ވެސްޓު ޕާކް ރެސްޓޯރެންޓް ކައިރީ މިރޭ ހިންގި މާރާމާރީ އެއްގައި ޒުވާނަކު ޒަޚަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވެސްޓު ޕާކް ކައިރިން އެސްޓީއޯ ހެޑް އޮފީސް ސަރަހައްދުގައި މިރޭ ހިންގި ގުރޫޕް މާރާމާރީގައި ޒަޚަމްކޮށްލި ޒުވާނާ އަށް އައިޖީއެމްއެޗުގައި ފަރުވާދީފައިވާ ކަމަށާއި މިރޭ ހަމަލާގައި އެ ޒުވާނާގެ ނޭފަތާ މޫނުގައި ޒަޚަމްތަކެއް ލިބިފައިވާ ކަމަށެވެ.

"ހޮސްޕިޓަލުގައި ފަރުވާ ދޭތީ މާބޮޑު ތަފްސީލެއް ނުލިބޭ. ބޮޑަށް ބެލެވެނީ އެއީ ގުރޫޕް މާރާމާރީ އެއް ކަމަށް،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސަން އޮންލައިންގެ ނޫސް ވެރިން މިރޭ ވެސްޓު ޕާކް ސަރަހައްދަށް ދިޔައިރު ޒަޚަމްކޮށްލި ޒުވާނާގެ ގައިން އޮހޮރުނު ލޭތައް މަގުމަތިން ފެންނަން ހުއްޓެވެ.
ގުރޫޕް މާރާމާރީތައް މާލޭ ހިންގުން މެދު ކެނޑިފައި އޮތުމަށްފަހު އަނެއްކާވެސް މާރާމާރީތައް ވަނީ ހިންގަން ފަށާފަ އެވެ.

ގުރޫޕް މާރާމާރީތައް އަނެއްކާވެސް އާންމުންވަމުންދާއިރު ރައީސް މުހައްމަދު ނަޝީދުގެ ދެވަނަ ފުރުސަތު، އަފޫއާންމު ޕްރޮގްރާމުގެ ދަށުން މިހާތަނަށް ވަނީ 400 އަށް ވުރެ ގިނަ ކުށްވެރިން ދޫކޮށްލާފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވެސް ވަނީ އެކި ކުށްތައް ކުރުމުން ފުލުހަށް ގެންގޮސްފަ އެވެ.