29 Jan 2021, 08:05
އިނގިރޭސިވިލާތުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް19 ގެ އާ ވޭރިއަންޓް އަށް ޕޮޒިޓިވްވާ މީހުންގެ ކިބައިންގެ އެންމެ ގިނައިން ފެންނަ އަލާމާތްތަކަކީ ކެއްސުމާއި ވަރުބަލިވުމާއި ކަރުތެރޭގައި ރިއްސުންކަމަށް އެ ގައުމުގެ އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް (އޯއެންއެސް) އިން ބުނެފި އެވެ.
އޯއެންއެސް އިން މިހެން ބުނެފައިވަނީ ބައްޔަށް މިހާތަނަށް ޕޮޒިޓިވްވެފައިވާ 6000 ރެންޑޮމް ސާމްޕްލިންގެ މައްޗަށް ބިނާކޮށެވެ. ކުރިންނަމަ ކޮވިޑް19ގެ އެންމެ އާންމު އެއް އަލާމާތަކީ ވަހާއި ރަހަ ނުލުން ކަމުގައިވާއިރު، މި އަލާމާތް އާ ވޭރިއަންޓްގައި ފެންނަ މިންވަރު ކޮންމެވެސް ވަރަކަށް މަދު ކަމަށްވެސް މި ތަފާސްހިސާބުތަކުން ދައްކަ އެވެ.
އިނގިރޭސިވިލާތުގެ ނެޝެނަލް ހެލްތް ސާރވިސް އިން ބުނާގޮތުން ކޮވިޑް19ގެ މައިގަނޑު އަލާމާތްތަކަކީ ގަދަ ހުމާއި، ކެއްސުމާއި، އަދި ވަހާއި ރަހަ ނުލުމެވެ. ބަލި ފެންނަ މީހުންގެ މެދުގައި މި 3 އަލާމާތުގެ ތެރެއިން ކޮންމެވެސް އެއް އަލާމާތެއް ހުރެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަައި ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގެ ކެންޓް ސިޓީ އިން ފެނުނު ކޮވިޑް19ގެ އާ ވޭރިއަންޓް މިހާރު މުޅި އެ ގައުމަށް ފެތުރިފައިވާއިރު އެ ގައުމުން ބުނަނީ މި ވޭރިއަންޓް ފެތުރޭލެއް މާ އަވަސްވެފައި ފަސޭހަކަމަށެވެ. އެއާއެކު އެ ގައުމުވަނީ އަނެއްކާވެސް ލޮކްޑައުން ކޮށްފަ އެވެ.
ބައެއް ހޯދުންތަކުގެ އަލީގައި މި އާ ވޭރިއަންޓް ގެ ނުރައްކާ މާ ބޮޑުކަމަށް ވާހަކަ ދެކެވުނަސް އަދި މިކަން ޔަގީންވާ ވަރުގެ ހެކިތަކެއް ފެނިފައިނުވާކަމަށް އޯއެންއެސް އިން ބުނެ އެވެ.
އިނގިރޭސިވިލާތުގެ އިތުރަށް ދެކުނު އެފްރިކާއިންނާއި، ބްރެޒިލްއިންވެސް ވަނީ ކޮވިޑް 19ގެ އާ ވޭރިއެންޓްއެއް ފެނިފައެވެ. ނަމަވެސް އެ ވޭރިއެންޓް ފެތުރެމުންދާ ރޭޓް ވަރަށް ދަށެވެ.
އޯއެންއެސް އިން މި ދިރާސާތައް ހެދުމުގައި ނަގާފައިވަނީ އާ ވޭރިއަންޓްއަށް ޕޮޒިޓިވްވި މީހުންގެ ޕޮޒިޓިވް ނަތީޖާ ލިބުމުގެ ހަފްތާއެއް ކުރީގެ އަލާމާތްތަކާއި އަދި ކުރީގެ ވޭރިއަންޓްއަށް ޕޮޒިޓިވް ވި މީހުންގެ އަލާމާތްތަކެވެ.
އާ ވޭރިއަންޓްއަށް ޕޮޒިޓިވްވި 3500 މީހުންގެ ތެރެއިން 35 އިންސައްތަ މީހުންގެ ކިބައިން ކެއްސުމުގެ އަލާމާތް ފާހަގަވިއިރު، 32 އިންސައްތަ މީހުންގެ ކިބައިން މާ ބޮޑަށް ވަރުބަލިވުންވެސް ވަނީ ފާހަގަވެފަ އެވެ. އަދި 25 އިންސައްތަ މީހުން ގައިގައި ރިއްސި ކަމަށް ބުނާއިރު، 21.8 އިންސައްތަ މީހުންގެ ކަރުގައި ރިއްސިކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.
ނަމަވެސް ކުރީގެ ވޭރިއަންޓްއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ސާމްޕްލިންގައި ބައިވެރިކުރި 2500 މީހުންގެ މި އަަދަދުތައް ތަންކޮޅެއް ދަށްކަންވަނީ ފާހަގަވެފަ އެވެ. މިގޮތުން ކެއްސި ކަމަށް ބުނެފައިވަނީ 28 އިންސައްތަ މީހުންނެވެ. އަދި 29 އިންސައްތަ މީހުން މާބޮޑަށް ވަރުބަލިވިކަަމަށް ބުނާއިރު، 21 އިންސައްތަ މީހުން ގައިގައި ރިއްސިކަމަށް ވެއެވެ. އަދި ކަރުގައި ރިއްސާ ކަމަށް ބުނެފައިވަނީ 19 އިންސައްތަ މީހުންނެވެ.
މި ދިރާސާއިން އިތުރަށް ދައްކާގޮތުގައި ރަހަ ނުލުމުގެ އަލާމާތް ފެނިފައިވަނީ 16 އިންސައްތަ މީހުންގެ އެވެ. އަދި 15 އިންސައްތަ މީހުން ބުނާގޮތުގައި އެމީހުންނަކަށް ވަހެއް ނުދުވަ އެވެ.
އެހެނިހެން އަލާމާތްތަކަށް ބަލާއިރު، ބޮލުގައި ރިއްސުމާއި، ނޭވާ ކުރުވުމާއި، ބޭރަށް ހިންގުމާއި ހޮޑުުލުމުގެ އަލާމާތް ދެ ގްރޫޕުގައިވެސް ފާހަގަވެފައިވަނީ އެއްވަރަކަށެވެ.
ޔުނިވާސިޓީ އޮފް ވޯރިކް ގެ ޕްރޮފެސާރ އޮފް މޮލެކިއުލާ އޮންކޮލޮޖީ އަދި ވައިރޯލޮޖިސްޓް ޕްރޮފެސާ ލޮރެންސް ޔަންގް ވިދާޅުވާގޮތުގައި ޗައިނާގެ ވުހާން ސިޓީއިން ފުރަތަމަ ފެނުނު ކޮރޯނާ ވައިރަސް އާއި އިނގިރޭސިވިލާތުން މިހާރު ފެނިގެން އުޅޭ މި ވައިރަސްގެ އާ ވޭރިއަންޓް އާއި ދެމެދު 23 ތަފާތެއްވެ އެވެ. މީގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމަށް ކުރާ އަސަރާއި އަދި ފެންނަ އަލާމާތްތަކުގައި ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުންނާނޭކަމަށް އޭނަ ވިދާޅުވި އެވެ.
ހާޢްސަގޮތެއްގައި އާ ވޭރިއަންޓަށް ޕޮޒިޓިވްވާ މީހުންގެ ކިބަައިގައި ވައިރަސް ފެންނަ މިންވަރު ވަރަށް ބޮޑަށް އިތުރުކަން ފާހަގަކޮށް އޭނާ ވިދާޅުވީ މިއީ ބަލި ފެތުރެން އިތުރަށް މަގުފަހިވާ ސަބަބެއް ކަމަށާއި އަދި ކުރިން ފާހަގަކުރި ކެއްސުމާއި ގައިގައި ރިއްސުމާއި ވަރުބަލިވުން ފަދަ އަލާމާތްތައް އިތުރަށް ފެންނަން މެދުވެރިވާ ސަަބަބެއް ކަމަށެވެ.