ކޮލަމްބޯ (ޖެނުއަރީ 28): އިންޑިއާއިން ސްރީލަންކާއަށް ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިން މާދަމާ ޖަހަން ފަށާނެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އިންޑިއާއިން ލަންކާއަށް ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިންގެ 500،000 ޑޯޒް މިއަދު އެގައުމަށް ވަނީ ފޮނުވާފަ އެވެ. އަދި ލަންކާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެގައުމުން މާދަމާ ކޮލަމްބޯ އާއި ކޮލަމްބޯ ކައިރީ ހުންނަ ހަ ހޮސްޕިޓަލެއްގައި ވެކްސިން ދޭން ފަށާނެ އެވެ.

ލަންކާގެ ހެލްތް ސާވިސެސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޑރ. ހެމަންތަ ހިރަތު ވިދާޅުވި ގޮތުގައި އެގައުމުން ވެކްސިން ފުރަތަމަ ދޭނީ ކޮލަމްބޯ ނެޝަނަލް ހޮސްޕިޓަލް އާއި ކޮލަމްބޯ ސައުތު ޓީޗިން ހޮސްޕިޓަލް އާއި ކޮލަމްބޯ ނޯތު ޓީޗިން ހޮސްޕިޓަލް އާއި ހޮމަގަމާ ބޭސް ހޮސްޕިޓަލް އާއި ކޮލަމްބޯ އީސްޓް ބޭސް ހޮސްޕިޓަލް އާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީސެސް (އައިޑީއެޗް)ގެ 25 ޕަސެންޓު މުވައްޒަފުންނަށެވެ.

ލަންކާއިން މީގެ ކުރިން ބުނި ގޮތުގައި އެގައުމުން ކޮވިޑް ވެކްސިން ދިނުމުގައި އިސްކަން ދޭނީ ސިއްހީ ދާއިރާގެ ފްރޮންޓްލައިން ވޯކަރުންނާއި ސިފައިންނާއި ފުލުހުންނާއި އެއާޕޯޓު މުވައްޒަފުންނާއި 60 އަހަރުން މަތީގެ މީހުންނަށެވެ.

ކޮވިޝީލްޑް އަކީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން ގުޅިގެން އުފައްދާފައިވާ އަދި ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިން އެވެ. އަދި މިދިޔަ ހުކުރު ދުވަހު ލަންކާގައި ބޭނުން ކުރަން ހުއްދަ ދީފައިވާ އެ ވެކްސިންގެ 2-3 މިލިއަން ޑޯޒްއަށް އެގައުމުން ވަނީ އޯޑަރު ދީފަ އެވެ.

އިންޑިއާއިން ވަނީ މިހާރު ކޮވިޝީލްޑް ވެކްސިންގެ ޑޯޒްތައް ރާއްޖެ، ބޫޓާން، ނޭޕާލް، ބަންގުލަދޭޝް، މިޔަންމާ، ސީޝެލްސް އަދި މޮރިޝަސްއަށް ހަދިޔާކޮށްފަ އެވެ. އަދި މިޔަންމާ އާއި ބަންގުލަދޭޝް އާއި ނޭޕާލް އިން ވަނީ އިއްޔެ އެ ވެކްސިން ދޭން ފަށާފަ އެވެ.

ލަންކާގައި މިހާތަނަށް 60،600އަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހި، ބަލީގައި 290 މީހަކު ވަނީ މަރުވެފަ އެވެ.