28 Jan 2021, 15:17
މީހެއްގެ ކަރަށް ވަޅިން ހަމަލާދިން ކަމަށް އިއުތިރާފުވި މީހަކު 10 އަހަރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މ. އެވަފްރީ، ޒުލްމަހާސިން މުހައްމަދުގެ މައްޗަށް މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ދައުލަތުން ކުރީ، މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ 20:30 އެހާކަންހާއިރު މާލޭގެ ގޯޅިއެއްގެ ތެރޭގައި، މ. އަސަލް، އަހުމަދު ޝަމާލު ހުއްޓާ، ޒުލްމަހާސިން ޝަމާލުުގެ ކަރަށް ފަސް އިންޗުގެ ވަޅިއަކުން ހަމަލާދިން ކަަމުގެ ތުހުމަތުގަ އެވެ.
އެ ހަމާލަގައި ޝަމާލްގެ ކަރަށް އަނިޔާވެފައިވާކަން އޭނާގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގޭ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށަށް ގާނޫނޫގައި އޮންނަ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ޒުލްމަހާސިން ވަނީ ޝަރީއަތުގެ މަޖިލީހުގައި ދައުވާއަށް އިއުތިރާފުވެފަ އެވެ.
އޭނާ އިއުތިރާފުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާއާ ދައުލަތާ ދެމެދު އެއްބަސްވީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް ދިނުމަށެވެ. އެއީ އެ ކުށަށް އޮންނަ އެންމެ ކުޑަ އަދަބެވެ.
އޭނާ އެ އެއްބަސްވުމުގައި ސޮއި ކުރީ، ބުއްދި ސަލާމަތުން ހުރެ، އެއްވެސް މަޖުބޫރަކާ ނުލައި، އަމިއްލަ އިހްތިޔާރުގައި ކަމަށް އޭނާ ބުނެފައިވާތީ އެ އެއްބަސްވުން ބަލައިގަތުމަށް ޝަރީއަތުން ނިންމާފައިވެ އެވެ.
އެހެންކަމުން، މި މަހުގެ 25 ވަނަ ދުވަހު ކްރިމިިނަލް ކޯޓުގައި އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ހުކުމް ކުރެއްވީ، ޒުލްމަހާސިން 10 އަހަރަށް ޖަލަށްލުމަށެވެ.