ކޮވިޑް 19 ގެ ކޭސްތައް ރާއްޖޭގައި އިތުރުވީ ސުކޫލުތައް ހުޅުވީމައޭ ބުނެވެން ނެތް ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެފައި އޮތުމަށް ފަހު މި ހަފްތާ ތެރޭގައި 100 އިން މައްޗަށް އަދަދުތައް ވަނީ އަރަން ފަށާފަ އެވެ. މިރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޭސްތައް އިތުރުވީ ސުކޫލުތައް ހުޅުވުމުންނޭ ބުނެވެން ނެތް ކަމަށެވެ.

ލުއިދޭއިރު އަބަދުވެސް އޭގެ ނަތީޖާ ފެންނަން ދެހަފްތާ ނުވަތަ ތިން ހަފްތާ ވަރު ނަގާނެ ކަމަށް ބުނަމުން އަންނަ ކަމަށާއި އެހެންވީމާ ކޭސް އިތުރުވެގެން ދަނީ ސުކޫލު ހުޅުވިގެން ނޫން ކަމަށެވެ.

"ސުކޫލު ހުޅުވުނު ދެ ހަފްތާގައި ކޭސް އިތުރުވުމަކީ ކޮންމެހެންނެއް ސުކޫލުގެ ސަބަބުން ކޭސް ގިނަވީ ކަމަކަށެއް ނުވެއް ބެލެވޭނެ." ނަޒްލާ ވިދާޅުވި އެވެ.

މުޅި ކޮމިއުނިޓީގައި ކޭސްތައް އިތުރުވަމުން ދާނަމަ ސުކޫލުތައް ބަންދު ކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެޑިއުކޭޝަނާ މަޝްވަރާކޮށްގެން ދެން ކުރިއަށް ދާނެ ގޮތެއް ނިންމާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން 106 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން 93 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ.