28 Jan 2021, 11:29
ދެހާސް ވިހި ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި ރާއްޖެއަށް 14 ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމަށް ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން ހަދާ ދިރާސާއަށް ފަހު އާންމު ކުރާ ތަފާސް ހިސާބުތައް މިއަދު އާންމުކޮށްފައިވާ އިރު 2020 ވަނަ އަހަރުގެ ސީޕީއައިގައި ރާއްޖެ ވަނީ 14 ޕޮއިންޓު މައްޗަށް ޖެހިފަ އެވެ.
މިދިޔަ އަހަރުގެ ސީޕީއައި ހެދުމުގައި ބަލާފައި ވަނީ ދުނިޔޭގެ 183 ގައުމާއި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާވޭތަކަށާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިއު ކޮށްފައިވާ ދިރާސާތަކަށެވެ.
މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކަ އާއި ދެމެދުގެ މިންގަނޑެކެވެ. ސުމަކުން ވަރަށް ކޮރަޕްޓް ގައުމުތައް ރަމްޒުކޮށްދޭ އިރު، ސަތޭކައިން ރަމްޒުކޮށްދެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކެވެ.
މިދިޔަ އަހަރުގެ ސީޕީއައި އިން ދައްކާގޮތުން 43 ޕޮއިންޓާ އެކު ރާއްޖެ އޮތީ 183 ގައުމުގެ ތެރެއިން 75 ވަނައިގަ އެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަަލް އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާ އިރު 88 ޕޮއިންޓާ އެކު އެންމެ ކޮރަޕްޝަން ކުޑަ ގައުމުގެ ގޮތުގައި އޮތީ ނިއުޒިލެންޑާއި ޑެންމާކެވެ. ފިންލެންޑައި ސިންގަޕޯ، ސްވިޒަލެންޑް އަދި ސްވެޑެން އަށް 85 ޕޮއިންޓު ލިބިފައިވެ އެވެ.
އެންމެ ކޮރަޕްޓު ގައުމުގެ ގޮތުގައި 179 ވަނާގައި އޮތީ ސައުތު ސޫދާނާއި ސޯމާލިއާ އެވެ.
ސީޕީއައިގައި ގައުމުތަކަށް ލިބޭ ޕޮއިންޓް ކަނޑައަޅަނީ މަދުވެގެން ތިން މަސްދަރެއް މެދުވެރިކޮށް ހޯދާ މައުލޫމާތު އެއްކޮށްގެން ނެރެވޭ ނަތީޖާއެއް ބޭނުންކޮށްގެންނެވެ.
މި މައުލޫމާތަށް ބަލާ އިރު 2019 ވަނަ އަހަރުގެ ސީޕީއައި އާ އަޅާ ބަލާއިރު ރާއްޖެ އަށް ވަނީ 14 ޕޮއިންޓް ލިބިފަ އެވެ. ގައުމުތަކުގެ ތަރުތީބު ކުރުމަށް ބަލާއިރު މިއީ 55 ދަރަޖައިގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރު ރާއްޖޭގެ ނަތީޖާ ނެރުމަށް ރިއާޔަތް ކޮށްފައި ވަނީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް އަށެވެ.
މި މައުލޫމާތު ހޯދާފައި ވަނީ ޖެނުއަރީ 2019 އިން ޖެނުއަރީ 2020 އަށެވެ.
ސީޕީއައިގައި ކުރި ލިބުނު ނަމަވެސް ރާއްޖެ އަދި ވެސް ހިމެނެނީ 50 އަށް ވުރެ ދަށުން ޕޮއިންޓް ލިބުނު ތިންބައިކުޅަ ދެބައި ގަމުތަކުގެ ތެރޭގަ އެވެ.
ފާއިތުވި އަހަރުތަކުގައި ގާނޫނީ ނިޒާމު ހަރުދަނާކުރުން ފަދަ ދާއިރާތަކުން ރާއްޖެ ކުރި ހޯދާފައިވީ ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް ފުރިހަމަކަމާ އެކު މަސައްކަތް ކުރުމަށް އަދި ވެސް ނުކުޅެދިފައިވާކަން މިސާވޭ އިން ދައްކަ އެވެ.
ކޮރަޕްޝަން އިންޑެކްސް އާއި ގުޅޭ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ ކޮރަޕްޝަނަކީ ކޮވިޑް-19 އާއި އެހެނިހެން ކާރިސާތަކާ ދެކޮޅަށް އިންސާފުވެރިކަމާ އެކު މަސައްކަތް ކުރުމަށް އެޅޭ ހުރަހެއް ކަމަށާޢި ކުއްލި ހާލަތްތަކުގައި ކޮރަޕްޝަނާއި ދެކޮޅު، ހާމަކަން ބޮޑު ސިޔާސަތުތައް ގެންގުޅުން މުހިންމު ކަމަށެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ކޮވިޑުގެ މި ހާލަތުގައި ސަރުކާރުން ވަސީލަތްތައް ފޯރޮކޮށްދެނީ އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށްތޯ ކަށަވަރުކޮށް މިނިވަން މުއައްސަސާތައް ހަރުދަނާކުރުމަށް ގޮވާލައިފަ އެވެ.
އެގޮތުން މިނިވަން މުއައްސަސާތަކާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންވާ ބަޖެޓާއި ވަސީލަތްތައް އަދި ފުރިހަމަ މިނިވަންކަން ލިބެން ޖެހޭ ކަމަށް އެ ޖަމްއިއްޔާ އިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ކޮންޓްރެކްޓިން ނިޒާމު ހަރުދަނާކޮށް، އުސޫލުތަކާއި ހިލާފަށް ކުރާ ކަންކަން ހުއްޓުވާ، މަސްލަހަތު ފުށު އަރާ ކަންތައްތައް ފާހަގަކޮށް، ރަނގަޅު އިންސާފުވެރި އަގުތައް ކަށަވަރުކުރުމަށް ޓަކައި ހުޅުވައިލެވިފައިވާ، ހާމަކަން ބޮޑު ނިޒާމެއް ކަށަވަރު ކުރަން ވެސް އެ ޖަމްއިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.
އަދި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަގުފަހިކޮށްދިނުމަށް ރައްޔިތުންގެ ބައިވެރިވުމަށް ބާރުއަޅައި ޑިމޮކްރަސީ ދިފާއުކޮށް، ރައްޔިތުންނަށް ބޭނުންތެރި މައުލޫމާތު ފޯރުކޮށްދީ، ހާއްސަކޮށް ކުއްލި ހާލަތްތަކުގައި ސަރުކާރުން ކުރާ ހަރަދުތަކާއި ވަސީލަތްތައް ބޭނުންކުރަމުންދާ ގޮތުގެ މައުލޫމާތު ފަސޭހަކަމާ އެކު ވަގުތުން ވަގުތަށް ރައްޔިތުންނަށް ލިބޭކަން ކަށަވަރުކޮށް މައުލޫމާތު ޝާއިއުކޮށް އެއަށް ވާސިލުވެވޭކަން ކަށަވަރުކުރުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.