27 Jan 2021, 15:22
ރާމަﷲ (ޖަނަވަރީ 27) : ފަލަސްތީނުގެ ރެފިއުޖީންނަށް އެމެރިކާ ދޭ އިންސާނީ އެހީ ހުއްޓާލާފައި އޮތުމަށް ފަހު އެ އެހީ އަލުން ދޭން ފެށުމަށް ނިންމުމާއި ފަލަސްތީނުގެ ސަރުކާރާ އަލުން ގުޅުންތައް ގާއިމުކުރުމަށް އެމެރިކާގެ އައު ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ނިންމި ނިންމުމަށް ފަލަސްތީނުން މަރުހަބާ ކިޔައިފި އެވެ.
ފަލަސްތީނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ބައިޑެންގެ ސަރުކާރުން ރަނގަނޅަށް އެޅި ފިޔަވަޅެއްކަމަށާއި މިކަމަށް މަރުހަބާ ކިޔާ ކަމުގަ އެވެ. އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމާގުޅިގެން ފަލަސްތީނު ރައްޔިތުންގެ ހަތް މިލިޔަނެއްހާ ރައްޔިތުން ގައުމުން ބޭރުގައި ރެފިއުޖީންގެ ގޮތުގައި ގޮތުގައި ދިރިއުޅެންޖެހިފައިވާ އިރު މިއީ ފަލަސްތީނުގެ އާބާދީގެ ގާތްގަނޑަކަށް 60 ޕަސެންޓެވެ.
އެމެރިކާ ފަލަސްތީނުގެ ރެފިއުޖީންނަށް ދޭ އިންސާނީއެހީ ދެނީ ރެފިއުޖީންގެ ދިރިއުޅުމުގެ ކަންތައްތައް ބަލަހައްޓާ އދ.ގެ އިދާރާކަމަށްވާ "ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާކްސް އެޖެންސީ ފޯ ޕަލެސްޓައިން ރެފިއުޖީސް" (ޔުންރުވާ) މެދުވެރިކޮށެވެ. އެމެރިކާއިން "އުންރުވާ" އަށް އަހަރަކު 300 މިލިއަން ޑޮލަރު ދެމުންގެންދާތާ ދިގުމުއްދަތެއް ވެފައިވީ ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އޭނާ ވަނީ އެއެހީ އެއްކޮށް ކަނޑާލައްވާފަ އެވެ.
މިއެހީ ނުލިބުމުން "އުންރުވާ" އަށްވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް ދޭ ސިއްހީ އަދި ތައުލީމީ އަސާސީ ޚިދުމަތްތައް ދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ. މީގެއިތުރުން "ޔުންރުވާ" އިން ވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް ދޭ އިންސާނީ ގިނަ ޚިދުމަތްތަކެއް ކަނޑާވެސްލާފަ އެވެ.
ފަލަސްތީނުގެ ރެފިއުޖީންނަށް އެމެރިކާދޭ އިންސާނީ އެހީ ކަނޑާލުމުގައި ޓްރަމްޕްގެ ސަރުކާރުގެ ބޭނުމަކީ ފަލަސްތީނުގެ ރެފިއުޖީން އިތުރަށް ހާލުގައި ޖެއްސުމާއި ފަލަސްތީނުގެ ރެފިއުޖީން ތިބި ގައުމުތަކުގެ ރަށްވެހިކަން އެމީހުންނަށް ދިނުމަށް އެގައުމުތަކަށް ފިއްތުންތައް ކުރިމަތިކުރުން ކަމަށް ޓްރަމްޕްގެ ވެރިކަމުގައި ފަލަސްތީނުގެ ސަރުކާރުން ބުނެފައިވެ އެވެ.
ފަލަސްތީނުގެ ރެފިއުޖީން ތިބި ގައުމުތަކުގެ ރަށްވެހިކަން އެމީހުންނަށް ދިނުމަށް އެގައުމުތަކަށް ފިއްތުންތައް ކުރިމަތި ކުރުމުގައި އެމެރިކާގެ ބޭނުމަކީ ފަލަސްތީނުގެ ރެފިއުޖީން އެނބުރި ފަލަސްތީނަށް އައުމުގެ ފުރުސަތުން މަހްރޫމް ކުރުމެވެ. މިއީ އިސްރާއީލުގެ އެދުމުގެ މަތިން ޓްރަމްޕް އެޅުއްވި އަނިޔާވެރި ލާއިންސާނީ ފިޔަވަޅެއްކަމަށް އެދުވަސްވަރު ފަލަސްތީނުން ސިފަކޮށްފައިވެ އެވެ.
އެމެރިކާއިން ފަލަސްތީނުގެ ރެފިއުޖީންނަށްދޭ އިންސާނީއެހީގެ 300 މިލިޔަން ޑޮލަރު އަލުން ދޭންނިންމިކަން އިއުލާންކުރައްވާފައި ވަނީ އެމެރިކާ އިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ރިޗަޑް މިލްސްއެވެ. މީގެ އިތުރުން ފަލަސްތީނު ބިމުގައި އިސްރާއީލަށް ދައުލަތެއް އުފައްދައިދީފައިވާ ގޮތަށް ފަލަސްތީނަށް މިނިވަން ދައުލަތެއް އުފައްދައިދިނުމަށް އެމެރިކާ ކުރިން ގެންގުޅުނު ސިޔާސަތަށް އެނބުރި ރުޖޫއަވެފައިވާކަން ވެސް އެމެރިކާގެ އައު ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަން ވަނީ ދާދިފަހުން އިއުލާން ކުރައްވާފަ އެވެ. އަދި ޓްރަމްޕްގެ ވެރިކަމުގައި ބަންދުކުރި ފަލަސްތީނުގެ އެންބަސީ (ވޮޝިންޓަންގައި ހުންނަ ފަލަސްތީނުގެ ޑިޕްލޮމެޓިކް އޮފީސް) އަލުން ހުޅުވުމަށް ނިންމިކަން ވެސް ބައިޑެންގެ ވެރިކަމުގައި އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ ހާމަކޮށްފަ އެވެ.
ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ގެންގުޅެފައި ވަނީ ފަލަސްތީނު ބިމުގައި ފަލަސްތީނަށް މިނިވަން ދައުލަތެއް އުފައްދައި ނުދިނުމުގެ އަނިޔާވެރި ސިޔާސަތެކެވެ. ފަލަސްތީނުގެ ރެފިއުޖީންނަށް އެމެރިކާ ދޭ އިންސާނީ އެހީ އަލުން ދޭން ބައިޑެންގެ ސަރުކާރުން ފެށި ނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރަށް ޒަމާނުއްސުރެ އެމެރިކާ ދޭ އެހީއާއި އިސްރާއީލަށް ވާގިވެރިވުމަށް އެމެރިކާގެންގުޅޭ އަނިޔާވެރި އަދި ލާއިންސާނީ ސިޔާސަތަށް ބައިޑެންގެ ވެރިކަމުގައިވެސް ބަދަލެއް އަންނާނެކަމަށް ފަލަސްތީނުން އުންމީދު ނުކުރާކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)