30 Jan 2012, 08:35
ސަރުކާރުގެ ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދަ ވެގެން ދިޔައީ ކޮންމެ މީހަކަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ އެއްލައްކަ ރުފިޔާގެ އަގު ބޮޑު އައިޑީކާޑެއް ލިބުމެވެ. އަހަރު ފެށުމާ އެކު މި ހިދުމަތް ތައާރަފުވު ވެގެން އައުމުން ބޭސް ފަރުވާ ކުރަން ފައިސާ ހޯދުމާއި ސަލާން ޖެހުމުގައި ލުޔެއް ލިބުނީ ކަމަށް ބެލެވުނެވެ. އަދި އެކަމަށް ކޮންމެ ވެސް ވަރެއްގެ ނިމުމެއް އައީއޭ ބުނެވިދާނެ އެވެ.
ނަމަވެސް އާސަންދައިގެ ފަސޭހައާ އެއްވަރަށް އެ ހިދުމަތުގެ ޝަކުވާތައް ވެސް އެކި ސިފަ ސިފައިގައި އެކި ގޮތްގޮތަށް ވަނީ ބޭރުވާން ފަށައިފަ އެވެ. މި ދުވަސް ވަރަކީ މާލޭގައި މުޒާހަރާގެ ދުވަސްވަރެކެވެ. މުޒާހަރާގައި ބައިވެރިވާ މީހުން ގިނަ އެވެ. އެއިން ކޮންމެ މީހަކީ ވެސް އާސަންދައިގެ އަގުބޮޑު އައިޑީކާޑު އޮތް މީހެކެވެ. ނަމަވެސް މުޒާހަރާގައި ލިބޭ އަނިޔާތަކަށް އާސަންދައިގެ ހިދުމަތް ނުލިބޭނެ ކަމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑުން ވަނީ ބުނެފަ އެވެ. މިއީ ވެސް މީހުންގެ ޝަކުވާއެކެވެ.
ކުންފުނިން ބުނެފައި ވަނީ މުޒާހަރާގައި މީހުންނަށް ލިބޭ އަނިޔާތަކަކީ އިންޝުއަރެންސްގެ ތެރެއިން ކަވަރު ކުރާ ކަމެއް ނޫން ކަމަށާއި އެހެން ތަންތާނގައި ވެސް އެއީ އިންޝުއަރެންސްގެ ތެރޭގައި ހިމޭނެ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް ފަރުވާ ހޯދަން ދިއުމުން އެއީ މުޒާހަރާއެއްގައި ލިބުނު އަނިޔާއެއްތޯ ނޫންތޯ ނުވަތަ މުޒާހަރާ ހިނގަމުން ދަނިކޮށް މީހަކު ކުރި ކަމަކާ ނުލައި ލިބުނު އަނިޔާއެއްތޯ ނޫންތޯ ބަލާނެ މިންގަނޑަކީ ކޮބައިތޯ މީހުން ސުވާލު އުފައްދަ އެވެ. ބައެއް މީހުން ބުނަނީ ސިލްސިލާ މުޒާހަރާތަކެއް ހިނގާ ނަމަ މިހާރު ކަންކަން ވަމުންދާ ގޮތަށް ބަލާއިރު ޒަހަމެއް ވެގެންދާ ކޮންމެ މީހަކީ މުޒާހަރާ ޒަހަމެއް ކަމެއް ބަލައި އާސައިންދައިން ފަރުވާ ނުލިބި ދިއުމުގެ ހިތްހަމަ ނުޖެހުން ބޮޑު ކަމަށެވެ.
އާސަންދައިގެ ހިދުމަތް ދޭން ފެށުމާ އެކު ހޮސްޕިޓާތަކަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ދިގު ކިޔޫއެއް އުފެދުމެވެ. އެއްވެސް ކަމަކުންކުރެ ކަމަކާ ނުލައި ޑޮކްޓަރަށް ދައްކަން ދާން ފެށުމުން ބަލި މީހުންނަށް ފަރުވާ ދިނުމުގައި އުނދަގޫތަކެއް ނުކުތުމެވެ. މި މައްސަލަތަކަށް ހައްލެއް ނުލިބި އުޅެނިކޮށް، އާސަންދައިގެ ތެރެއިން ވަނީ އިތުރު ޝަކުވާތައް ނުކުންނަން ފަށައިފަ އެވެ. މީހުން ޝަކުވާ އާންމުކޮށް ފަށާ ހިސާބަކީ ބޭސް ނުލިބޭ ކަމުގެ ޝަކުވާ އެވެ.
"އަޅުގަނޑު ފަރުވާއަށް ދިއުމުން އާސަންދަވީ ބޮޑު ވޭނަކަށް. އެކަމުން އަވަދިގެން ބޭސް ހޯދަން ޖެހުނު ކިޔުވީ އެތަކެއް ގަޑިއިރަށް، އެކަން ފުރިހަމަވެގެން ބޭސް ސިޓީ ދިއްކޮށްލި އިރު އައިޑީ ކާޑުގެ ނަމަކާއި ބޭސް ސިޓީގެ ނަމަކާ ދިމާނުވާތީ ކަމަށް ބުނެ ބޭހެއް ނުދިން. ނަން ރަނގަޅުކޮށް ތައްގަނޑު ޖަހައިގެން ދިއުމުން ބުނީ ފަހުން ޑޮކްޓަރު ކުރި ސޮޔަކާ ކުރީގެ ސޮޔަކާ ދިމައެއް ނުވޭ. އެހެންވީމާ އެއީ ނުލިބުނު ބޭހެއް، އާސަންދަވީ އަޅުގަނޑުގެ ބައްޔާއެކު އިތުރު ބޮލު ރިހުމަކަށް،" މީހަކު ޝަކުވާ ކުރި އެވެ.
ބޭސް ފަރުވާ ހޯދުމަށްދާ މީހުންނަށް ހިދުމަތް ނުލިބި ދިގުވެގެންވާ ކިއުގައި މަޑުކުރަން ޖެހުމާ އެކު އާސަންދައިގެ ދަށުން މިހިދުމަތް ލިބެނީ އަދި ނުލިބެނީ ކޮންކޮން ހިދުމަތްތަކެއްތޯ ވެސް ބައެއް ފަރާތްތަކުން ޝަކުވާ ކުރެ އެވެ. މާނައަކީ އާސަންދަ ސްކީމްގެ ފަންކްޝަން ކުރާ ގޮތާއި ހިދުމަތް ލިބޭ އުސޫލުތައް ވެސް އެންމެ ރަނގަޅަށް މީހުންނަށް އަދި ސާފުވެފައި ނެތުމެވެ. ނަތީޖާއެއްގެ ގޮތުން އެއީ ކޮން އުސޫލަކުން ހިދުމަތް ލިބޭ ސްކީމެއްތޯ މީހުން ސުވާލު އުފައްދާ އޭގެ ތެރެއިން ޝަކުވާތައް ނެރެ އެވެ.
"އާސަންދައިން ލިބޭ އެއްލައްކަ ރުފިޔާގެ ބޭސް ފަރުވާ މިއޮންނަނީ ހަމަ ނަމަކަށް. ބައެއް ބޭސްތައް ވެސް ގަންނަން މިޖެހެނީ އަމިއްލަ ޖީބުން، މީ ކޮން އުސޫލެއްގެ ސްކީމެއް ކަމެއް މުޅިއަކުން ސާފެއް ނުވޭ،" އޭޑީކޭއިން ދިމާވި މީހަކު ބުންޏެވެ.
އާސަންދައިން ބޭސް ފަރުވާގެ އެހީ ލިބުނަސް، ހުރިހާ ބޭހެއް އަދި ހުރިހާ ހިދުމަތްތަކެއް މިސްކީމްގެ ދަށުންނެއް ނުލިބެ އެވެ. އާސަންދައިގެ ދަށުން ސިއްހީ ހިދުމަތް ހޯދޭނެ މިންވަރާއި ހޯދޭނެ ހިދުމަތްތައް ކަނޑައަޅާފައިވެ އެވެ. އެހެންނަމަވެސް ބައެއް މީހުންނަށް މިކަންކަން އަދި އެހާ ސާފެއް ނުވުމުގެ ސަބަބުން ވެސް މައްސަލަތައް ދިމާވެ، ބޭކާރު ޝަކުވާތައް ވެސް ގިނަ އެވެ. ހަގީގަތުގައި އާސަންދަ އައީ ކުއްލިއަކަށެވެ. އާއްމުން ހޭލުންތެރި ނުކުރުވަ އެވެ. އޭގެ ނަތީޖާއަކަށްވީ ޝަކުވާ ގިނަވުމެވެ.
އޭޑީކޭގޭ މޭނޭޖިން ޑިރެކްޓާ އަހުމަދު އައްފާލު ވިދާޅުވި ގޮތުގައި އާސަންދައިގެ ހިދުމަތްދޭން ފެށިއިރު ވަރަށް ގިނަ ދަތިތަކާ ދިމާވި އެވެ. ހާއްސަކޮށް ބޭނުން ނޫން ގޮތުގައި ސިއްހީ ހިދުމަތް ހޯދުމަށް ދާ މައްސަލަ ވަރަށް ބޮޑަށް ދިމާވި އެވެ.
"އާސަންދައިގެ ހިދުމަތް ފެށިގެން އައިއިރު އެވެއާނަސް ވަރަށް ކުޑަ،" އޭނާ ވިދާޅުވި އެވެ.
ޅ. އަތޮޅު ހޮސްޕިޓަލުން މިމަހުގެ 26 ވަނަ ދުވަހު ނެރެފައިވާ އިއުލާނެކެވެ: "ދިވެހިންގެ ސިއްހީ ފަރުވާގެ ނިޒާމް އާސަންދައިގެ ދަށުން ހޮސްޕިޓަލުންދޭ ހިދުމަތްތަކަށް 27 ޖެނުއަރީ 2012 ން ފެށިގެން އަގު ނެގުމަށް ހަމަޖެހިފައިވާތީ މިކަން އާއްމު ރައްޔިތުންގެ މައުލޫމާތަށްޓަކައި އެންގީމެވެ،"
މިއިއުލާން ނުކުތުމުން ބައެއް މީހުން ބުނީ އެއީ ކުރިން އެނގިފައިނުވާ ކަމެއް ކަމަށެވެ. ކުއްލިއަކަށް އެފަދަ ލިޔުންތައް އެކި ދިމަ ދިމާއިން ފެންނަން ފެށުމުން އަގޮބޮޑު އައިޑީކާޑާ އެކު ޑޮކްޓަރަށް ދައްކަންދާ މީހާގެ މޫނު މައްޗަށް ރޫ އަރައި ޝަކުވާތައް ގިނަވެ އެވެ.
އައިޖީއެމްއެޗްގެ އިސް އޮފިޝަލަކު ވިދާޅުވީ އާސަންދައިގެ ހިދުމަތް ފެށިއިރު ވެސް އެ ހޮސްޕިޓަލްގައި ކިއު ޖައްސާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި މިހާރު އެއަދަދު ދެގުނަ އިތުރުވެފައިވާ ކަމަށެވެ.
"ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ބޭސް ފަރުވާ ހޯދާ މީހުންގެ އަތުން މި ސްކީމްގެ ދަށުން ޗާޖެއް ނުކުރާނެ. އަދި އެއްވެސް ހިދުމަތަކަށް އަގު ނަގާ ގޮތަށް ހަމަޖެހިފަ އެއް ނުވޭ. މިހިދުމަތުގެ ދަށުން ކަވާ ނުކުރާ ހިދުމަތްތަކުގެ ޝަކުވާއެއް އަދި ނުލިބޭ. ބޭހުގެ ޝަކުވާއެއް ވެސް ވަރަށް ނާދޭ،" އޮފިޝަލް ވިދާޅުވި އެވެ.
އެހެން ވިދާޅުވި ނަމަވެސް ބޭހުގެ ޝަކުވާއަކީ އެންމެ އާންމު ޝަކުވާ އެވެ. މީހުން ޝަކުވާ ފަށާ ހިސާބަކީ އެއީ އެވެ.
އާސަންދަ މިސްކީމްގެ ދަށުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ހޯދާ ބޭސްފަރުވާއެއް އެއްލައްކަ ރުފިޔާ ހަމަވަންދެއް ވެސް ލިބޭއިރު އެޑްމިޓްނުވެ ހޯދަ ހިދުމަތްތަކަށް އަހަރަކަށް 10،000ރ. ކަނޑައަޅާފައިވާއިރު އެޑްމިޓްނުކޮށް ހޯދާ ފަރުވާއަށް ދޭ ބޭހަށްވެސް ވަނީ އަހަރަކަށް 10،000ރ. ކަނޑައަޅާފަ އެވެ. އަދި ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތަކުގައި ދަތުރު ފަތުރަށް 30،000ރ. އަދި ރާއްޖޭން ލިބެން ނެތް ހިދުމަތެއް ހޯދަން ބޭރަށް ދިއުމުގެ ޓިކެޓަށް 15،000ރ. ކަނޑައަޅާފައިވެ އެވެ. އަދި ދަތުގެ ހިދުމަތަށް އަހަރަކު 10،000ރ ރުފިޔާ ކަނޑައަޅާފައިވާއިރު އައިނު ހެއްދުމަށް ކޮންމެ ދެ އަހަރުން އެއް އަހަރު 1،000ރ. ވަނީ ކަނޑައަޅާފަ އެވެ.
މީގެއިތުރުން އާސަންދައިގެ ދަށުން އާއްމުންނަށް ނުލިބޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި ސިއްހީ ގޮތުން ހުއްދަ ނުކުރާ އެބޯޝަންތަކާ އަމިއްލައަށް ފުރާނައަށް ނުރައްކާވާފަދަ ކަންތައްތަކާއި މާރާމާރީއާއި ގާނޫނާއި ގަވާއިދާ ހިލާފަށް ހިނގާ އަމަލުތަކުން ލިބޭ ގެއްލުންތަކާއި ހިމެނެ އެވެ.
"އާސަންދައިގެ ހިދުމަތް ފެށިގެން އައިއިރު ބައެއް ފަރާތްތަކަށް ހީވެފައި އޮންނަނީ އެއްލައްކަ ރުފިޔާގެ ހިލޭ ބޭސް ފަރުވާ ކުރެވޭނެ އޭ. ނަމަވެސް ވަކިވަރަކަށް ބޭސްފަރުވާ ކުރެވޭފަހުން ނުވަތަ އެހިދުމަތް ހޯދޭ ފަހުން އިނގެނީ މީގައި ހުރަސްތަކެއް ވެސް އެބަހުރިކަން. ގިނަ މީހުންނަށް ހީވަނީ އެއްލައްކަ ރުފިޔާ ހަމަވަންދެއް ބޭސްފަރުވާ ކުރެވޭނެ އޭ،" އައްފާލް ވިދާޅުވި އެވެ.
އާސަންދައިގެ ހިދުމަތާއި ބެހޭ ގިނަ މައުލޫމާތުތަކެއް ހިމެނޭ ވެބްސައިޓެއް އާސަންދައިގެ ދަށުން ގާއިމް ކުރެވިފައި ވީނަމަވެސް، މިފަދަ ވެބްސައިޓްތަކަށް ވަދެ އެމައުލޫމާތު ހޯދާ މީހުންނާއި އަދި އާސަންދައިގެ ދަށުން ނުލިބެނީ ކޮންކޮން ބޭހެއްތޯ ބެލުން މިއީ ކޮންމެ ކޮންމެ މީހަކަށްމެ އެހާ ފަސޭހަ ކަމަކަށް ނުވާއިރު، މިފަދަ ބޮޑު ހިދުމަތެއް ކުއްލިއަކަށް ތައާރަފްކޮށް މުޅި ރާއްޖޭގައި މިހިދުމަތް ދޭން ފެށިއިރު އެކަމަށް އާއްމުންގެ ލޯ ހުޅުވުނީ ކިހާ ވަރަކަށްބާވަ އެވެ.