28 Jan 2021, 13:49
އިންޑިއާއިން ޓިކްޓޮކް ބޭނުންކުރުން މަނާކުރިތާ ހަތް މަސް ފަހުން އެގައުމުގައި ތިބި ގިނަ އަދަދެއްގެ ޓިކްޓޮކް ސްޓާފުން ވަޒީފާ އިން ވަކިކުރުމަށް ޓިކްޓޮކްއިން ނިންމައިފި އެވެ. މުޅި ދުނިޔޭގައި ވެސް ބޮޑު މަގްބޫލުކަމެއް ހޯދައިފައިވާ 'ޓިކްޓޮކް' އިން މިކަން އިއުލާނުކޮށްފައި ވަނީ ބުދަ ދުވަހުގަ އެވެ.
މިއީ ހިތްދަތި ނިންމުމެއް ކަމުގައި ސިފަކޮށް ޓިކްޓޮކްގެ ސްޕޯކްސްޕާސަންގެ ފަރާތުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިވީ ބައި އަހަރުގެ ތެރޭގައި 2000 އެއްހާ ސްޓާފުން އިންޑިއާގައި ތިބޭނޭ ކަމަށާއި އެހެންނަމަވެސް އޭގެތެރެއިން ސްޓާފުންތަކެއް މަދުކުރަން ޖެހުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ.
އިންޑިއާ އިން ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ފަހުކޮޅުގަ އެވެ. ޗައިނާއާއި އިންޑިއާއާ ދެމެދުގައިވާ ހިމާލިޔަން ބޯޑަރު ކައިރީގައި ހަމަލާތަކެއް ބަދަލުކުރެވި އިންޑީއާގެ 10 އަސްކަރީ ސިފައިން މަރުވުމާ އެކު ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ގޮތުން އިންޑިއާއިން ވަނީ ޗައިނާއަށް ނިސްބަތްވާ 117 އެޕެއް ބޭނުންކުރުން ސަލާމަތީ ސަބަބުތަކަކަށް ޓަކައި މަނާކޮށްފަ އެވެ.
ޓިކްޓޮކްއަކީ ޗައިނާގެ ވެރިރަށް ބެއިޖިންގެ ކުންފުންޏަކަށް ނިސްބަތްވާ އެޕްލިކޭޝަންއެކެވެ. އިންޑިއާ އިން ބުނެފަައި ވަނީ ޓިކްޓޮކް މަނާކޮށްފައި ވަނީ ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށެވެ. ގާތްގަނޑަކަށް 120 މިލިއަން މީހުން އިންޑިއާގައި ޓިކްޓޮކް އޭރު ބޭނުންކުރަމުން ދިޔަ އިރު، އެ ނިންމުން ވެގެންދިޔައީ ޓިކްޓޮކްއަށް ލިބުނު ބޮޑު ސިހުމަކާއި އެއްވަރަށް ބޮޑު ގެއްލުމަކަށް ވެސް މެ އެވެ.
ޓިކްޓޮކް އިން ނެރެފައިވާ ބަޔާނުގައި އިތުރަށްވާ ގޮތުން، އިންޑިއާ ސަރުކާރުން ނިންމި ނިންމުމާ އެކު ވެސް، ދެފަރާތުން ގުޅިގެން އަލުން ޓިކްޓޮކް ބޭނުންކުރެވެން ފެށޭނެ އިތުރު ގޮތްތަކެއް ހޯދުމަށް ވާނީ މަސައްކަތްކުރެވިފަ އެވެ. ނަމަވެސް ހަތް މަސްފާއިތުވިއިރު ވެސް އެއްވެސް ވަރެއްގެ ކާމިޔާބީއެއް ލިބިފައިނުވުމަކީ ކަންބޮޑުވުމެއްކަމުގައި ވެސް ބުނެފައިވެ އެވެ.
ޓިކްޓޮކްގެ ބަޔާނުން ވެސް އަދި މިހާތަނަށް ވަކިކުރަން ނިންމާފައި ވަނީ ކިހާ އަދަދެއްގެ މުވައްޒަފުންނެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އައިޓީ އިން ބުނެފައިވާ ގޮތުގައި އެ ގައުމުން ޓިކްޓޮކް ބޭނުންކުރުން މަނާކުރަން ނިންމި ނިންމުން މިހާރުވަނީ ދާއިމީކޮށްފަ އެވެ.