މިއަދު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ޕިއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހައްޔަރުކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު ވެސް އިދިކޮޅުން ހުރި މުޒާހަރާއެއްގެ ތެރެއިން އެދެބޭފުޅުން ހައްޔަރުކުރި އެވެ.

އިދިކޮޅުން މިއަދު މުޒާހަރާ ކުރީ، ކޮވިޑް19އިން ރައްކާތެރިވުމަށް އިންޑިއާއިން ހަދިޔާ ކުރި ވެކްސިންއާ ގުޅޭ މައުލޫމާތުތައް ހާމަކަން ބޮޑު ގޮތެއްގައި ހާމަކުރުމަށް ގޮވާލަ އެވެ.

އެކަމާ ގުޅޭ މައުލޫމާތުތައ ހޯދުމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރުން ހެލްތް މިނިސްޓްރީ ހުންނަ އިމާރާތް ސޯސަން މަގު ރޯޝަނީ ބިލްޑިން ކުރިމައްޗަށް ގޮސް ވަނީ މުޒާހަރާކޮށްފަ އެވެ. އަދި އެ އިމާރާތުގެ ކުރިމަތީގައި އަޑުވެސް އުފުލާފަ އެވެ.

އިންޑިއާ އިން ރާއްޖެ ހަދިޔާކުރި އަދި 700،000 ޑޯޒް ގަންނަން ރާއްޖެއިން އޯޑަރު ދީފައިވާ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާ "ކޮވިޝީލްޑް" ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަން ކަށަވަރު ކުރުމަށްވެސް މިއަދުގެ މުޒާހަރާގައި އިދިކޮޅުން ގޮވާލި އެވެ.

ރާއްޖޭގައި ބޭނުން ކުރަން އުޅޭ އެ ވެކްސިނަކީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކުރި ވެކްސިންގެ ފޯމިއުލާ ބޭނުންކޮށްގެން ތައްޔާރު ކުރި ވެކްސިނެކެވެ.

އެ ވެކްސިންއަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ހުއްދައެއް ނުލިބެ އެވެ. އެޗްޕީއޭއިން މީގެ ކުރިން ބުނީ، އެ ވެކްސިން ބޭނުން ކުރަން ފަށާނީ ޑްބަލިއުއެޗްއޯގެ ހުއްދަ ލިބުމުން ކަމަށެވެ.