28 Jan 2021, 15:58
ޓިކްޓޮކް ތަރ ނިމްޝާ ޒާހިރު (ނިމް) ވަޒީފާ އިން ކަޑާލިކަމަށް ބުނެ ދެކެވޭ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.
"ސަން" އާ ވާހަކަ ދައްކަމުން ނިމްޝާ މިއަދު ބުނީ އޭނާ ވަޒީފާ އަދާކުރަމުންދާ ގައުމީ އެއާލައިން މޯލްޑިވިއަންގެ ކެބިން ކްރޫއެއްގެ ވަޒީފާ އިން އޭނާ ވަކި ނުކުރާ ކަމަށެވެ.
ނަމަވެސް، ބަލި ހާލަތު ހުރިގޮތުންނާއި، ވަޒީފާގެ އިތުރު ފުރުސަތުތައް ލިބުމާ ގުޅިގެން މޯލްޑިވިއަންގައި އަދާކުރަމުން ދިޔަ ވަޒީފާ އިން ވަކިވުމަށް ސިޓީ ފޮނުވާފައިވާ ކަމަށް ނިމްޝާ ބުންޏެވެ.
"ނިމް މި އުޅެނީވެސް ވަޒީފާގައި. ނިމް ވަރަށް ބަލިކޮށް އުޅޭތީ، ނިމް އަމިއްލަ އަށް، އިތުރު ރަގަޅު ޖޮބް އޮޕަޗިއުނިޓީސްއާ އެއްޗެހި ލިބޭތީ މިހާރު އިންނާނީ ރިޒައިން ވެސް [ނޯޓިސްވެސް] ލާފައި. ވަޒީފާ އަކުން ކަނޑައެއް ނުލާ،" ނިމްޝާ ބުންޏެވެ.
ނިމްޝާ ވަޒީފާއިން ވަކިކޮށްފައި ނުވާކަން މޯލްޑިވިއަން އިންވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
ނިމްޝާ ބުނީ އޭނާ ޕާޓީ ކޮށްގެން ފުލުހަށް ހާޒިރުކުރި ކަމަށް ބުނެވެސް ވާހަކަތައް ފަތުރާ ކަމަށެވެ. ނަމަވެސް އެކަންވެސް ނިމްޝާ ވަނީ ދޮގު ކޮށްފަ އެވެ.

ޓިކްޓޮކް ތަރި ނިމްޝާ --
"މިހާރު ނިމް ބަލިވެ އުޅޭތާވެސް 10 ވަރަކަށް ދުވަސް ވެއްޖެ. ޓްރީ ޓޮޕްގައި އެޑްމިޓްކޮށްފައި މިހާރުވެސް މި އޮތީ،" ނިމްޝާ ބުނީ އޭނާގެ ނަން ހަޑިވާގޮތަށް ދޮގު ހަބަރު ނުފެތުރުމަށް އެދޭ ކަމަށެވެ.
ޓިކްޓޮކް ގައިވެސް ވަރަށް ހަރަކާތްތެރިކޮށް ފެންނަ ނިމްޝާ ބުނީ އޭނާގެ އާ ވީޑިއޯ ކޮންޓެންޓެއް ނުފެންނާތީވެސް ގިނަ ބަޔަކު އެ ސުވާލު ކުރާ ކަމަށެވެ.
"ބަލިން ރަނގަޅުވެގެން އަނެއްކާވެސް ވީޑިއޯތަކުން ފެންނާނެ. ޓިކްޓޮކް ކުޅުން ހުއްޓައެއް ނުލަން. ވީޑިއޯތަކާ ނިމްގެ އަމިއްލަ ކްލާސްތަކާ އެއްޗެހި ފައްޓަން ހުރީ. ފައްޓަން ހުއްޓަ ނިމް ބަރަށް ބޮޑަށް ބަލިވީ،" ނިމްޝާ ބުންޏެވެ.