28 Jan 2021, 10:40
ވޮޝިންޓަން (ޖަނަވަރީ 27) : އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށްބުނެ އީރާނުގެ ނިއުކްލިޔާ ރިއެކްޓަރުތައް ބިމާ ހަމަކޮށްލާވަރުގަދަ ގަދަފަދަ ޙަމަލާތަކެއް އެގައުމަށް ދިނުމަށް ތައްޔާރުވަމުންދާ ކަމުގެ އިންޒާރު އިސްރާއީލުގެ ސިފައިންގެ ވެރިޔާ ދިނުމުން އެއީ އިސްރާއީލުގެ ސައިޒަށް ވުރެ ބޮޑު ވާހަކައެއް ކަމަށް އިސްރާއީލުގެ އަސްކަރީ މުހައްލިލުން ސިފަކުރައްވައިފި އެވެ.
އިސްރާއީލުގެ ޓެލްއަވީވް ޔުނިވާސިޓީގެ ދިފާއީ ރިސާޗްތަކާ ބެހޭ އިންސްޓިޓިއުޓުން ބޭއްވި ބައްދަލުވުމެއްގައި އިސްރާއީލުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަފީފު ކޮޚާފީ ވިދާޅުވީ އީރާނުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމާ ގާތަށް ގޮސްފައިވާ ކަމަށާއި އީރާނުގެ ނިއުކްލިޔާ ހުރިހާ ސައިޓްތަކަކާއި ރިއެކްޓަރުތަކެއް ބިމާހަމަކޮށްލާވަރުގެ ގަދަފަދަ ޙަމަލާތަކެއް ދިނުމުގެ އަސްކަރީ ޕްލޭނެއް ތައްޔާރުކުރުމަށް އިސްރާއީލުގެ ސިފައިންގެ މުއައްސަސާއަށް އޭނާ އަންގާފައިވާނެ ކަމުގަ އެވެ.
އިސްރާއީލަކީ ބައިނަލްއަގްވާމީ މުޖްތަމައަށް ސިއްރުން ހުޅަނގުގެ އެހީއާއެކު މެދުއިރުމަތީގައި ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާ ހަމައެކަނި ގައުމެވެ. މިއާ އެކު އިސްރާއީލު ގެންދަނީ އިސްރާއީލުގެ ނިއުކްލިޔާ ހަތިޔާރުގެ މައްސަލައަކީ ނެތްމައްސަލައެއްކަމަށް ހެދުމަށް ފަހު އެކަން ފަސްއަޅައި ފޮރުވައި އީރާނުގެ މައްސަލަ މާބޮޑު ބިރަކަށް ހަދައިގެން އެކަމަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
އިސްރާއީލުގައި 40 އަށް ވުރެ ގިނަ ނިއުކްލިޔާ ވޯހެޑް ހުރިކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނާއިރު އިސްރާއީލުގެންދަނީ ނިއުކްލިޔާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާގައި ސޮއިކުރުމަށްވެސް ދެކޮޅު ހަދަމުންނެވެ. ނަތީޖާއެއްގެ ގޮތުން އިސްރާއީލުގެ ނިއުކްލިޔާ އެއްވެސް މަރުކަޒެއް ބަލައި ފާސްކުރުމުގެ ފުރުސަތު އދ.ގެ ނިއުކްލިޔާ އިދާރާ އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީއަކަށް ނޯވެ އެވެ. އީރާނުން މަދަނީ ބޭނުންތަކުގައި ނިއުކްލިޔާ ހަކަތަ ފުޅާދާއިރާއެއްގައި ބޭނުންކުރިނަމަވެސް އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާކަން އަދި ކަށަވަރުވެފައެއް ނުވެ އެވެ.
ނަމަވެސް އީރާނަކީ ބޭނުންވެއްޖެ ހާލަތެއްގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ފަންނީ އަދި އިލްމީ އަދި ވަސީލަތްތަކުގެ ގާބިލްކަންހުރި ގައުމެއްކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ ބުނެ އެވެ. އީރާނުން ނިއުކްލިޔާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާގައާއި އެމުއާހަދާއާގުޅިފައިވާ އެޑިޝަނަލް ޕްރޮޓެކޯލްތަކުގައި ސޮއިކޮށްފައިވާތީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ބަލައިފާސްކުރުމުގެ ފުރުސަތު އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީއަށް ލިބިދީފައިވެ އެވެ. އެއެޖެންސީން އެކަން ގަވައިދުން ކުރަމުންވެސް ގެންދެ އެވެ.
ނަމަވެސް އިސްރާއީލުން ނިއުކްލިޔާ ހަތިޔާރު ގިނަ އަދަދަކަށް އުފައްދައި އަދި ނިއުކްލިޔާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާގައި ސޮއިކުރުމަށް ދެކޮޅުހަދަމުން ގެންދާއިރު ވެސް އެމެރިކާއާއި ޔޫރަޕުންނާ އަދި އދ. ންވެސް އެކަމާދެކޮޅަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ޕްރެޝަރެއްވެސް ނުކުރެ އެވެ. މިހުރިހާ ފަރާތްތަކަކުން ގެންދަނީ އިސްރާއީލުގެ ނިއުކްލިޔާ މައްސަލައަކީ ނެތްމައްސަލައެއްކަމަށް ހަދައި އެކަން ފޮރުވަން މަސައްކަތްކުރަމުންނެވެ. މީގެބަދަލުގައި ހުރިހާ ފޯކަސްތަކެއް އަމާޒުކުރަނީ އަދި ނިއުކްލިޔާ މައްސަލާގައި ފިއްތުންތައް ކުރިމަތި ކުރަނީ އީރާނަށެވެ.
ކުރިން ނިއުކްލިޔާ ރީސާޗްތައް ކުރިޔަށްގެންދިޔަ އަރަބި ގައުމުތައް ކަމަށްވާ އިރާގާއި ސޫރިޔާ އާއި ލީބިޔާއާ ދެކޮޅަށް ވެސް އިސްރާއީލާއި އެމެރިކާއާއި ޔޫރަޕުން މިގޮތަށް ފިއްތުންތައް ކުރިމަތިކުރި އެވެ. މިއާއެކު 1982ގައި އިސްރާއީލުވަނީ އިރާގުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދީ އެތަންތަން ހަލާކުކޮށްލާފަ އެވެ. އަދި 2007 ވަނައަހަރު އިސްރާއީލުވަނީ ސޫރިޔާގެ ނިއުކްލިޔާ މަރުކަޒުތަކަށް ވެސް ހަމަލާދީ އެތަންތަން ވެސް ހަލާކުކޮށްލާފަ އެވެ.
އެމެރިކާވަނީ 2000ގެ އަހަރުތަކުގެ ކުރީކޮޅު ލީބިޔާއަށް ފިއްތުންތައް ކުރިމަތިކޮށްގެން ސުލްހަވެރިގޮތުގައި ލީބިޔާގެ ނިއުކްލިޔާ ޕްރޮގްރާމް ނިމުމަކަށް ގެނަސް ލީބިޔާގެ ނިއުކްލިޔާ މަރުކަޒު ވެސް ރޫޅާލުމުގައި ކާމިޔާބު ހޯދައިފަ އެވެ. މިއާއެކު މެދުއިރުމަތީގައި ނިއުކްލިޔާ ގާބިލްކަންހުރި ހަމައެކަނި ދެގައުމަކީ އިސްރާއީލާއި އީރާނެވެ.
އިސްރާއީލުން ކެނޑިނޭޅި މަސައްކަތްކުރަނީ އިރާގާއި ސޫރިޔާގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލި ގޮތަށް އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ވެސް ބޮންއަޅައި ހަލާކުކޮށްލުމަށެވެ. މިކަމަށް އިސްރާއީލުން މަސައްކަތްކުރާތާ ވިއްސަކަށް އަހަރުވެފައިވީ ނަމަވެސް އީރާނަށް ސީދާގޮތެއްގައި ހަމަލާތައް ދޭކަށް އިސްރާއީލަށް ވެސް އަދި އެމެރިކާއަށް ވެސް ކެރިފައެއް ނުވެ އެވެ.
ނަމަވެސް އީރާނުގެ މަތީފެންވަރުގެ ނިއުކްލިޔާ ސައެންޓިސްޓުން އަވަރާކޮށްލުމުގެ ޖަރީމާތައް ހިންގުމުގައި އިސްރާއީލުވަނީ ކާމިޔާބު ހޯދާފަ އެވެ. ފާއިތުވި 10 އަހަރު ތެރޭގައި އިސްރާއީލުން އީރާނުގެ ފަސް ނިއުކްލިޔާ ސައެންޓިސްޓުން އަވަހާރަކޮށްލާފައިވެ އެވެ. އެންމެފަހުން މިދިޔަ ޑިސެމްބަރުގައި އަވަހާރަކޮށްލާފައިވަނީ އީރާނުގެ އެންމެ އިސް ނިއުކްލިޔާ ސައެންޓިސްޓް ކަމަށްވާ ޕްރޮފެސަރު މުހްސިން ފަޚްރީ ޒާދާއެވެ. ނަމަވެސް މިއީ އެތައް ހާސް ނިއުކްލިޔާ ސައެންޓިސްޓުންނާއި ވަރުގަދަ ނިއުކްލިޔާ އިންފްރާސްޓްރަކްޗަރ އެއް އޮންނަ އީރާނުގެ ނިއުކްލިޔާ ހަރަކާތްތަކަށް ލޮޅުން އަރުވާލެވޭވަރުގެ ކަމަކަށް ނުވެއެވެ.
އިރާގާއި ސޫރިޔާގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލި ގޮތަށް އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ވެސް ބޮންއަޅައި ހަލާކުކޮށްލުމުގައި އިސްރާއީލުގެ ބޭނުމަކީ މެދުއިރުމަތީގައި ނިއުކްލިޔާ ބާރެއްގެ ގޮތުގައި ހަމައެކަނި އިސްރާއީލު އޮތުމެވެ. މިކަމުގެ ސްޓްރެޓީޖިކް ބޭނުމަކީ އިސްރާއީލަކީ މުޅި ސަރަހައްދުގެ ހުރިހާ ގައުމަކަށް ބޭނުންވަގުތަކު ބޭނުންގޮތަކަށް ހަމަލާދީ ބިރުދެއްކުމުގެ ގާބިލްކަން ހުރި ހަމައެކަނި ގައުމުގެ ގޮތުގައި ތާއަބަދަށް އިސްރާއީލު ދެމިއޮތުމެވެ. ނަތީޖާއަކީ މިކަމުގެ ސަބަބުން ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށް ފަލަސްތީނު ރައްޔިތުން އަޅުވެތިކޮށްގެން ތާއަބަދަށް އުޅުމުގެ ފުރުސަތު އިސްރާއީލަށް ލިބިގެން ދިޔުމެވެ.
އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ބިމާ ހަމަކޮށްލާވަރުގަދަ ގަދަފަދަ ޙަމަލާތަކެއް ދިނުމުގެ ޕްލޭނެއް ހެދުމަށް ސިފައިންނަށް އަންގާފައިވާނެކަމުގެ އިންޒާރު އިސްރާއީލުގެ ސިފައިންގެ ވެރިޔާ ދިނުމުން އިސްރާއީލުގެ އަސްކަރީ މުހައްލިލެއް ކަމަށްވާ އެވީ ދަޚްތަރު ވިދާޅުވީ އީރާނުގެ މަދަދު ލިބޭ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތް އިސްރާއިލުގެ ސަރަހައްދީ ރޮނގާ އިންވެގެން އޮންނައިރު ހިޒްބުﷲ އަށް ހަމަލާދޭން އިސްރާއީލު ޖެހިލުންވާއިރު އީރާނަށް ސީދާ ގޮތެއްގައި ގަދަފަދަ ޙަމަލާތަކެއް ދޭނެވާހަކަ ދެއްކުމަކީ އިސްރާއީލުގެ ސައިޒަށްވުރެ ބޮޑު ވާހަކަތަކެއް ކަމުގައެވެ. އަދި އީރާނަށް ހަމަލާދޭން ހަގީގަތުގައި ރާވާނަމަ އީރާން ބިމާ ހަމަކޮށްލާވަރުގަދަ ގަދަފަދަ ޙަމަލާތަކެއް ދިނުމުގެ ޕްލޭނެއް ހެދުމަށް ސިފައިންނަށް އަންގާފައިވާނެ ކަމަށް އިސްރާއީލުގެ ސިފައިންގެ ވެރިޔާ ވިދާޅުނުވާނެ ކަމަށް އެވީ ދަޚްތަރު ވިދާޅުވި އެވެ.
އެހެންކަމުން އިސްރާއީލުގެ މިއިންޒާރަކީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވެދާނެތީ އެކަމުގެ ކަންބޮޑުވުމުގައި އިސްރާއީލުން އެމެރިކާއަށްދިން ސިޔާސީ މެސެޖެއްކަމަށް ދަޚްތަރު ވިދާޅުވި އެވެ.
އީރާނުގައި އިސްރާއީލަށް ހަމަލާދެވޭވަރުގެ އެތައް ހާސް ބަލިސްޓިކް މިސައިލް ހުރެފައި އިސްރާއީލުގެ ސަރަހައްދީ ރޮނގުގައި ހަރަކާތްތެރިވާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަކީ ވެސް އީރާނުގެ އެތައް ލައްކަ މިސައިލެއްގެ ސްޓޮކް ހުރި ޖަމާއަތަކަށްވާތީ ސީދާގޮތެއްގައި އީރާނަށް ހަމަލާދިނުމަކީ މިހާރު ވެސް އަދި މުސްތަގްބަލްގައި ވެސް އިސްރާއީލަށް ކުރަންކެރޭނެ ކަމެއް ނޫންކަމަށް ދަޚްތަރު ވިދާޅުވި އެވެ. (އަލްޖަޒީރާ + ރައިއުލްޔަވްމު)