ހުޅުމާލޭ އަޒީޒާ މޫސާ މިސްކިތުގައި ނަމާދަށް ހުރި އުމުރުން ދުވަސްވީ ދިވެއްސަކަށް ހަމަލާދިން އިންޑިއާ މީހާ ޑީޕޯޓުކުރަން ނިންމީ މަސްލަހަތަށް ބަލާފައި ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެމީހާގެ މައްސަލަ ތަހުގީގުކޮށް ނިންމައި ފުލުހުން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން، އިންޑިއާ މީހާ ޑީޕޯޓު ކޮށްލަން ޕީޖީ އިން ނިންމުމުން އޭނާ އިމިގްރޭޝަނާ ހަވާލު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފަ އެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ އިން ބުނީ އިންޑިއާ މީހާ ޑީޕޯޓު ކުރަން ނިންމީ މައްސަލައިގެ ޒާތާއި ބާވަތަށާއި، ލިބިފައިވާ ގެއްލުމާއި، ތުހުމަތުކުރެވޭ މީހާގެ ކުށުގެ ރެކޯޑާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިއާޔަތް ކުރިއިރު އެ މައްސަލާގައި ޖިނާއީ ދަޢުވާއެއް ކުރުމަށްވުރެ މަސްލަހަތު ބޮޑީ ތުހުމަތުކުރެވޭ ފަރާތް ޑީޕޯޓްކޮށްލުމުން ކަމަށް ފެންނާތީ ކަމަށެވެ.

އެ ނިންމުން ނިންމުމުގެ ކުރިން މައްސަލާގައި އަނިޔާލިބުނު ފަރާތާ ޖީ ޕީއޮފީހުން މަޝްވަރާކޮށް މައްސަލަ ކުރިއަށްގެންދިއުމާމެދު ދެކޭގޮތް ބަލާފައިވާނެ ކަމަށްވެސް ޕީޖީ އިން ބުންޏެވެ.

އަދި އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅިއިރު ތަހުގީގުކުރި ފަރާތުގެ އޮޕީނިއަން އަކަށްވެސްވީ ޑީޕޯޓްކޮށްލުން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކުރާ ކުށްތަކުގެ ބާވަތާއި ލިބުނު ގެއްލުމާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް ކުރިންވެސް އަމަލުކުރާ ގޮތެއް ކަމަށާއި އެބާވަތުގެ ނިންމުންތައް ނިންމުމުގައި ކުށުގެ ތުހުމަތުކުރެވޭ މީހާ ވަކިގައުމަކަށް ނިސްބަތް ވުމަކީ ނިންމުމަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށް ވެސް ޕީޖީ އިން ބުންޏެވެ.

ހުޅުމާލޭ އަޒީޒާ މިސްކިތް ތެރޭ ހުރި މީހަކާ މަރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އިންޑިއާ މީހާ ހައްޔަރު ކުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ގޮތުން އިންޑިއާ މީހާ ވަނީ މިސްކިތް ތެރޭ އިން އުމުރުން ދުވަސްވީ މީހާގެ ގައިން ނުބައި ވަސް ދުވާކަމަށް ބުނެ، އޭނާ މިސްކިތުން ނެރެ، މާރާމާރީ ހިންގާފަ އެވެ.