ބައެއް މީހުން ބުނާގޮތުގައި ވިކިލީކްސް އަކީ ތަހުގީގީ ނޫސްވެރިކަމުގެ މުސްތަގުބަލެވެ. ބައެއް މީހުންގެ ނަޒަރުގައި ވިކިލީކްސް އަކީ ދުނިޔޭގެ މީޑިޔާ އިދާރާތަކުގެ ތެރެއިން ހަގީގީ މާނައިގައި މިނިވަންކޮށް މަސައްކަތް ކުރަން ފެށި އެންމެ ފުރަތަމަ ފަރާތެވެ.
އަނެއް ބައެއްގެ ވިސްނުން މުޅީން ތަފާތެވެ. މިސާލަކަށް، އެމެރިކާގެ "ޓައިމް" މަޖައްލާގެ 2010 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހުގެ އަދަދުގެ އެޑިޓޯރިއަލްގައި ލިޔެފައި ވަނީ ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖަކީ މުނާފިގުކަމުގެ ސިފަ ކޮންމެވެސް ވަރަކަށް ލިބިފައިވާ، އަދި އިލްމުގެ ގޮތުން ފަގީރު މީހެއް ކަމަށެވެ. ފަހަރެއްގައި "ޓައިމް" މަޖައްލާގެ މެނޭޖިންގ އެޑިޓަރ ރިޗަރޑް ސްޓެންގެލްގެ ބަހުރުވަ މިގޮތަށް ހުރީ އޭނާގެ މަޖައްލާއަކީ އެމެރިކާގެ "ކެޕިޓަލިސްޓް ޕްލުޓޯކްރަސީ" ގެ މުއައްޒަފަކަށް ވާތީ ކަމަށް ވެސް ވެދާނެއެވެ. އެމެރިކާގެ ސަރުކާރުން ހިންގާ ޖަރީމާތަކާއި އަނިޔާވެރި ހަނގުރާމަތަކުގެ ހަގީގީ ސޫރަ ދުނިޔެއަށް ދައްކައިދޭން ވިކިލީކްސް އިން ކުރާ މަސައްކަތްތައް އޭނާއަށް ހަޖަމު ނުކުރެއްވުމުގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ.

ވިކިލީކްސް ވެބްސައިޓް ވުޖޫދަށް އައީ 2006 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުއެވެ. ވިކިލީކްސްގެ މަގުސަދަކީ އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކާއި، ކުންފުނިތަކާއި، ދައުލަތްތަކުން ހިނގާ އިންސާނީ ހައްގުތަކާ ހިލާފު، އަނިޔާވެރި، ނުވަތަ ފަސާދަވެރި އަމަލުތަކާ ބެހޭ ސިއްރު ލިޔެކިޔުންތައް އިންޓަރނެޓް ބޭނުން ކޮށްގެން އާއްމު ކުރާނޭ "އޮންލައިން ހޮޅުއައްޓެއް" ހެދުމެވެ. ވިކިލީކްސް ވެބްސައިޓް ލޯންޗް ކުރެވުނު އިރު، އެ ސައިޓުގައި ލިޔެފައިވާ ގޮތުން، އެ ސައިޓަކީ އާއްމުންނާ ހަމަޔަށް ހަގީގަތް ފޯރު ކޮށްދިނުމަށް ޓަކައި ، އެކި ކަހަލަ ލިޔެކިޔުންތައް އެއްވެސް ފޮރުވުމެއް އުނިއިތުރު ކުރުމެއް ނެތި އާއްމުކޮށް ޝާއިއު ކުރުމުގެ މަގުސަދުގައި ޗައިނާ އާއި އެމެރިކާ އާއި ޓައިވާނާއި ޔޫރަޕާއި އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާއަށް ނިސްބަތް ވާ ބަޔަކު ގުޅިގެން ހިންގާ ވެބްސައިޓެކެވެ.
ވިކިލީކްސް އުފެދުނު އިރު އެ ވެބްސައިޓުގެ ކަންތައް ހިންގީ ޖޫލިއަން އަސާންޖާއި، އޭނާގެ ހައެއްކަ ރައްޓެހީންނެވެ. ނަމަވެސް 2010 ނިމުނު އިރު ވިކިލީކްސްގައި ފުލްޓައިމް މުއައްޒަފުންގެ 5 މީހުންނާއި، ވޮލަންޓިއަރ މުއައްޒަފުންގެ 40 މީހުންނާއި، އެކި ގޮތްގޮތުން އެހީތެރިކަން ފޯރު ކޮށްދޭ 800 މީހުން ތިއްބެވެ.

ވިކިލީކްސް އުފެދުމަށް ފަހު ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކާއި އެހެނިހެން ބައެއް އިދާރާތަކުގެ ސިއްރު ލިޔެކިޔުންތައް އެ ވެބްސައިޓުގައި އާއްމުކޮށް ޝާއިއު ކުރަން ފެށިއެވެ. ވިކިލީކްސްގެ ހަޔާތުގެ ފުރަތަމަ އަހަރު ނިމުމާ ހަމަޔަށް ދިޔަ އިރު، އެ ވެބްސައިޓުގައި މި ދެންނެވި ފަދަ ލިޔެކިޔުންތަކުގެ 1.2 މިލިއަން މުސްތަނަދު އާއްމު ކުރެވިފައި ހުއްޓެވެ. ވިކިލީކްސްގެ ސިޔާސަތަކީ އެ ވެބްސައިޓަށް ލިޔެކިޔުން ފޯރު ކޮށްދޭ ފަރާތްތައް ސިއްރު ކުރުމެވެ. މިއަދާ ހަމަޔަށް ވެސް ވިކިލީކްސް ވަނީ މި ސިޔާސަތު ވަރަށް ރަނގަޅަށް ތަންފީޒު ކޮށްފައެވެ.
2010 ވަނަ އަހަރުން ފެށިގެން ވިކިލީކްސްގެ މީޑިއާ ބައިވެރީންގެ ގޮތުގައި ދުނިޔޭގެ މަޝްހޫރު 5 ނިއުސް އޭޖެންސީއަކުން މަސައްކަތް ކުރެއެވެ. އެއީ އިނގިރޭސި ވިލާތުގެ ދަ ގާރޑިއަން، އެމެރިކާގެ ނިއު ޔޯރކް ޓައިމްސް، ޖަރުމަނުގެ ޑަރ ސްޕީގަލް، ސްޕޭނުގެ އެލް ޕައިޒް، އަދި ފްރާންސުގެ ލެ މޮންޑޭ އެވެ. ވިކިލީކްސްގައި ޝާއިއު ކުރާ ލިޔުންތައް މި ނޫސްތަކުގައި ވެސް ވަގުތުން ޝާއިއު ކުރެވެއެވެ.

ޖޫލިއަން އަސާންޖް

ވިކިލީކްސްގެ ބާނީންގެ ތެރެއިން އެންމެ މުހިއްމު މީހަކީ އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމަށް ވާ ޖޫލިއަން އަސާންޖް އެވެ. އޭނާ އުފަންވީ 1971 ވަނަ އަހަރު އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގެ ޓައުންސްވިލް ކިޔާ އަވަށެއްގައެވެ. އޭނާގެ އާއިލާގެ ދިރިއުޅުން ހުރި ގޮތުން، އޭނާގެ ޅަފުރައިގެ ދުވަސްތައް އެތައް ޝަހަރެއްގައި ހޭދަ ކޮށްފައި ވެއެވެ. 37 ސްކޫލާއި، 7 ޔުނިވަރުސިޓީއަކުން އަސާންޖް ކިޔަވާފައި ވެއެވެ.

ޔުނިވަރސިޓީ އޮފް މެލްބަރންގައި ހިސާބު އިލްމު ކިޔަވަން ދުވަސްކޮޅަކު އުޅުމަށް ފަހު، ކިޔެވުން ދޫކޮށްލާފައި އަސާންޖް ދިރިއުޅުމުގެ މައިދާނަށް ނުކުތީ ކޮމްޕިޔުޓަރ ޕްރޮގްރާމަރެއްގެ ގޮތުގައެވެ. ވިކިލީކްސް އުފެއްދުމުގެ މަސައްކަތް އޭނާ ފެށީ ކޮމްޕިޔުޓަރ ޕްރޮގްރާމިންގެ ދާއިރާގައި އަހަރުތަކެއް ހޭދަ ކުރުމަށް ފަހުއެވެ.
ވިކިލީކްސްއާ ބެހޭގޮތުން، އަސާންޖް އޭނާގެ ބްލޮގުގައި ލިޔެފައި ވެއެވެ. "ޖަމާއަތެއް ނުވަތަ ސަރުކާރެއްގެ ތެރޭގައި އާއްމު ރައްޔިތުންނަށް ވަގަށް، ނުވަތަ އިންސާފުން ބޭރުން ކުރާ ކަންތައް ގިނަ ވާ ވަރަކަށް، އެ ޖަމާއަތަކުން ނުވަތަ ސަރުކާރަކުން ސިއްރު ކުރަން ޖެހޭ ކަންތައްތައް ވެސް ގިނަވެއެވެ. އެފަދަ ސިއްރުތައް ސިއްރުތަކުގެ ގޮތުގައި ދެމެހެއްޓުމަށް ޓަކައި އެކި ކަހަލަ ފިޔަވަޅުތައް ވެސް އެޅެއެވެ. އެފަދަ ސިއްރުތައް އާއްމުންނާ ހަމަޔަށް ވާސިލުވުމުގެ ނަތީޖާއަކީ ފަސާދަ ވެފައި ތިބޭ ޖަމާއަތްތަކާއި ސަރުކާރުތަކުގެ ބަދަލުގައި އިހުލާސްތެރީންނަށް ދޮރުތައް ހުޅުވުމެވެ."
އަސާންޖް ދެކޭ ގޮތުގައި "ފޭސްބުކް" އަކީ ވެސް ބޮޑު ޖާސޫސީ މެޝިނެކެވެ. 2010 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު ރަޝިޔާ ޓުޑޭއަށް ދިން ބަސްދީގަތުމެއްގައި އަސާންޖް ބުނީ "ފޭސްބުކް އަކީ ދުނިޔޭގެ ތާރީހުގައި އުފެއްދުނު އެންމެ ނުބައި ޖާސޫސީ މެޝިން" ކަމަށެވެ. "އަހަރެން މި ބުނަނީ ކޮންމެހެން އެ ވެބްސައިޓް ފަރުމާ ކުރީ އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ ވެރީންނެކޭ ނޫން. އެކަން ކުރި ބަޔަކު އިޖުތިމާއީ ވިޔުގައެއް ގާއިމު ކުރުމުގެ މަގުސަދުގައި، ވިޔަފާރިއަށް އެކަން ކުރީ. އެކަމަކު މިހާރު ޖާސޫސީ އިދާރާތަކުން ގެންދަނީ ފޭސްބުކްގައި އާއްމު ކުރެވޭ މީސްމީހުންގެ އަމިއްލަ، ޒާތީ މައުލޫމާތުތައް ވަރަށް ރަނގަޅަށް މޮނިޓަރކޮށް، މީހުންގެ އާއްމު ދިރިއުޅުމަށް ޖާސޫސު ކުރަމުން"، އަސާންޖް ބުންޏެވެ.
ވިކިލީކްސްގެ ބާނީންގެ ތެރޭގައި ހިމެނޭ ޑެނިއެލް ޝްމިޓް، އޭނާގެ އެކުވެރިޔާ އަސާންޖާ ބެހޭގޮތުން ބުނެފައި ވަނީ "އަސާންޖް އަކީ ދުނިޔެއަށް ހެޔޮ ބަދަލުތަކެއް ގެންނަން ތެދުވެރި ހިތަކާއި، ރަނގަޅު ނިޔަތަކާ އެކު، މުނާފިގުކަމެއް ނެތި މަސައްކަތް ކުރާ މަދު މީހުންގެ ތެރެއިން މީހެއް" ކަމަށެވެ.

މުހިއްމު ލީކުތައް

ވިކިލީކްސް ވެބްސައިޓުގައި 2006 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެތައް މިލިއަން މުސްތަނަދެއް ޝާއިއު ކޮށްފައި ވެއެވެ. އޭގެ ތެރެއިން މުހިއްމު ބައެއް ލީކުތަކަކީ މި ދަންނަވަނީއެވެ.
ޑިސެންބަރު 2007 ވަނަ އަހަރު ޝާއިއު ކުރެވުނު "ގުއަންޓަނާމޯ ބޭ އޮޕަރޭޝަންސް މެނުއަލް" އަކީ އެމެރިކާގެ ޖާސޫސީ ލޯ ވިކިލީކްސް އަށް އަމާޒު ވެގެން ދިޔަ އެއް ސަބަބެވެ. މި މުސްތަނަދަކީ ގުއަންޓަނާމޯ ބޭގައި ތިބޭ އެމެރިކާ ސިފައިން، އެތާނގައި ހައްޔަރު ކުރެވިފައިތިބޭ ގައިދީންނާ މެދު ކަންކުރަން ޖެހޭ ގޮތުގެ އުސޫލުތައް ބަޔާން ކުރެވިފައިވާ މުސްތަނަދެކެވެ. މި މުސްތަނަދުން ސާބިތު ވި އެއް ކަމަކީ ގައިދީންނާ މެދު އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް އެމެރިކާ ސިފައިން ހިންގަމުން ދިޔަ ކަމެވެ. ހަމަ އެހެންމެ، މި މުސްތަނަދަކީ، އޭތި ހޯދަން އެމެރިކަން ސިވިލް ލިބަރޓީޒް ޔުނިއަނުން ކޯޓަށް މައްސަލަ ހުށަހަޅައިގެން ހަތަރު އަހަރު ވަންދެން މަސައްކަތް ކޮށްގެން ވެސް ނުލިބި އޮތް އެއްޗެކެވެ.
2009 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވިކިލީކްސް އިން އަނެއްކާ ވެސް ވަރަށް މުހިއްމު މުސްތަނަދެއް ލީކު ކޮށްލިއެވެ. އެއީ ހޮލެންޑުގެ ހަކަތަ ކުންފުންޏެއް ކަމަށްވާ ޓްރެފިގޫރާއިން، އައިވަރީ ކޯސްޓުގައި މަސައްކަތް ކުރުމުގެ ތެރޭގައި އަމަލު ކޮށްފައިވާ ގޮތް ދިރާސާ ކުރުމަށް ފަހު ސައިންސްވެރިޔަކު ތައްޔާރު ކުރި ރިޕޯޓެކެވެ. އެ ރިޕޯޓުން އެނގުނު ގޮތުގައި ޓްރެފިގޫރާއިން އައިވަރީ ކޯސްޓުގައި މަސައްކަތް ކުރުމުގައި، ހަރަދު ކުޑަކޮށް މަސައްކަތް ކުރަން ވެގެން ގާއިމު ކޮށްފައިވާ ނިޒާމުގެ ސަބަބުން ތިމާވެއްޓަށާއި އިންސާނުންގެ ފުރާނަޔަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައި ވެއެވެ.
މުޅި ދުނިޔޭގެ ސަމާލުކަން ވިކިލީކްސްގެ މައްޗަށް ހުއްޓުނީ 2010 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ޝާއިއު ކުރެވުނު "ކޮލެޓަރަލް މާރޑަރ" ކިޔުނު ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަނީ އެމެރިކާ ސިފައިންގެ އަޕާޗޭ ހެލިކޮޕްޓަރަކުން، ޢިރާޤުގެ ހަތިޔާރެއް ނެތް އާއްމުންގެ ބަޔަކަށް ހަމަލަދީ 15 މީހަކު މަރާލާ މަންޒަރެވެ. އޭގެ ތެރޭގައި ރޮއިޓަރޒް ނިއުސް އޭޖެންސީގެ 2 ނޫސްވެރީން ވެސް ހިމެނެއެވެ. ވިކިލީކްސްއިން އެ ވީޑިއޯ ލީކު ކުރުމުގެ ކުރީން އެމެރިކާއިން ބުނަމުން އައީ އެ ސަރަހައްދުގައި ދެވުނު ހަމަލާގައި މަރުވީ ހަނގުރާމަވެރީން ކަމަށެވެ. އެ ހަމަލައާ ބެހޭ މައުލޫމާތު ހޯދަން، ރޮއިޓަރޒްއިން ޕެންޓަގަނާ ދެކޮޅަށް އެމެރިކާގެ ކޯޓެއްގައި ކުރި ދައުވާ ވެސް ވަނީ ނާކާމިޔާބު ވެފައެވެ.
2010 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ވިކިލީކްސް އިން "އަފްޣާން ވޯރ ލޮގްސް" ގެ ނަމުން މަޝްހޫރު ވި ލިޔެކިޔުންތަކެއް ލީކު ކޮށްލިއެވެ. މި ލިޔެކިޔުންތަކުން ވެސް އެމެރިކާގެ ދޮގުވެރިކަން ހާމަވެގެން ދިޔައެވެ. އެމެރިކާގެ ހަމަލަތަކުގައި ގިނަ އަދަދެއްގެ އާއްމުން މަރުވަމުން ދިޔަ ކަމާއި، މަރުވާ އާއްމުންގެ އަދަދާ މެދު އެމެރިކާއިން ދޮގު ހަދަމުން ދިޔަ ކަމާއި، ޝަރީއަތް ކުރުމެއް ނެތި ޠާލިބާނުންގެ ލީޑަރުން މަރައި ހުސް ކުރުމުގެ މަސައްކަތް ކުރާ ހާއްސަ ފައުޖެއް "ޓާސްކް ފޯރސް 373" ގެ ނަމުގައި ހަރަކާތްތެރިވަމުން ދިޔަކަން ވެސް އެނގުނީ މި ލިޔެކިޔުންތަކުންނެވެ.
އެމެރިކާއިން ޢިރާޤުގައި ކުރަމުން ދިޔަ ހަނގުރާމަޔާ ބެހޭ ސިއްރު މައުލޫމާތު ހިމެނޭ 400،000 ލިޔެކިޔުން 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޝާއިއު ކުރެވުނެވެ. މި ލިޔެކިޔުންތަކުން އެނގުނު ގޮތުގައި އެމެރިކާ އާއި އެމެރިކާގެ އެކުވެރި ގައުމުތަކާއި، އެމެރިކާ ސިފައިން ތަމްރީނު ކޮށްފައި ވާ، އަދި އެމެރިކާގެ އިރުޝާދުގެ ދަށުން ހަރަކާތްތެރި ވާ ޢިރާޤުގެ ސަލާމަތީ ފައުޖުތަކުން ޢިރާޤުގެ ހަނގުރާމަވެރީންގެ ތެރެއިން ހައްޔަރު ކުރެވޭ މީހުންނަށް އިންސާނިއްޔަތާ ހިލާފު ބޮޑެތި އަނިޔާތައް ދީފައި ވެއެވެ. 2004 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމަޔަށް، ޢިރާޤުގެ އާއްމުންގެ 66000 މީހުން "އަނިޔާވެރިކޮށް" މަރާލެވުނުކަން ވެސް މި ލިޔުންތަކުން ހާމަވެގެން ދިޔައެވެ.

އެމެރިކާ ރަތަށް

2010 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން އެމެރިކާގެ ހަނގުރާމަތަކާ ގުޅޭ ސިއްރު އެތައް ލިޔެކިޔުމެއް ވިކިލީކްސް އިން ހާމަ ކޮށް، އަދި އެ ލިޔުންތަކާ އެކު އެމެރިކާގެ އަނިޔާވެރިކަމާއި ދޮގުވެރިކަމުގެ ހެކިތައް އާއްމުވާން ފެށުމުން، އެމެރިކާގެ އޮފިޝަލުން ވިކިލީކްސް އާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ފެށިއެވެ. އެމެރިކާގެ ވެރީން ސިފަ ކުރެއްވި ގޮތުގައި ވިކިލީކްސްއިން ލީކު ކޮށްލި ލިޔެކިޔުންތަކަކީ މުޅި ބައިނަލްއަގުވާމީ މުޖުތަމައާ ދެކޮޅަށް ދެވުނު ހަމަލާއެކެވެ. އެއަށްފަހު އެމެރިކާގެ އެކި ފެންވަރުގެ ވެރީން ވިކިލީކްސް އާ ދެކޮޅަށް ވާހަކަފުޅު ދެއްކެވިއެވެ.
އެގޮތުން، 2010 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން ވިދާޅުވީ ވިކިލީކްސްގެ ސަބަބުން "ފުރާނަތައް ނުރައްކަލުގެ ތެރެއަށް ވެއްޓި، ގައުމީ ސަލާމަތަށް ނުރައްކާވެ، ގައުމުތަކާ ގުޅިގެން، އާއްމު މައްސަލަތަކަށް ހައްލު ހޯދަން ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅެއެވެ." ހަމަ އެދުވަހު، ވިކިލީކްސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅުމަށް އެމެރިކާގެ ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ޕީޓަރ ކިންގް ގޮވާލެއްވިއެވެ. ހަމަ އެ ދުވަހު، އެމެރިކާގެ ރިޕަބްލިކަން ލީޑަރެއް ކަމަށް ވާ ސާރާ ޕެލިން ވިދާޅުވީ "އަލްޤާޢިދާ ޖަމާއަތާއި ޠާލިބާން ޖަމާއަތުގެ އިސް ވެރީން ހޯދައި، އަތުލައިގަންނަން ހިންގާ ފަދަ ވަރުގަދަ ކެންޕޭނެއް ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް އަތުލައިގަންނަން ވެސް ހިންގަން ޖެހޭނެ" ކަމަށެވެ.

އެމެރިކާގެ ވެރީންގެ ހަރުކަށި ބަސްތަކަށް ފަހު، ވިކިލީކްސް އަށް ޖެހިފައި ވަނީ ހުރަހަކަށް ފަހު ހުރަހެއް ގިރާ ކުރާށެވެ. 2010 ވަނަ އަހަރުގެ ފަހު ދެ މަސް ދުވަހުގެ ތެރޭގައި ދެ ފަހަރަކަށް ވިކިލީކްސް ވެބްސައިޓް ހެކް ކުރެވުނެވެ. ނޮވެންބަރު މަހުގެ ތެރޭގައި، ވިކިލީކްސް އާ ދެކޮޅަށް ޖިނާއީ ކުށުގެ ދައުވާތަކެއް އުފުލަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވިސްނަން ފެށިއެވެ. ޑިސެންބަރު މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ އެޓަރނީ ޖެނެރަލް އެރިކް ހޯލްޑަރ ޖޫނިއަރ ވިދާޅުވި ގޮތުގައި ވިކިލީކްސްއާ ދެކޮޅަށް ކުރެވޭ ޖިނާއީ ތަހުގީގުގައި "މުހިއްމު ފިޔަވަޅުތަކެއް" އެޅުމުގެ ހުއްދަ އޭނާ ވަނީ ތަހުގީގު ކުރާ ފަރާތްތަކަށް ދެއްވައިފައެވެ.

މީގެ އިތުރުން، އެމެރިކާގެ މާސްޓަރ ކާޑު ކުންފުންޏާއި، ވިސާ ކުންފުންޏާއި، ޕޭޕަލް ކުންފުނީން، އެ ކުންފުނިތައް މެދުވެރިކޮށް ވިކިލީކްސް އަށް އެކި ފަރާތް ފަރާތުން ފޯރު ކޮށްދެމުން ދިޔަ ފައިސާގެ އެހީތައް ހުއްޓުވައިލިއެވެ. ވިކިލީކްސްގެ ފައިސާގެ ބޮޑުބައެއް އެ ބޭންކެއްގައި ރައްކާ ކޮށްފައި ހުރި ސްވިސް ބޭންކަކުން ވިކިލީކްސްގެ އެކައުންޓް ގަނޑުކުރިއެވެ. މީގެ ސަބަބުން ކުރިމަތިވި މާލީ ދަތިކަމާ ހުރެ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވިކިލީކްސް ދުވަސްކޮޅަކަށް ބަންދު ވެސް ކުރެވުނެވެ. އެ ސައިޓް އަލުން ހުޅުވީ ހެޔޮއެދޭ ފަރާތްތަކުން އެކި ގޮތްގޮތުން ދިން އެހީތަކާ އެކުގައެވެ.
މި ހުރިހާ ކަމެއް ހިނގައިގެން ދިޔައީ 2010 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. އެ މަހުގެ 14 ވަނަ ދުވަހު އެމެރިކާގައި ނެގުނު ހިޔާލު ހޯދުމުގެ ވޯޓަކުން ދެއްކި ގޮތުގައި އެމެރިކާގެ ރައްޔިތުންގެ ގިނަ ބަޔަކު ބޭނުން ވަނީ ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް ހައްޔަރު ކޮށް، އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، އަދަބު ދިނުމަށެވެ. ހަމައެއާއެކު، ޑިސެންބަރު މަހުގެ ތެރޭގައި ފޭސްބުކާއި ޓްވިޓަރުން ވެސް ވިކިލީކްސް އާ ދެކޮޅަށް ފިޔަވަޅު އަޅާފައި ވެއެވެ.

ރޭޕާއި ޖިންސީ ގޯނާގެ ތުހުމަތު

ވިކިލީކްސްއާ ދެކޮޅަށް ދެވުނު އެކި ބާވަތް ބާވަތުގެ ހަމަލާތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ހަމަލާއަކީ، އެ ވެބްސައިޓުގެ ބާނީ ޖޫލިއަން އަސާންޖާ ދެކޮޅަށް ސްވިޑްންގެ ސަރުކާރުން ފަށާފައި ވާ ޖިނާއީ ތަހުގީގެވެ.
އަސާންޖް ސްވިޑްނަށް ދިޔައީ 2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ އެ ގައުމުގެ ސިޔާސީ ޕާޓީއަކުން އިންތިޒާމު ކުރި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ސެމިނާރެއްގައި ބައިވެރި ވުމަށެވެ. އެ ގައުމުގައި ހުރި ހުރުމުގައި، އޭނާ ވަނީ ވިކިލީކްސްގެ ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ދެ އަންހެނަކާ ޖިންސީ ގުޅުން ހިންގައިފައެވެ. ރުހުމުގައި އަސާންޖާ ގުޅުން ހިންގުމަށް ފަހު އޭގެ ތެރެއިން އެކަކު ޝަކުވާ ކޮށްފައި ވަނީ އަސާންޖް ޖިންސީ ގޮތުން ގޯނާ ކުރިކަމަށް ބުނެއެވެ. އަނެކަކު ޝަކުވާ ކޮށްފައި ވަނީ އަސާންޖް އޭނާ ރޭޕް ކުރި ކަމަށް ބުނެއެވެ.
އޯގަސްޓު މަހުގެ 30 ވަނަ ދުވަހު ސްވިޑްންގެ ފުލުހުން އަސާންޖާ 1 ގަޑި އިރު ވަންދެން ސުވާލު ކުރިއެވެ. އަސާންޖް ހައްޔަރު ކުރުމުގެ ވޮރަންޓް ދޫކުރެއްވި، ސްވިޑްންގެ ޗީފް ޕްރޮސެކިޔުޓަރ އީވާ ފީން ވިދާޅުވީ "އަސާންޖާ ދެކޮޅަށް ޖިނާއީ މައްސަލަތަކެއް އުފުލޭ ފަދަ ހެކިތަކެއް ފެންނަން ނެތް" ކަމަށެވެ. އެގޮތުން އަސާންޖް ދޫކޮށްލެވުނެވެ. ނަމަވެސް ދެން ފެނުނީ ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމުގެ ޑިރެކްޓަރ އޮފް ޕަބްލިކް ޕްރޮސެކިޔުޝަންސް މެރިއާން ނައިގެ ބެލުމުގެ ދަށުން އަލުން އެ މައްސަލަ ނެގުނު ތަނެވެ.

މައްސަލަ އަލުން ފެންމަތިވުމާ ގުޅިގެން ސްޓޮކްހޯމްގެ ފުލުހުންނަށް އަސާންޖް ހައްޔަރު ކުރުމުގެ ހުއްދަ އެ ޝަހަރުގެ ޑިސްޓްރިކްޓް ކޯޓަކުން ދިނީ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް އެއިރު އަސާންޖް ވަނީ ސްވިޑްން ދޫކޮށް އިނގިރޭސި ވިލާތަށް ގޮސްފައެވެ. އެހެންކަމުން ސްވިޑްންއިން އެއިރުއްސުރެ މިއަދާ ހަމަޔަށް މަސައްކަތް ކުރަމުން ގެންދަނީ އަސާންޖް ސްވިޑްނަށް ގެންދެވޭތޯއެވެ. އެގޮތުން 3 ޑިސެންބަރުގައި ޔޫރަޕިއަން އެރެސްޓް ވޮރަންޓެއް ނެރެފައި ވެއެވެ. އެ ވޮރަންޓު ނެރެވިފައިވާ ކަން އިނގިރޭސި ވިލާތުގެ ފުލުހުން އަސާންޖަށް އެންގީ ޑިސެންބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އޭގެ އެއް ދުވަސް ފަހުން،ޑިސެންބަރު 7 ވަނަ ދުވަހު، އަސާންޖް އަމިއްލަޔަށް ލަންޑަނުގެ ފުލުސް ސްޓޭޝަނަކަށް ގޮސް ފުލުހުންނާ ހަވާލުވިއެވެ. އަދި އޭނާގެ ވަކީލުން، އޭނާ އިނގިރޭސި ވިލާތުން ސްވިޑްނަށް ނުފޮނުވޭނެކަމަށް ކަނޑައަޅައިދިނުން އެދި އިނގިރޭސި ކޯޓަކަށް މައްސަލަ ހުށަހެޅިއެވެ.

އިނގިރޭސި ވިލާތުގެ ދަށު ކޯޓުތަކުން ދެ މަރުހަލާއެއްގައި ވެސް ނިންމާފައި ވަނީ އަސާންޖް ސްވިޑްނަށް ފޮނުވޭނެ ކަމަށެވެ. މިހާރު މައްސަލަ އޮތީ އިނގިރޭސި ވިލާތުގެ ސުޕްރީމް ކޯޓުގައެވެ. ސުޕްރީމް ކޯޓުން ވަނީ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހާއި 2 ވަނަ ދުވަހު މައްސަލައިގެ އަޑުއެހުމެއް ބާއްވައި، ގޮތެއް ނިންމާނެ ކަމަށް ބުނެފައެވެ.
އިނގިރޭސި ފުލުހުން އަސާންޖް ހައްޔަރު ކުރުމަށް ފަހު 8 ދުވަސް ވަންދެން އޭނާ ޖަލުގައި ބެހެއްޓިއެވެ. ކޯޓުން އޭނާ ގޭބަންދަށް ދޫކޮށްލާފައި ވަނީ 380000 ޑޮލަރުގެ ބެއިލަކާ އެކުގައެވެ. މި ބެއިލް ދައްކައިދީފައި ވަނީ އަސާންޖަށް ހެޔޮއެދޭ ފަރާތްތަކުންނެވެ. އޭގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރ މައިކަލް މޯރ ވެސް ހިމެނެއެވެ.
އަސާންޖާ ދެކޮޅަށް ކުރެވިފައި ވާ ތުހުމަތުތަކުގެ ތާރީހާއި، އެ ތުހުމަތުތައް ކުރެވިފައިވާ ގޮތަށް ބަލައިލުމުން ދޭހަވަނީ އެއީ އޭނާއާ ދެކޮޅަށް ރޭވިގެން ހިނގާ ހަރަކާތެއް ކަމަށެވެ. ސްވިޑްންގެ ފުލުހުން ބުނެފައި ވަނީ އެމީހުން ބޭނުންވަނީ އަސާންޖާ ސުވާލުކުރަން ކަމަށާއި، ދައުވާއެއް އުފުލުމާ މެދު ގޮތެއް ނިންމާނީ އޭގެ ފަހުން ކަމަށެވެ. އިނގިރޭސި ވިލާތުގައި ހުރެ، ވީޑިއޯ ކޮންފަރެންސްގެ ނިޒާމު ބޭނުންކޮށްގެން ސްވިޑްންގެ ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދޭން ތައްޔާރަށް ހުރި ކަމަށް އަސާންޖް ވަނީ ބުނެފައެވެ. ނަމަވެސް އެ ހުށަހެޅުމާ މެދު ވިސްނަން ވެސް ސްވިޑްން ބޭނުމެއް ނުވެއެވެ. އެއާއެކު، މިހާތަނަށް ވެސް އަސާންޖާ ދެކޮޅަށް ކުރެވޭ ރޭޕާއި ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅުން ހުރި އެއްވެސް ހެއްކެއް ސްވިޑްންގެ ފުލުހުން އިނގިރޭސި ފުލުހުންނާ އެކު ހިއްސާ ކޮށްފައެއް ނުވެއެވެ.

އަސާންޖާއި އޭނާގެ ވަކީލުން ބުނާ ގޮތުގައި ސްވިޑްނަށް އޭނާ ގެންދިޔުމުގެ މަގުސަދަކީ އޭނާ އެމެރިކާއަށް ފޮނުވައިލުމެވެ. އެމެރިކާގެ ބާރުގެ ދަށަށް އަސާންޖް ހިނގައްޖެ ނަމަ، އޭނާއާ ދެކޮޅަށް އެމެރިކާގައި އުފުލޭ ދައުވާތައް ވާނީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރުމުގެ އެތައް ކުށެއް ކުރިކަމަށް ތުހުމަތުކޮށް ކުރެވޭ ދައުވާތަކަކަށެވެ. އެ ދައުވާތައް ސާބިތު ވެއްޖެ ނަމަ އޭނާގެ އަދަބަކަށް ވާނީ މަރެވެ.

ވިކިލީކްސްގެ މުސްތަގުބަލް

ވިކިލީކްސް ވެބްސައިޓަށް ވަނީ މާލީ ދަތިކަން ނިހާޔަތަށް ކުރިމަތި ވެފައެވެ. ވެބްސައިޓުގެ ކައްޕިތާނެއްގެ މަގާމުގައި ހުރި ޖޫލިއަން އަސާންޖް ދަނީ ގާނޫނީ ގޮޅިއަކަށް މެހި، ފިތެމުންނެވެ. މި ދަނޑިވަޅުގައި ވިކިލީކްސްގެ މުސްތަގުބަލާ މެދު ވަރަށް ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އަސާންޖް އިއުލާން ކުރިގޮތުގައި 2011 ވަނަ އަހަރަށް ފަހު ވިކިލީކްސް ކުރިޔަށް ގެންދެވޭނެ ކަމުގެ އުއްމީދެއް ނެތެވެ. އެއީ ފައިސާގެ ދަތިކަމުގެ ސަބަބުންނެވެ. އެހެނީ އެމެރިކާގެ ބާރުގައި ވިކިލީކްސްއަށް މާލީ އެހީތެރިކަން ލިބޭނޭ ދޮރުތައް މުޅީން ކަހަލަ ގޮތަކަށް ވަނީ ބަންދު ކޮށްލާފައެވެ. ދުނިޔޭގެ އެހެން މީހުންގެ އިއްޒަތާއި އަބުރެއް އޮންނަކަން ނުދަންނަ އެމެރިކާގެ ވެރީން ވެސް އަސާންޖާއި ވިކިލީކްސްއާ ޖެހުނީމަ ބުނަނީ "ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި ވެސް ހައްދުތަކެއް އޮންނާނޭ" ކަމަށެވެ. އެ ހައްދު ފަހަނަޅައި ދިޔަކަމުގެ ކުށުގައި ޖޫލިއަން އަސާންޖް ގުރުބާން ކޮށް، ވިކިލީކްސް ގައި ބޮޑުތަޅު އަޅުވާ ދުވަސް ވާނީ މި ޒަމާނުގެ އިންސާނީ ހައްގުތަކާއި މިނިވަންކަމުގެ ތާރީހުގައި ވަރަށް ބޮޑު ދުވަހަކަށެވެ. ވަރަށް ވެސް ބޮޑު ދުވަހަކަށެވެ.