27 Jan 2021, 09:25
ވަރަށް ކުޑައިރުއްސުރެވެސް އިނގިރޭސިވިލާތަށް އުފަން އެމީލިއާ ބްރެއިންއަކީ ކެއިންބުއިމުގަ އާއި އަދި ބޭނުންކުރާ އެކި ބާވަތްތަކުގައި އެހެންމީހުންނާއި ތަފާތުކޮށް ވަރަށް ފަރުވާތެރިވެ ސަމާލުވާންޖެހޭ ކުއްޖެކެވެ. ސަބަބަކީ އޭނާއަކީ ކިރާއި ބިސް ހިމެނޭ "ޑެއިރީ"ގެ ބާވަތްތަކަށް ވަރަށް ބޮޑަށް އެލާޖިކް ކުއްޖަކަށްވާތީ އެވެ.
އެމީލިއާގެ އެލާޖީގެ މައްސަލަ އާއިލާއަށް އެނގުނީ، މީގެ އަހަރުތަކެއް ކުރިން ކޮއްކޮ ޔޯގަޓް ކައިގެން ތުން ނުދޮވެ ދޮން ދިނުމުން މުޅި މޫނު ދުޅަވެ ބޮޑު އެލާޖިކް ރިއެކްޝަން އެއް އައުމުންނެވެ ނަތީޖާތައް ދެއްކި ގޮތުގައި، ހުރިހާ ވައްތަރެއްގެ ޑެއިރީއަށާއި، ބިހާއި، ޓްރީ ނަޓްސް އަށް އޭނާ އެލާޖިކް އިރު އެސްމާގެ މައްސަލަވެސް އޭނާގެ ކިބައިގައި ހުރެއެވެ.
އެއާއެކު އެމީލިއާގެ ކަންކަމަށް އޭނާގެ މައިންބަފައިން ވަރަށް ފަރުވާތެރިވެ ހުރިހާ ކަމެއްވެސް އައީ ގާތުން ބަލަމުންނެވެ. އަދި ކާއެއްޗިއްސާއި ކޮސްމެޓިކްސް ގަތުމުގައިވެސް ލޭބަލްތައް ކިޔުމަށް އާޢިލާއިންނާއި ހުދު އެމީލިއާވެސް ސަމާލުކަން ދެއެވެ.

އެމީލިއާ އާއި އޭނާގެ އާއިލާ--
ނަމަވެސް މިފަހުން ފެންވެރުމަށް އޭނާ ބޭނުންކުރި 'ބާތް ބޮމްބް' އެއްގެ ސަބަބުން ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ އެވެ. އާއިލާއާއި ހަވާލާދީ މީޑީއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ބާތު ޓަބަށް އޭނާ އެރުމާއެކު ކޮށިއަރައި އެމީލިއާ އޮތީ ނޭވާ ނުލެވިފައެވެ.
ނަސީބަކުން އޭނާ ބޭނުންކުރަންޖެހޭ އިންހޭލާ ފަސޭހައިން އަތު ޖެހޭ ހިސާބެއްގައި އޮތުމުން ނިކަން އަވަހަށް ސްޕްރޭކުރެވި އަަވަސް ފަރުވާ ލިބުނެވެ. އަދި ޕެރެމެޑިކްސްގެ އެހީތެރިކަމާއި އެކު ހޮސްޕިޓަލަށް ދެވުނީ ހަމަ ކިރިޔާ އެވެ.
އެލާޖީގައި ހާސްވެ މުޅިން ނޫވެފައި ވާ ދަރިފުޅުގެ ފުރާނަ ސަލާމަތްވިކަން ޔަގީންވުމުން އޭނާގެ މައިންބަފައިން އަވަސްވީ އެލާޖިކްވި އެއްޗެއް އަވަހަށް ދެނެގަތުމަށެވެ. މިގޮތުން އޭނާ ބޭނުންކުރި ބާތު ބޮމްގެ ޕެކޭޖިންއަށް ބެލިއިރު އޭގައި ކިރު ހިމެނޭކަން އެނގުނެވެ. ނަމަވެސް ކިރުގެ ވާހަކަ ލިޔެފައިވަނީ ލޮލަށް ނުފެންނަހާ ކުޑަކޮށް އިންގްރިޑިއަންޓްސް ލިސްޓާއި ވަކީންނެވެ.
އެމީލިއާގެ އާއިލާއިން ބުނާގޮތުން، ކިރުގެ ވާހަކަ ކިތަންމެ ކުޑަ ފޮންޓްއަކުންނަމަވެސް ބަޔާންވެފައި ވުމުން ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ޝަރުތުތައް އެވަނީ ހަމަވެފައެވެ.
ޕެކޭޖިންގައި ކޮންމެހެންވެސް އެ އެއްޗެއް އުފައްދަން ބޭނުންކުރި ތަކެތީގެ ނަންތައް ބަޔާންވެފައި ހުންނަންޖެހޭއިރު، މިފަހުންވެސް އިނގިރޭސިވިލާތުގައި ވަނީ ހަމަ ތުއްތުކުއްޖެއް ސެސަމީ ސީޑްސް ހުރި އެއްޗެއްް ކައިގެން އެލާޖިކްވެ މަރުވެފައެވެ.
އެއާއިއެކު އެމީލިއާގެ އާއިލާއިން މިހާރު މަސައްކަތްކުރަމުންދަނީ އެމީލިއާ ފަދައިން އެލާޖީގެ މައްސަލަ ހުންނަ ފަރާތްތަކުގެ ހައްގުގައި އިންގްރިޑިއަންޓް ލިސްޓްތަކުގައި ފަސޭހައިން ފެންނަ ގޮތަށް ހުރިހާ ބާވަތެއްވެސް އެއްވަރަކަށް ލިޔެވިފައި ބެހެއްޓުމަށް ގާނޫނުތައް ބަދަލުކުރުމަށް ގޮވާލުމާށެވެ. މިކަމަށްޓަަކައި ހާޢްސަ ޕެޓިޝަނެއްވެސް ދަނީ ތައްޔާރުކުރަމުންނެވެ.
އެލާޖީއަކީ މުޅި ދުނިޔޭގައިވެސް ވަރަށް އާންމު ކަމަކަށްވާއިރު، ކޮސްމެޓިކްއާއި ކާއެއްޗެހި ތައްޔާރުކުރާ އިންޑަސްޓްރީތަކުން މިކަންކަމަށް އިތުރަށް ސަމާލުވުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.