28 Jan 2021, 20:12
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައި ތިބި ފަރާތްތަކުގެ ތެރެއިން ނަން އަނބުރާ ގެންދިއުމަށް ލިބޭ ފަހު ފުރުސަތަކީ ފެބުރުއަރީ 11 ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މިދިއަ އެޕްރީމް ހަވަނަ ދުވަހު ބާއްވަން އުޅުނު އިންތިހާބު ލަސް ކުރީ ކޮވިޑްގެ ހާލަތާއި ގުޅިގެންނެވެ. އިންތިހާބު ލަސް ކުރުމަށް ފަހު ނަން އަނބުރާ ގެންދަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ އެއް އަހަރު ދުވަހު މުއްދަތެއް ދެން އިންތިހާބު ބޭއްވުމާ ދެމެދު ވާތީ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ނަން އަނބުރާ ގެންދިއުމުގެ ފަހު ފުރުސަތަކީ ފެބުރުއަރީ 11 ވަނަ ދުވަހުގެ 14:00 ކަމަށެވެ.
ކައުންސިލް އިންތިހާބުން 100 އަށްވުރެ ގިނަ ކެންޑިޑޭޓުން މިހާތަނަށް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23ގަ އެވެ.
ކައުންސިލް އިންތިހާބު ބާއްވަން މިހާރު އިލެކްޝްންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ތާރީހަކީ އެޕްރީމް 10 ވަނަ ދުވަހެވެ.