ދަރިމައިވުމުގެ މާޔޫސްކަމާ ކުރިމަތިވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ހަރަކާތްތައް ހިންގަމުން އައި ގުރޫޕެއް ކަމަށްވާ "ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ" ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފި އެވެ. މިއީ ދަރިމައިވުމުގެ މައްސަލަތަކާ ގުޅޭ ޖަމްއިއްޔާއެއް ރާއްޖޭގައި ރަޖިސްޓްރީ ކުރި ފުރަތަމަ ފަހަރެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނީޓީ އިން ބުނީ ޖަމިއްޔާގެ މަގްސަދަކީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާ ގުޅޭގޮތުން ސައްހަ މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރި ޕްރޮގްރާމް ހިންގާ އަދި ދަރިމައިވުމުގެ އުނދަގޫ ތަހައްމަލު ކުރާ ފަރާތްތަކަށް ހިއްވަރުދިނުން ކަމަށެވެ. މީގެ އިތުރުން އެފަދަ އުނދަގޫތައް ތަހަންމަލު ކުރަމުން ދާ ފަރާތްތަކަށް ސަޕޯޓް ގުރޫޕް ހިންގުމާއި އެފަދަ މީހުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް މަސައްކަތް ކުރުން ވެސް އެ ޖަމްއިއްޔާގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ވުމުގެ ކުރިން ވެސް މި ގްރޫޕުންވަނީ ކާމިޔާބު މަސައްކަތްތަކެއް ފާއިތުވި އެއް އަހަރުތެރޭ ކޮށްފަ އެވެ.

އެގޮތުން ތަފާތު އެކި އެކި މައުލޫމާތު ސެޝަންތަކެއް ވަނީ ބާއްވައިފަ އެވެ. އަދި ކޮވިޑްގެ ހާލާތައި އެކުގައިވެސް މެދުކެނޑުމެއް ނެތި އޮންލައިންކޮށް މި ސެޝަންތައް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އަދި ދަރިމައިވުމުގައި މައްސަލަތައް ކުރިމަތިވާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެކު، ބޭސްފަރުވާ އަށް ރާއްޖެ އަދި ރާއްޖެއިން ބޭރުން އެކި އެކި ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދައި ދިނުމަށް ފަންޑްރެއިސިން ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ޖަމިއްޔާގެ ފައުންޑާ މެންބަރުންނަކީ އާޝާ ހުސެއިން އާއި ހައްވާ އިހުސާނާ އަދި ވައިސް ޕްރެސިޑެންޓްއަކީ މަރްޔަމް ޝާނީޒް އެވެ. އެގްޒެކެޓިވް ސެކްރެޓަރީއަކީ ފައިހާ ފަހީމް އަދި ޓްރެޝަރާ އެއްގެ ގޮތުން މަސައްކަތް ކުރާނީ ރީމާ ހުސެއިން އެވެ. މި ޖަމިއްޔާގެ އެންމެހާ ހަރާކާތްތައް ހިންގުމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއިން ވަނީ ތަފާތު އެކި ދާއިރާ ތަކުގައި މަސައްކަތް ކުރާ މީހުން ހިމެނޭ އެގްޒެކެޓިވް ޓީމެއް އެކުލަވާލާފަ އެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ގެ މެންބަރުން

އެގްޒެކެޓިވް ޑިރެކްޓަރުންގެ ޓީމުގެ ހިމެނެނީ ލުބްނާ އަލީ، މަރިޔަމް ޝަހިންދާ، އުރުބަތު ނައީމް، އައިޝަތު ޝާއިހާ، މަރިޔަމް ޝިފާޒާ އަދި އީމާން އަންވަރު އެވެ.

މި ދިޔަ އަހަރާ ހިލާފަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ މަސައްކަތް ފުޅާކޮށް ރަސްމީކޮށް ހަރަކާތްތެރި ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ދަރިމައިވުމުގެ ހުރަސްތައް ހުންނަ މީހުންނަށް ރާއްޖެއިން ފަރުވާ ލިބޭނެ ގޮތްތައް ހޯދާދިނުމާއި މި ކަމަށް ސިއްހީ ދާއިރާއިން ބޭނުންވާ އެހީތެރިކަމާއި ސަޕޯޓް ހޯދުމެވެ.

ދަރިމައިވުމުގެ ސިއްހަތާއީ އަދި ރާއްޖޭގައި "އިންފާޓިލިޓީ" ގެ ހާލާތާއި އެންމެ ގިނަ ބަޔަކު ދަރިމައިވުމަށް ހުރި ހުރަސްތަކަކީ ކޮބައިކަން ބަލާ ރިސާޗެއް ހަދާ ޕަބްލިޝް ކުރުމަކީ މި ޖަމިއްޔާގެ އެއް އަމާޒުކަމުގައިވާއިރު މިހާރުވެސް ދަނީ މިކަމާއި ގުޅޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ޖަމިއްޔާގައި މެންބަރަކަށް ވުމަށް ދިވެހި ކޮންމެ ރައްޔިތަކަށް ވަނީ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއިން ހުޅުވާލާފަ އެވެ. އަދި ޖަމިއްޔާއިން އިން ބާއްވާ އެކި އެކި މައުލޫމާތު ބައްދަލުވުންތަކާއި ސެޝަންތަކުގައި ރެޖިސްޓްރީކޮށްގެން ބައިވެރިވެވޭ ގޮތަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ރެޖިސްޓާ ކުރެވޭނެ އެވެ.