30 Jan 2012, 11:35
ރުޅިއައިސްފައި ތިބެ މުޒާހަރާކުރި ބައެއްގެ އަތްދަށުވެ، ރެސްޓޯރެންޓެއްގެ ތެރޭގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޖޫލިއާ ގިލާޑާއި އެ ގައުމުގެ އިދިކޮޅު ލީޑަރު ޓޯނީ އެބޮޓް ގައިދުވި މައްސަލަ ތަހުގީގުކުރުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިފި އެވެ.
ކެންބެރާގައި ހުންނަ ޓެންޓް އެމްބަސީ ތެރެއިން ފެށި މުޒާހަރާ ފެށެން ދިމާވި ސަބަބަކާއި އެ މުޒާހަރާގެ ބައިވެރިންނަށް އިދިކޮޅު ލީޑަރު އެބޮޓް ހުންނެވި ތަނެއް އެނގުނު ގޮތަކާ ބެހޭ ގޮތުން އެކިއެކި ގޮތްގޮތަށް ވާހަކަތައް ވަނީ ފެންމަތިވެފަ އެވެ.
ޓެންޓް އެމްބަސީގެ ކައިރީގައި ހުރި ރެސްޓޯރެންޓެއްގައި ބޮޑުވަޒީރު ޖޫލިއާ ގިލާޑާއި އިދިކޮޅު ލީޑަރު އެބޮޓް ވަޑައިގެން އުޅުއްވާ ކަމަށް ޔޫނިއަން އެކްޓްގެ އޮފިޝަލެއްގެ އަރިހުގައި ވިދާޅު ވެވުނު ކަމަށް އެއްބަސްވެވަޑައިގެންނެވުމަށް ފަހު ގިލާޑުގެ މިޑިޔާ އެޑްވައިޒަރަކު ވަނީ އިސްތިއުފާދެއްވާފަ އެވެ.
އަދި އެމައުލޫމާތު ޓެންޓް އެމްބަސީގެ މެމްބަރުންނަށް ލިބުނުކަމަށާއި އޮސްޓްރޭލިއާގެ ތާރީހުގައި ހިނގި ސެކިއުރިޓީ ގެއްލުމުގެ އެންމެ ގޯސް ހާދިސާ ކަމަށް މިހާރު ބެލެވިފައިވާ އެ މުޒާހަރާ އުފެދުނީ އެހެންވެ ކަމަށް އޮސްޓްރޭލިއާގެ މަޝްހޫރު ސްކައި ނިއުސްއިން މިއަދު ބުންޏެވެ.
"އެހާދިސާގެ ހުރިހާ ކަމެއް ވަނީ ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި، އެކަމުގެ އެންމެ އަޑިއަށް ވާސިލުވެ، އެކަމުގައި ކާކު ކުރީ ކޮން ކަމެއްކަން ދެނެގަނެވޭނެ ހަމަ އެކަނި ގޮތަކީ އޮސްޓްރޭލިއާގެ ފެޑެރަލް ފުލުހުން އެކަން ތަހުގީގުކުރުން،" އިދިކޮޅު ސިޔާސީ ބޭފުޅެއް ކަމަށްވާ ކްރިސްޓޮފާ ޕައިން އޭބީސީ ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވެއެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ އެކަމުގައި ބޮޑުވަޒީރު ގިލާޑު ރަނގަޅު ފިޔަވަޅު އަޅުއްވާނެ ކަމަށް އުއްމީދުކުރާ ކަމަށާއި ނާޅުއްވައިފި ނަމަ އޭނާގެ ޕާޓީން އެކަމުގައި އެޅެން ހުރި ފިޔަވަޅުތަކަށް ދާނެ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޖޫލިއާ ގިލާޑާއި އިދިކޮޅު ލީޑަރު ޓޯނީ އެބޮޓް ރެސްޓޯރެންޓެއްގައި އޮތް އެވޯޑް ދިނުމުގެ ހަފުލާއެއްގައި ތިއްބަވަނިކޮށް، އޮސްޓްރޭލިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޒާހާރާ ކުރި އެބޮރިޖިން މީހުން (އޮސްޓްރޭލިއާގެ އަސްލު ވަޒަންވެރިން) ގެ ބަޔަކު ވަނީ އެ ރެސްޓޯރެންޓް ވަށާލައި އެ ދެ ބޭފުޅުން އެތަނުން ނުކުމެވަޑައިގަތަނުދީ އެތައް އިރެއް ވަންދެން ހިފަހައްޓާފަ އެވެ. އެ ދެ ބޭފުޅުން ވެސް އެތަނުން ބޭރަށް ވަޑައިގެންނެވީ ސަލާމަތީ ބާރުތަކުގެ އެހީގައެވެ.
ގިލާޑާއި އިދިކޮޅު ލީޑަރު އެބޮޓް ތިއްބެވި ރެސްޓޯރެންޓްގެ ކައިރިއަށް އެއްވި މީހުން ވަނީ އެ ރެސްޓޯރެންޓާއި އެ ދެބޭފުޅުންގެ ކާރުގެ ބިއްލޫރިތަކުގައި ތަޅާ ހަދާފައި ކަމަށް އޮސްޓްރޭލިއާގެ ނޫސްތަކުން ބުންޏެވެ.
އެބޮރިޖިން މީހުން ފާހަގަކުރާ އޮސްޓްރޭލިއާ ދުވަހަކީ އެގައުމުގައި ފަހުން ވަޒަން ވެރިވި ބައެއް ކަމަށްވާ އިނގިރޭސި ދަރިކޮޅުގެ މީހުން އެގައުމުން ފައިބާ، އެމީހުންގެ ގައުމު އެމީހުންނަށް އަނބުރާ ދިނުމަށް ގޮވާލައި މުޒާހަރާކުރާ ދުވަހެކެވެ.