ސިލްސިލާ މުޒާހަރާތަކުގެ އެހެން ރޭރެއާ ހިލާފަށް ރޭގެ މުޒާހަރާ ފެށީ ޖުމްހޫރީ މައިދާނަށް ވަދެ އަންހެނުންތަކެއް ވަށް ބުރަކަށް އިށީން ހިސާބުންނެވެ. ކުރީގެ އެޓާނީ ޖެނެރަލް އަދި ސާކްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ފާތުމަތު ދިޔާނާ ސައީދު އަރިހުގައި އަންހެން ގްރޫޕެއް އެ މައިދާނުގައި އިށީނީ ދެނަމާދުދޭތެރޭގެ އެވެ. ރެޑްބުލް ކޭހެއް ކައިރިއަށް ލައިގެން ތިބި އަންހެން ގްރޫޕްގެ ތެރެއިން ފަހަރަކު އަންހެނަކު، ސްޓާ ފުލުސް އަންހެނުން ހައްޔަރުކުރި އިރު ދިޔާނާވެސް ވަނީ އުފުލައިލައިގެން ގެންގޮސް ކުޑަ "ޖަލެއް" ކަހަލަ ހައްޔަރު ވެހިކަލްގައި ބަންދުކޮށްފަ އެވެ.

ދިޔާނާ ސައީދާއި އޭނާގެ ބައިވެރިން ހައްޔަރުކޮށްގެން ގެންދިޔަ އިރު މަސް މާރުކޭޓް ކުރިމައްޗަށް އެއްވެ ތިބި މީހުން އަބްދުﷲ ގާޒީ ދޫކޮށްލުމަށާއި ރައީސް ނަޝީދު މަގާމުން އިސްތިއުފާދެއްވުމަށް އަޑު އުފުލުމުގެ މުޒާހަރާ ވެސް އޮތީ ފެށިފަ އެވެ.

ތަފާތު ކަމަކަށް ރޭ ފެނުނީ މުޒާހަރާ ކަވަރު ކުރަން ބައިނަލްއަގުވާމީ މަޝްހޫރު ނޫސް އެޖެންސީއެއްކަމަށްވާ ރޮއިޓާސްގެ ނޫސްވެރިން ހަރަކާތްތެރިވަމުން ދިއުމެވެ. މިއީ ދެ ހަފުތާއަށް ވުރެ ދިގުލާފައިވާ މިފަހަރުގެ މުޒާހަރާ ބެލުމަށް ބައިނަލް އަގުވާމީ ނޫސް އެޖެންސީއެއްގެ ނޫސްވެރިން ހަރަކާތްތެރިވި ފުރަތަމަ ފަހަރެވެ.

މުޒާހަރާ ފަށައިގެން ޑީއާރުޕީގެ ނައިބު ލީޑަރު އިބުރާހީމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވީ މުޒާހަރާކޮށްގެން ނަތީޖާއެއް ނުފެންނަ ނަމަ އެހެން ގޮތަކަށް މުޒާހަރާ ބަދަލުކޮށް، ދުވާލުގެ ވަގުތު، ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް ކުރިމަތީގައި މުޒާހަރާ ކުރަން ޖެހިފައިވާ ކަމަށެވެ. ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދަކީ ގާނޫނު އަސާސީއާ ހިލާފު ވެވަޑައިގެންނެވުމުގެ ސަބަބުން އެ މަގާމުން މިހާރު ވަކިވެފައިވާ ބޭފުޅެއް ކަމަށް ވެސް މަވޯޓާ ޝަރީފު ވިދާޅުވަމުން ގެންދެވި އެވެ. އަދި ރޭގެ މުޅި މުޒާހަރާގައި ރައީސް ނަޝީދާ މުހާތުބު ކޮށް އާ ނަމެއް ޝަރީފު ވަނީ އާންމޮށްފަ އެވެ.

ރައީސް ނަޝީދުގެ މަންމާފުޅުގެ ނަން ހިމަނާގައިގެން ރޭ ގިނަ ފަހަރަށް އެމަނިކުފާނަށް ނިސްބަތްކޮށްފައި ވަނީ "އާބިދާގެ މުހައްމަދު" ގެ ނަމުންނެވެ.

މުޒާހަރާގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެންނެވި ޔުމްނާ މައުމޫނު، އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ފުލުހުން ދިޔާނާ ސައީދު ހައްޔަރުކުރީ ވަރަށް އަނިޔާވެރިކޮށް ކަމަށެވެ.

ސަރުކާރު ގާނޫނީ އިމުގެ ތެރެއަށް ވައްދަން ކަމަށް ބުނެ ކުރާ މުޒާހަރާގައި މަގުމަތިން ސަރުކާރު ވައްޓާލަން ޖެހޭ ކަމަށާއި އެކަން ކުރާނެ ކަމަށް ވެސް ރޭ ވަނީ މުޒާހަރާގައި ގޮވާފަ އެވެ. އެ އަޑު އެންމެ ބޮޑަށް ހަރުކުރީ ޕީޕީއެމްގެ އިސް އެކްޓިވިސްޓް އަހުމަދު ނާޒިމެވެ.

މުޒާހަރާގެ ބައިވެރިން މަސް މާރުކޭޓް ސަހަރަހައްދު ދޫކޮށް ރަށު ތެރެއަށް ނައްޓައިލީ ފުލުހުންގެ ތާޅަފިލިން އިންޒާރ އައުމުގެ ކުރިންނެވެ. ނަމަވެސް އެ ސަރަހައްދު ދޫކޮށް ދިއުމަށް މަސައްކަތްކުރި މީހުންގެ ތެރެއަށް ފުލުހުން ރޭ ވަނީ ޕެޕަސްޕްރޭ ބުރުވާފަ އެވެ. އަދި މުޒާހަރާގައި ގެންގުޅޭ ސައުންޑް ސިސްޓަމާއި ޖެނެރޭޓަރު އަރުވާފައިވާ "މުޒާހަރާ ޕިކަޕް" ވެސް ފުލުހުން ހިފެހެއްޓި އެވެ. ފަހުން އެނގުނު ގޮތުގައި ޕިކަޕް ހިފެހެއްޓި ނަމަވެސް މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނުކުތީ ސައުންޑް ސިސްޓަމާއި ޖަނަރޭޓަރު ހިފައިގެންނެވެ.

މުޒާހަރާ ކުރި މީހުން މަގަށް ރަށުތެރެއަށް ނުކުތުމާއެކު ރީފްސައިޑް ފިހާރައާ ހަމައިން ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި އެވެ.

އޭގެ ފަހުން ހަމަނުޖެހުން ނުހިންގަން ފުލުހުން އިންޒާރު ދެމުން ދިޔައިރު މުޒާހަރާގެ ބައިވެރިން ދިޔައީ ޗާނދަނީ މަގަށެވެ. ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި މަޑުވެސް ކުރި އެވެ. އަދި މުޒާހަރާގެ ޖަޑިބަކަށްވަވަޑައިގެން އުޅުއްވެވި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާނު އިރުޝާދާ އެއްގޮތަށް މަގުމަތީގައި އިށީނދެ ތިބެގެން ޝުއޫރުތައް ފާޅު ކުރި އެވެ. ނަމަވެސް ސަރަހައްދު ދޫކޮށް ދާން ފުލުހުން ދޭން ފެށި އިންޒާރުތަކާއެކު ކުޑައިރުކޮޅެއްގެ ތެރޭގައި އެސަރަހައްދުން ނައްޓާލީ އެވެ. ރައީސް ނަޝީދާއި ދައުލަތުގެ ވަޒީރުންގެ އިސްތިއުފާއަށާއި އެފަދަ ބޭބޭފުޅުން ދަންޖެއްސުމަށް ވެސް ގޮވަމުންނެވެ.

މުޒާހަރާގެ ބައިވެރިންގެ މިސްރާބަކަށް ދެންވީ އެމްއެންބީސީ އެވެ. އެތަނުގައި ރަޔަޓް ގިއަރު ފުލުހުންގެ ފައުޖެއް ރުކުރުވާލާފައި އޮތް އިރު މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުންނާ ދިމާއަށް ރޭ ކުލަ ޕެކެޓް އުކި އެވެ. ބައެއް މީހުން އެމްއެންބީސީގެ ގޯތި ތެރެއަށް ގާ ވެސް އުކި އެވެ. އެ ސަރަހައްދުން ދިޔައީ ދައުލަތުގެ މީޑިޔާ މިނިވަން ކުރުމަށް ގޮވާލުމަށްފަހު އެވެ.

މުޒާހަރާގެ ބައިވެރިން ދެން މަޑުކުރީ ބޭންކް އޮފް މޯލްޑިސްވްސްގެ މައި އޮފީސް ކައިރިއަށެވެ. އެ ހިނގުމުގައި ފޮރިން މިނިސްޓަރު އަހުމަދު ނަސީމު ދިރިއުޅުއްވާ ހ. ހިކިފިނިފެންމާގެއާ އަރާ ހަމަވުމުން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވި އެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން މުޒާހަރާއާ ދެކޮޅަށް އަޑު އުފުލަމުން އައި ބަޔަކު މުޒާހަރާގެ ބައިވެރިންގެ ފަހަތުން ދިމާކޮށް ގާއުކާފައި ވެއެވެ. އެއީ ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ކަމަށް މުޒާހަރާގެ ބައިވެރިން ބުނި ނަމަވެސް އެއީ ކޮން ބައެއް ކަމެއް ސާފެއް ނުވެ އެވެ.

އޭގެ ފަހުން ފެނުނީ ރަޔަޓް ފުލުހުން މުޒާހަރާގެ ބައިވެރިން ފަހައި ދުވަން ފެށިތަނެވެ. އެއްބަޔަކު ފިލަން ދުވީ އެވެ. އަނެއް ބަޔަކު ފުލުހުންގެ ސަފުގެ ތެރެއީން ހާއެޅި ބާގަނޑުތަކުން އެތެރެއަށް ދެމިގަތުމަށް މަސައްކަތް ކުރީ އެވެ.
ފުލުހުންގެ ބެރިކޭޑް ތެރެއަށް ވަނުމަށް ފުލުހުން ވަނީ އެވަގުތު ނޫސްވެރިންނަށް ވެސް އަންގާފަ އެވެ. އެ އިރުޝާދާ އެއްގޮތަށް އެ ތެރެއަށް ނުވަދެ ހުރި ނޫސްވެރިއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބައެއް މީހުން ބުންޏެވެ.

ފުލުހުންނާއި މުޒާހަރާގެ ބައިވެރިން މަސްހުނިވެ ދިހަވަރަކަށް މިނެޓްގެ ތެރޭގައި ފުލުހުން ވަނީ މުޒާހަރާގެ ޖަޑިބު، އަހުމަދު ނިހާނު ހުސައިން މަނިކު ހައްޔަރުކޮށްފަ އެވެ.

އޭގެ ފަހުން ފެނުނު ހަރަކާތަކީ "ރެޑީ ޓް ޗާޖް" އޭ ގޮވުމަށް ފަހު ، މުޒާހަރާގެ ބައިވެރިންނާ ދުރަށް، ފުލުހުންގެ ހެޑްކުއާޓަރާ ދިމާއަށް ފަހަތަށް ދުވުމެވެ. އޭރު މުޒާހަރާގެ ބައިވެރިން ވެސް ވަނީ އެކި މީހުން އެކި ދިމާއަށް ގޮސް ވިއްސިވިހާލިވެފަ އެވެ. އޭރުވަނީ ޖުމްހޫރީ މައިދާނުން ދިޔާނާއާއެކު ހައްޔަރުކުރި އެންމެން ދޫކޮށްލާފަ އެވެ. ޖުމްހޫރީ މައިދާނުގައި ދިޔާނާ ހެއްދެވި ވަށްބުރުން ފެށުނު މުޒާހަރާ މާލެތެރޭގައި ބުރު ޖެހުމަށްފަހު މީހުން ގޭގެއަށް ދިޔައިރު ދަންވަރު 1:30 ވެއްޖެ އެވެ.