މިއަދު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިރޭ ދޫނިދުއަށް ބަދަލުކޮށްފި އވެ.

ޝުޖާއުގެ ގާނޫނީ ވަކީލު އާާދަމް އާސިފް މިރޭ "ސަން"އަށް ވިދާޅުވީ، އެ ދެ ބޭފުޅުން މިރޭ އިރާކޮޅުގެ ވަގުތެއްގައި ދޫނިދުއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި މިރޭ ދޫކޮށްލަން ހަމަޖެހިފައި ނުވާ ކަމަށް ފުލުހުން ބުނި ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅުން މިއަދު މުޒާހަރާ ކުރީ، ކޮވިޑް19އިން ރައްކާތެރިވުމަށް އިންޑިއާއިން ހަދިޔާ ކުރި ވެކްސިންއާ ގުޅޭ މައުލޫމާތުތައް ހާމަކުރުމަށް ގޮވާލަ އެވެ.

އެކަމާ ގުޅޭ މައުލޫމާތު އާންމުކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަންގެ ލީޑަރުން ހެލްތް މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިން ކުރިމައްޗަށް ގޮސް ވަނީ މުޒާހަރާކޮށްފަ އެވެ.

މިދިޔަ ހޯމަ ދުވަހު ވެސް އިދިކޮޅުން ހުރި މުޒާހަރާއެއްގައިވެސް އަދުރޭ އާއި ޝުޖާއު ހައްޔަރު ކުރި އެވެ. ނަމަވެސް އެ ދެ ބޭފުޅުން އެ ދުވަހު ދޫކޮށްލީ އެވެ.

އަދުރޭ އާއި ޝުޖާއު ހައްޔަރުކޮށްފައިވާތީ އިދިކޮޅުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.