ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އޮތް މައްސަލައެއް ނިމެންދެން، ނުވަ ކޯޓަކަށް ކޯޓު އެޑްމިނިސްޓްރޭޓަރުން އައްޔަންކުރުން ހުއްޓާލަން އެ ޓްރައިބިއުނަލުން ނެރުނު އަމުރުތަކަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.

އޮކްޓޫބަރު 23، 2019ގައި ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރުމުގެ އުސޫލަށް ބަދަލުގެނެސް، ކުރިން ތިބި މީހުންގެ ތެރެއިން ވަކި ވަރަކަށް މާކްސް ނުލިބޭ މީހުން މަގާމުން ވަކި ކުރަން މީގެ ކުރިން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ވަނީ ނިންމައިފަ އެވެ.

އެގޮތަށް ވަކި ކުރި މީހުންގެ ތެރެއިން ނުވަ މީހަކު ވަނީ އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފަ އެވެ. އެ މީހުން އެދުނީ، ވަކި ކުރަން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއްކަމަށް ކަނޑައަޅައި، އެނިންމުން ބާތިލުކޮށްދިނުމަށާއި، އެ މީހުންނަކީ ވަޒީފާއިން ވަކިވެފައިވާ ބައެއް ނޫން ކަމަށް ކަނޑައެޅުމަށެވެ.

އެ މައްސަލައިގައި ޓްރައިބިއުނަލްއިން ވަކި ގޮތެއް ނިންމަންދެން، އެ މަގާމުތަކަށް މުވައްޒަފުން އައްޔަން ނުކުރުމަށާއި، އެ މަގާމުތަކަށް މުވައްޒަފުން އައްޔަންކުރުމަށް ކުރެވޭ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލުމަށް ޓްރައިބިއުނަލްއިން ވަނީ ވަކިވަކި އަމުރުތަކެއް ނެރެފަ އެވެ.

ޑީޖޭއޭގެ މައްޗަށް އެ އަމުރުތައް ނެރުނަަސް، އެ އަމުރުތައް ހައިކޯޓުގައި އިސްތިއުނާފު ކުރީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީއިން)އިންނެވެ.

ހައިކޯޓުގައި އެ އަމުރުތަކުގެ މައްސަލަ ކުރިއަށްގެންދިޔައީ އެއް މައްސަލައެއްގެ ގޮތުގަ އެވެ. އަދި އެ މައްސަލައިގައި އިއްޔެ ހައިކޯޓުގެ ތިން ފަނޑީޔާރުންގެ އިއްތިފާގުން ވަނީ ޓްރައިބިއުނަލްގެ އަމުރަށް ތާއީދުކޮށްފަ އެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، ކޯޓު އެޑްމިނިސްޓްރޭޓަރު ކަމުން ވަކި ކުރި ނުވަ މީހުން ވަކިކުރި މައްސަލައިގައި ޓްރައިބިއުނަލްއިން ވަކި ގޮތެއް ނިންމުމުގެ ކުރިން އެ ވަޒީފާތަކަށް އާ މީހުުން އައްޔަންކޮށްފި ނަމަ، ލިބޭނެ ގެއްލުން މާ ބޮޑުވާނެތީ ކަމަށެވެ.

ހައިކޯޓުގައި ވަކި ކުރި ނުވަ މީހުންގެ ތެރެއިން އެކަކު އިޖުރާއީ ނުކުތާއެއް ނަގައި ބުނެފައި ވަނީ ޖޭއެސްސީއަށް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް، ހައިކޯޓުން ފާހަގަ ކުރީ ޑީޖޭއޭ އެކުލަވާލީ ޖޭއެސްސީގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގެ ދަށުން، ކުރިން އޮތް ޑީޖޭއޭ އުވާލައި، ޖޭއެސްސީގެ ދަށުން ކަމެވެ. އަދި އެ މައްސަލައިގެ އަސްލަކީ އަދުލު އިންސާފު ގާއިމުކުރުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތަކެއްގެ އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންތައްތަކެއް ކަމަށްވާތީ އާއި އެކަންތައްތަކުގެ އަސްލު ގުޅިފައިވަނީ ޖޭއެސްސީ ކަނޑައަޅާ އުސޫލެއްގެ މައްޗަށް ކަމަށްވާތީ، ޖޭއެސްސީއިން މައްސަލަ އިސްތިއުނާފު ކުރުމުގައި ގޯހެއް ނެތް ކަމަށް ހައިކޯޓުން ނިންމި އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.