28 Jan 2021, 20:11
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވެންޓުން މާދަމާއިން ފެށިގެން ސަސްޕެންޑް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ކައުންސިލް އިންތިހާބު ބާއްވަން މިހާރު އިއުލާނުކޮށްފައި ވަނީ އެޕްރީލް 10 ވަނަ ދުވަހު އެވެ. އަދި ކެމްޕެއިން ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
ކައުންސިލް އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުން ކުރިން ސަސްޕެންޑް ކޮށްފައި ތިބުމަށް ފަހު އިންތިހާބު ލަސްވުމާ ގުޅިގެން އެމީހުންގެ ސަސްޕެންޝަން އުވާލަން ގާނޫނަށް އިސްލާހު ގެނަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މާދަމާއިން ފެށިގެން އެ ކެންޑިޑޭޓުން ސަސްޕެންޑް ވާނެ ކަމަށެވެ. އަދި އެކަން ސިވިލް ސާވިސް ކޮމިޝަނުން އެ ކެންޑިޑޭޓުންނަށް އަންގާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރު ވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު މަސައްކަތްތައް ފަށާފަ އެވެ. އެގޮތުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރެޖިސްޓްރީ ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެހެންވެ ރަށްވެހިކަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އަށެއް ފެބުރުއަރީ 2021 ގެ ކުރިން އެކަން ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.