27 Jan 2021, 00:00
ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް ސަސްޕެންޑު ކޮށްފި އެވެ.
މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "ސަން" އަށް މިރޭ ވިދާޅުވީ ސާޖެންޓް އެޓް އާމްސް ސަސްޕެންޑު ކުރީ މަޖިލީހުން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ކަމަށެވެ.
އެ މައްސަލައިގެ ތަފްސީލެއް ނުދެއްވަ އެވެ. ނަމަވެސް ޒިޔާއު ވިދާޅުވީ ސާޖެންޓް އެޓް އާމްސް ސަސްޕެންޑުކޮށްފައި ވަނީ މައްސަލަ ބަލައި ނިމެންދެން، މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.
މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް ހަލީމް ފުރަތަމަ އައްޔަންކުރެއްވީ 31 އޮކްޓޫބަރު 2013ގަ އެވެ.
އޭގެ ކުރިން އޭނާވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ގިނަ ދުވަހު ހިދުމަތްކުރައްވާފަ އެވެ.
ސާޖެންޓް އެޓް އާމްސް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވާ އަމުރުތަކާއި މަޖިލީހުން ކުރާ އަމުރުތައް ތަންފީޒުކޮށް މަޖިލީހުގެ ގަވާއިދު ހިފެހެއްޓުމުގެ ޒިންމާ އުފުލާ ފަރާތެވެ.