28 Jan 2021, 22:06
ކޮވިޑް 19 ފެތުރުން އިތުރުވެފައިވާތީ އައިޖީއެމް ހޮސްޕިޓަލުން ހިދުމަތް ދޭއިރު މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފި އެވެ.
ކޮވިޑް 19 އަށް މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް ފެތުރުން އިތުރުވެފައި ވާތީ ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށްޓަކައި މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުން ދޭ ހިދުމަތްތަކަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް ވަންނަ ބަލިމީހުން ހުމާއި ރޯގާ ހުރިތޯ ބެލުމަށް ދޮރުމަތީގައި ސްކްރީން ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ހަމަ އެގޮތަށް އޯޕީޑީއަށް ޑޮކްޓަރަށް ދައްކަން ދާ ފަރާތްތަކުގެވެސް ހުމާ ރޯގާ ހުރިތޯ ސްކޭން ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
"މިއިން އެއްވެސް ހާލަތެއްގައި ހުމާއި ރޯގާގެ އަލާމާތްތައް ހުރިނަމަ ފްލޫ ކްލިނިކަށް ދިއުމަށް އިރުޝާދު ދެވޭނެ." އައިޖީއެމްޗުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ގިނަ އޯޕީޑީތަކުގައި ބަލި މީހުން ބެލުން ހެނދުނު އަށަކުން ދެއަކަށް ކުރު ކުރެވޭނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި އޯޕީޑީ ވެއިޓިން އޭރިއާގައި އެއްވަގުތެއްގައި ތިބޭ ބަލި މީހުން މަދު ކުރުމަށް އެކި ގަޑިތަކަށް ބަހާލައިގެން ބަލިމީހުން ޑޮކްޓަރަށް ދައްކަން ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ. އަދި ދުރާލާ ރާވައިގެން ކުރާ އޮޕަރޭޝަންތައް މަދުކުރެވޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އެ ބަދަލުތައް ގެނައި ނަމަވެސް އެމަޖެންސީ ހާލަތުގައި ގެންދާ މީހުންނަށް 24 ގަޑިއިރު ފަރުވާ ދެވެމުން ދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.