ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުވެ ވަޑައި ނުގަތުމުން ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރަން އަންގާފައި ވަނިކޮށް ބަލިހާލަތު ހުރިގޮތުން ކަމަށް ވިދާޅުވެ މިއަދު ވެސް މުސްތަފާ ކޯޓަށް ހާޒިރުވެ ވަޑައިއެއް ނުގަތެވެ.

މުސްތޮފާ ބަންދުގައި ބަހައްޓައިގެން މިއަދު 11:00 އަށް ކޯޓަށް ހާޒިރު ކުރަން ފުލުހުންނަށް އަމުރު ކޮށްފައި ވަނިކޮށް އޭނާ ވަނީ ޑޮކްޓަރުގެ ސެޓްފިކެޓްތަކެއް ފުލުހުންނަށް ހުށަހަޅައިފަ އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މުސްތަފާއަށް ދައުވާލިބޭ ޗެކްބައުންސްގެ މައްސަލައަކާއި ގުޅިގެން އިއްޔެ 10:00 އަށް ކޯޓަށް ހާޒިރުވާން ކުރި އަމުރަށް މުސްތަފާ ކޯޓަށް ހާޒިރުނުވުމުން ބަންދުގައި ބަހައްޓައިގެން މިއަދު ކޯޓަށް ހާޒިރުކުރަން އަމުރު ކުރި ނަމަވެސް ބަލިހާލަތު ހުރިގޮތުން ކޯޓަށް ހާޒިރުވާން އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ މުސްތޮފާ ފުލުހުންނަށް ހުށަހަޅާފައިވާ ޑޮކްޓަރުގެ ސެޓްފިކެޓްތަކެއް ފުލުހުން މިއަދު ކޯޓަށް ގެނެސްދީފައިވާ ކަމަށެވެ.

"އިއްޔެ 10:00 އަށް މުސްތަފާއަށް އަމުރު ފޮނުވީ ކޯޓަށް ހާޒިރުވުމަށް. ނަމަވެސް މުސްތަފާ ކޯޓަށް ހާޒިރުނުވުމުން އިއްޔެ މި ކޯޓުންވަނީ ބަންދުގައި ބަހައްޓައިގެން މިއަދު 11:00 އަށް މުސްތަފާ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފަ. މިއަދު ފުލުހުން ބުނީ ބަލި ހާލަތު ހުރިގޮތުން ކޯޓަށް ހާޒިރުވާން އުޒުރުވެރިވާކަމަށް ބުނެ މުސްތަފާ ޑޮކްޓަރުގެ ސެޓްފިކެޓްތަކެއް ހުށަހަޅާފައިވާކަމަށް. ފުލުހުން ވަނީ އެ ސެޓްފިކެޓްތައް ކޯޓަށްވެސް ހުށަހަޅާފަ،" އޮފިޝަލް ވިދާޅުވި އެވެ.

ކޯޓު އަމުރާއި އެއްގޮތަށް ކޯޓަށް ހާޒިރުނުވާ އެންމެންވެސް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުވުމަށް ފުލުހުންނަށް އަމުރުކުރުމަކީ އަބަދުވެސް ކޯޓުން ކުރާ ކަމެކެވެ.

ކޯޓަށް ހާޒިރުވުމަށް އިއްޔެ އަމުރުކުރުމުން ކޯޓަށް ހާޒިރުނުވެ މުސްތަފާ ވަނީ ކޯޓަށް ސިޓީއެއް ފޮނުވާފަ އެވެ.
މުސްތަފާގެ ސިޓީގައި ބުނަނީ ކްރިމިނަލް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަކީ ގާނޫނު އަސާސީގެ 149 ވަނަ މާއްދާ އާއި ޚިލާފަށް އައްޔަންކޮށްފައިވާ ފަނޑިޔާރުން ކަމަށްވާތީ، ދަށު ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒު ނުކުރައްވާނެކަމަށް ދައުލަތުގެ އެންމެމަތީ ވެރިޔާގެ އެންގުމެއް ރާއްޖޭގެ މީޑިއާގައި އާންމުކޮށް އިއުލާންކޮށްފައި ވީހިނދު، ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައާއި ގުޅިގެން ކޯޓަށް ހާޒިރުވުމަކީ ގާނޫނު އަސާސީއާ ޚިލާފު، އަދި ގާނޫނު އަސާސީގެ ސިޔާދަތު ނަގާލެވޭފަދަ އަމަލަކަށްވާތީ ކޯޓަށް ހާޒިރުވާން އުޒުރުވެރިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި މެދު ރައްޔިތުންގެ އިތުބާރުގެއްލިފައިވާ ދަނޑިވަޅުގައި ކޯޓަށް ހާޒިރު ނުވުމަށް ތިމަރަފުށީ ކައުންސިލުން ވެސް އޭނާއަށް އިލްތިމާސްކޮށްފައިވާ ކަމަށާއި ގާނޫނު އަސާސީގައި ބަޔާންކުރާފަދަ ފަނޑިޔާރުން އައްޔަންކުރެއްވުމުން ކޯޓުގެ އަމުރަށް ފުރިހަމަޔަށް ކިޔަމަންވެވަޑައިގަންނަވާނެ ކަމަށް ވެސް ސިޓީގައި ވެއެވެ.