26 Jan 2021, 23:47
ކޮވިޑް19ގެ އަލާމާތްތައް ނެތް މީހުންގެ ތެރެއިން ބައްޔަށް ޓެސްޓުކުރަން އަމިއްލަ އަށް ބޭނުންވާ ފަރާތްތަކަށް ޓެސްޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެ ސަރަހައްދުގައި ރިލީޒް ސާމްޕަލް ނަގާ ތަންތަނުން މިހާރު ވޮލަންޓްރީ ސާމްޕަލްވެސް ނެގޭނެ ކަމަށެވެ.
ނަމަވެސް ކޮވިޑުގެ އަލާމާތްތައް ހުންނަ މީހުންނާއި ޕޮޒިޓިވް މީހުންގެ ކޮންޓެކްޓުން އަދި ރާއްޖެއިން ބޭރަށް ފުރަން ޓެސްޓު ހަދާ މީހުންނަށް ވޮލަންޓްރީ ޓެސްޓިންގެ ތެރެއިން ސާމްޕަލް ނުދެވޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ވޮލަންޓްރީ ސާމްޕަލް ނެގުން ކުރިއަށްދާނީ މާލެ ހިޔާ ފުރަގަހުގައި ހުންނަ ކުރީގެ ފްލޫ ކްލިނިކް ހިންގި އިމާރާތުގައި ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް އަދި ހަވީރު 5:00 އިން ރޭގަނޑު 9:00 އަށެވެ. ހުކުރު ދުވަހު މިތަނުން ސާމްޕަލް ނަގާނީ ހަވީރު 5:00 އިން ރޭގަނޑު 9:00 އަށެވެ.
ހުޅުމާލޭ ފްލޫ ކްލިނިކުންވެސް ވޮލަންޓްރީ ޓެސްޓިން އަށް ސާމްޕަލް ނެގޭނެ އެވެ. މިތަނުން ސާމްޕަލް ނަގާނެ ގަޑިތަކަކީ ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން 9:00 އަށެވެ.
އަދި މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިންް ހަވީރު 5:00 އަށް އަދި ހުކުރު ދުވަހު ހަވީރު 5:00 އިން ރޭގަނޑު 8:00 އަށެވެ.
ވޮލަންޓްރީކޮށް ޓެސްޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އަނެއްކާވެސް އިތުރު ވެފައި ވަނިކޮށެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ އެކަނިވެސް މާލެ ސަރަައްދުން 93 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.