ރާއްޖެ އަށް މިހާރު ލިބިފައި ހުރި ކޮވިޑް އެސްޓްރަޒެނެކާ ވެކްސިން ޖަހަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަރަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެއްޖެ އެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވީހާ ވެސް އަވަހަށް ވެކްސިން ޖެހުމުގެ ފުރުސަތު ލިބި، ބަލިން ރައްކާތެރިވާން ބޭނުންފުޅުވާ ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޭނުން މިހާރު ލިބިފައި ހުރި ކޮވިޑް އެސްޓްރަޒެނެކާ ވެކްސިން ޖަހަން. އަޅުގަނޑު އެދެނީ ވީހާ ވެސް އަވަހަކަށް އަޅުގަނޑަށް ވެކްސިން ލިބި، އަޅުގަނޑުގެ ފަރާތުން އެއްވެސް މީހަކަށް ބަލި ނުޖެހި، އަޅުގަނޑު ވެސް ރައްކާތެރިވެ، އެންމެން މިކަމުން ސަލާމަތްވުން." އެ ޓުވީޓުގައި ނަޝީދު ވިދާޅުވެފައިވެ އެވެ.

ކޮވިޑް ވެކްސިން ޖަހަން ނަޝީދު ޝައުގުވެރިކަން ފާޅުކުރެއްވި އިރު، އެޗްއީއޯސީ އިން ވަނީ ރާއްޖެއަށް ވެކްސިން ލިބޭ މިންވަރަކުން، ވެކްސިން ޖަހާނެ ތަރުތީބު އާންމުކޮށްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ވެކްސިން ޖަހާނީ ހެލްތު ކެއާ އަދި ސޯޝަލް ކެއާ ވޯކަރުންނަށެވެ.

މި މަހުގެ 20 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ވަނީ 'ކޮވިޝީލްޑް' ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އެއީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ވެކްސިނެކެވެ. 'ކޮވިޑްޝީލްޑް' އުފައްދާފައި ވަނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކުރި ވެކްސިންގެ ފޯމިއުލާ ބޭނުންކޮށްގެން އެއާއި އެއްގޮތަށެވެ.

އޭގެ އިތުރުން, ކޮވިޑް19 ވެކްސިން ހޯދުމަށް ރާއްޖެއިން ވަނީ ކޯވެކްސް ފެސިލިޓީގައި ބައިވެރިވެފަ އެވެ. އެޗްޕީއޭ އިން ބުނީ ކޯވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖެއަށް ވެކްސިން ލިބޭނެކަމަށް ލަފާކުރެވެނީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.

އޭގެ އިތުރުން، ސަރުކާރުން އަންނަނީ އެސްޓްރާޒެނެކާ ފަދަ ވެކްސިން އުފައްދާ ކުންފުނިތަކުން ވެކްސިން ގަތުމުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. އެގޮތުން ވެކްސިންގެ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާ އާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.