމެ ގިނަ މަންމައިން ފާހަގަކުރި އެއް ކަމަކީ ދަރިން އަޅާ ކިޔުމެވެ. ކުދިންގެ ކުލަ އާއި ބަރުދަނާ ސިފަތަކާއި ހެދިބޮޑުވާ ސްޕީޑަށް ފާޑު ކިޔުމެވެ. އެއް ގެއެއްގައި އެއް އާއިލާއެއްގައި އެކަކު ދަރިންގެ ކަންކަން ކުރާ ގޮތާއި އަނެކަކު ކަންތައްތައް ކުރާ ގޮތާއި ދެމެދު ބަސްބުނެ، ކުދިންގެ މެދުގައި ފަރަގެއް ގެންގުޅުމެވެ.
މަންމައިންނަށް ކުރިމަތިވާ ކޮންމެ ގެއްލުމެއް އަސަރު ދަރިފުޅަށް!
ކިތަންމެ ލުއި ގޮތަކަށް ގިނަ ފަހަރު މިފަދަ ކަންކަން ނެގުނަސް، މީގެ ސަބަބުން ސީރިއަސް މައްސަލަތަކެއް ތުއްތު ދަރިފުޅަށާއި މަންމައަށް ކުރިމަތިވެފައިވާކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ. ކަން އޮންނަ ގޮތްތައް ގިނަ ފަހަރު ނޭގި ސިއްހީ ލަފައެއް ނުހޯދާ އެކި އެކި ހިޔާލުތައް ދީ އެކިކަންކަންކުރަން ބުނުމުން ނޭދެވޭ ނަތީޖާތަކެއް ނުކުމެފައި އެބަހުއްޓެވެ.
"ބައެއް ފަހަރު ކިރު ފުރަތަމަ ދެތިން ދުވަހު ކިރު މަދުވެގެން ވަރަށް ބޮޑަށް ، ދަޅު ކިރު ދިނުމަށް އެބަ ބާރު އަޅާ، އެކަމަކު ކިރު އަރަން ދުވަސްކޮޅެއް ނަގާ، މަދުހެން ހީވިއަސް ގިނަފަހަރު ދަރިފުޅަށް ފުދޭވަރަށްހުރޭ. މިފަދަ ކަންކަމުން ގިނަ ފަހަރު މަންމައަށް އެހީވުމުގެ ބަދަލުގައި އިތުރަށް ހާސްކުރެވޭ" ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވި އެވެ.
މީގެއިތުރުން ވެސް އެންމެ ސީރިއަސްކަމެއްގެ ގޮތުގައި ޑޮކްޓަރު ފައިސަލް ފާހަގަކުރެއްވި އެއްކަމަކީ ފޫޅުގައި ތަފާތު އެއްޗެހި ހާކަން ބުނުމުވެ. މިގޮތުން އެއްފަހަރަކު އާއިލާއިން ބުނި ބުނުމަކަށް ދަރިފުޅުގެ ފޫޅުގައި މާމުއި ހާކައިގެން ފޫޅުގައި ޖަރާސީމު އަށަގަނެ ކުއްޖެއްގެ ހާލު ސީރިއަސްވިކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.
މިކަމުގައި ރަނގަޅު ގޮތަކީ ފޫޅުގައި އެއްވެސް އެއްޗެއް ނުހާކާ ސާފުކޮށް ހިއްކާލުން ކަމުގައިވާއިރު، ބައެއް ކުދިންގެ ފޫޅުވެއްޓޭލެއް އެހެންކުދިންނާއި އަޅާބަލާއިރު ލަސްވެދާނެ ކަމަށް ޑޮކްޓަރުން އިރުޝާދު ދެއްވަ އެވެ.
މީގެއިތުރުންވެސް ޒަމާނުއްސުރެ މިފަދަ ކަންކަމުގައި މާކުރިން އަމަލު ކުރެވެމުން އައި ގޮތްތަކެއް ހުރި ނަމަވެސް، ސައިންސްގެ ހޯދުންތަކާއިއެކު މިހާރު އެކަންކަން އުވިގޮސް، ޒަމާނީ ބޭސްވެރިކަމުގެ އަލީގައި ފަރުވާ ކުރެވޭއިރު، ބޯ ވައްކުރަން އެކި ޒާތުގެ އެއްޗެހި ބަނުން ފަދަ ކަންކަންވެސް ނުކުރުމަށް ޑރ. ފައިސަލް އިލްތިމާސް ކުރެއްވި އެވެ.
ސިއްހީ އިރުޝާދުތަކެއް ނުހޯދާ ހީވާ ހީވުމަކަށް ކަންކަން ކުރަން ބުނުމުން ބައެއް ފަހަރު ހައްލެއް ނުލިބި އިތުރު ވޭންތަކެއް މަންމައަށާއި ކުޑަ ދަރިފުޅަށް ލިބިދާނޭކަމަށްވެސް ނަސޭހަތްތެރިވެ އެވެ.
"މިކަހަލަ ކަންކަން މިކުރަނީ ވަކި ކަމެއް ރަނގަޅުކުރަން. އެކަމަކު އެއީ އަސްލު ކުރަންވާ ކަމެއް ނޫންވެއްޖިއްޔާ އެއިން ހައްލެއްވެސް ނުލިބޭ. ދެން މަންމަ އިތުރަށް ސްޓްރެސް މިވަނީ. ސްޓްރެސް ވާ ވަރަކަށް ކިރު އަނެއްކާ މަދުވާނެ. ދެން އަނެއްކާ އިތުރަށް ބޭބީ ރޯނީ" ޑރ. ފައިސަލް ކުޑަ މިސާލެއް ނަންގަވަމުން ވިދާޅުވި އެވެ.
ކައިވެނީގައި ރެދުލާ އެތަށް އާއިލާއެއް ރޫޅިފައިވެސް އެބަހުރި
މިކަމުގެ ސީރިއަސްކަން ހާމަކުރައްވާ ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) ގެ ޑިރެކްޓާ އޮފް ކައުންސެލިން އެންޑް ސައިކޯ ސޯޝަލް ސާވިސަސް ޝިޔާމާ އަންވަރު ވިދާޅުވިގޮތުގައި ގިނަފަހަރަށް ޕޯސްޓް ޕާޓަމް ޑިޕްރެޝަންއަކީ ހިނގާ ކަމެއްކަންވެސް ނޭގި އޭގެ ހިތްދަތި ނަތީޖާތަކާއި މާފަހުން ކުރިމަތިލާންޖެހިފައި ހުރި އާއިލާތައް ރާއްޖޭގައި ގިނައެވެ.
" އަޅުގަނޑުމެންނަށް ޑައިރެކްޓްލީ ސީދާ ޕޯސްޓްޕާޓަމް ޑިޕްރެޝަންއޭ ކިޔާފައި ކޭސްތައް ހަމަ ވަރަށް ނާދެއޭ ބުނެވިދާނެ. އެކަމަކު ފީލްޑް އެކްސްޕީރިއެންސްއަށް ބަލާއިރު މިކަން ރާއްޖޭގައި ހިނގާކަން އެބަ އިނގޭ. ގިނައީ މިއީ ވާކަމެއްކަން ނުވެސް އެނގިތިބެ މިކަންކަމާއި ކުރިމަތިލާ މީހުން. އެއީ އެހެންކަންކަމަށް އެހީ ހޯދަން އަޅުގަނޑުމެންނަށް ގުޅާލައިގެން ނޫނީ ވާހަކަދައްކާލީމަ އެބަ އެނގޭ އެއީ ޕޯސްޓްޕާޓަމް މައްސަލަތައް ތަހައްމަލު ކޮށްފައި ހުރިކަން" ޝިޔާމާ ވިދާޅުވިއެވެ.
ޝިޔާމާ ވިދާޅުވިގޮތުގައި މިކަންކަން ހައްލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުޖްތަމައު މިކަމާއި ދޭތެރޭ ދެކޭގޮތެވެ. ނުވަތަ މިއީ ހިނގާ ކަމެއްކަން ގިނަބަޔަކަށް ގަބޫލުނުކުރެވުމެވެ.
"ސްޕެސިފިކް ކޭސަސް އަޅުގަނޑުމެންނަށް ދިމާވެފައި އެބަހުރި ހަމަ އާއިލާއިން ބުނާނެ ދަރިފުޅަށް އަޅާނުލާއޭ. ހަމަ ގޯހީއޭ. ވަރިހަމައީއޭ. އަނެއްކޮޅުން މަންމައިން އެބަ މިކަންކަން ދިމާވިޔަސް އެހީ ހޯދަން ފަސްޖެހޭ. މި ވާހަކަތައް ދައްކަން ޖެހިލުންވޭ. ވަށައިގެންތިބި އެންމެން އެބަ އުފާފާޅުކުރޭ ދަރިފުޅު ލިބުނީމަ. އެކަމަކު އެކަމާ އެންމެ އުފާވާންޖެހޭ މަންމަ އަށް އެ އިހުސާސްތައް ނުކުރެވޭނަމަ ކިހާ ހާސްވާނެތޯ؟" ޝިޔާމާ ވިދާޅުވިއެވެ.
މިކަމަށް ހޭލުންތެރިކަން ވަރަށް ބޮޑަށްވެސް ބޭނުންވާކަން ފާހަގަކޮށް އޭނާ އިތުރަށް ވިދާޅުވީ މިފަހުން 2019 ގައި އުތުރުގެ ރަށަކުން ދެފަހަރެއްގެ މަތިން ޒުވާން ދެ ބައްޕައަކު އަނބިމީހާގެ ކިބައިން މިފަދަ އަލާމާތްތަކެއް ފެނިގެން އެހީ ހޯދިކަމަށެވެ. އެހެންނަމަވެސް އެ ކޭސްގައިވެސް ފިރިހެން ކުއްޖާގެ އާއިލާއަށް މިކަން ގަބޫލުކުރުމަށް އުނދަގޫތަކެއް ހުރިކަން ޝިޔާމާ ފާހަގަކުރެއްވިއެވެ.
މިއީ ވެދާނެ ކަމެއް ވެއްޖެނަމަ އެހީވާންވެސް ދަސްކުރަންޖެހޭ!
އޭޑިކޭ ހޮސްޕިޓަލްގައި ފާއިތުވެދިޔަ ހަތް އަހަރު އަންހެނުންގެ ހާޢްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށް ވިހެއުމުގެ ކަންކަމުގައި މަންމައިންނާއި އެންމެ ގާތުގައި ޚިދުމަތްކުރުމުގެ ތަޖުރިބާއާއި އެކު ޑރ.އާމިނަތު ނުސްރާ ވެސް ވިދާޅުވީ ޕޯސްޓް ޕާޓަމް ޑިޕްރެޝަންގެ މައްސަލަތައް ވަރަށް އާންމުކޮށް ވިހައިގެން އުޅޭ މަންމައިންގެ ކިބައިން ފާހަގަކުރެވެއެވެ. މިކަންކަމަކީ ވިހެއުމާއި އެކު ހަށިގަނޑަށް އަންނަ ބަދަލުތަކާއި އެކީ މެދުވެރިވާ ކަންކަމަށްވާއިރު، މިކަމަށް ހޭލުންތެރިވެ، އެހީތެރިކަން ހޯދާ އަދި އާއިލާއާއި ގާތް ފަރާތްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވެއެވެ.
" މިކަމުގައި އެންމެ މުހިންމީ އަމިއްލަ އަށް މިއީ ވާކަމެއްކަން ރިކޮގްނައިޒް ކުރުމާއި ވެދާނެކަމެއްގެ ގޮތުގައި ބަލައިގަތުން. އާއިލާއާއި ގާތްތިމާގި ރަހުމަތްތެރިންގެ ފަރާތުން އެހީތެރިކަމާއި ސަޕޯޓް ލިބުން. އަޅުގަނޑު ބުނެލަން ބޭނުން ހުރިހާ މަންމައިންނަށްވެސް ފަސްނުޖެހި މިކަހަލަ އެއްވެސް އަލާމާތެއް ހުރިނަމަ އޯޕަންކޮސް ވާހަކަދެއްކުމަށް. ގައިނީއެއް އެންމެ ފުރަތަމަ ވިހައިގެން ގާތުގައި މިހުންނަނީ. ހަމަ ކުޑަކޮށް ނަމަވެސް މިކަހަލަ އުނދަގޫތަކެއް ދިމާވާނަމަ އަޅުގަނޑުމެންވެސް އިތުރު އެހީތެރިކަން ފޯރުކޮށްދީ އެ ކޭސް އެއް ފޯވަޑް ކޮށްލާނެ." ޑރ.ނުސްރާ ވިދާޅުވިއެވެ.
ވިހެއުމަކީ ދިރިއުޅުމުގައި ކުރިމަތިލާ ކުޑަ ކަމެއް ނޫނެވެ. އަދި އެއީ ހަޔާތަށް އަންނަ ހިނދުކޮޅެއްގެ ބަދަލެއްވެސް ނޫނެވެ. އެހެންކަމުން މި ކަންކަމާއި އަންހެނަކު، އަންބަކު، އަދި މަޔަކު ކުރިމަތިލާއިރު، އެހީތެރިވެ، ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުންވެސް އެހީތެރިވެވޭތޯ ބަލަމާ ހިނގާށެވެ.