ހެލްތު މިނިސްޓްރީ އިން މީޑިއާ ތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފިއެވެ.

އެމްއެމްސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހެލްތު މިނިސްޓްރީގެ ފަރާތުން ބާއްވާ އެކި އިވެންޓުތަކއި ނޫސްވެރިންގެ ބައްދަލުވުންތަކަށް މީޑިއާތަކަށް ދައުވަތު ދިނުމާއި އެ އިވެންޓުތަކާ ގުޅިގެން ނޫސްތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

އަދި އެކަންތައް ހައްލު ކުރުމަށް މިނިސްޓްރީގެ ސަމާލުކަމަށް އެ ޝަކުވާތައް ގެނެސްފައިވާނެ ކަމަށް އެމްއެމްސީ އިން ބުންޏެވެ.

އެމްއެމްސީގެ ބަޔާނުގައި ބުނީ ހެލްތުން މި މަހުގެ 24 ގައި ބޭއްވި ޕްރެސް ކޮންފަރެންސަކަށް ބައެއް ނޫސްތަކަށް ދައުވަތު ނުލިބޭ ކަމުގެ ޝަކުވާ އާއި އެ މިނިސްޓްރީ އިން ނޫސްވެރިންނާ މުއާމަލާތު ކުރުމަށް ހަދާފައިވާ ވައިބާ ގްރޫޕުގައި ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ނުލިބޭ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

އެ ކަންތަކަކީ ކުރިން ހެލްތު މިނިސްޓަރުގެ މަގާމުގައި އަބްދުﷲ އަމީން ހުންނެވި އިރުވެސް ހައްލު ނުލިބިހުރި ކަންތައް ކަން ނޫސްވެރިން ފާހަގަ ކުރާ ކަމަށް އެމްއެމްސީ އިން ބުންޏެވެ. މި ކަންތަކަށް ހައްލު ހޯދުމަށް އެމްއެމްސީ އިން ހެލްތު މިނިސްޓްރީ އާއެކު ބައްދަލުވުމެއް ބާއްވަން ނިންމައި އެކަން ހަމަޖައްސައި ދިނުމަށް އެ މިނިސްޓްރީގައި މިހާރު އެދިފައިވާނެ ކަމަށް އެމްއެމްސީ އިން ބުންޏެވެ.

މީޑިއާ ކައުންސިލުން ބުނީ ތަފާތު ކުރުމެއްނެތި ހުރިހާ މީޑިއާ އަކަށް ހަމަހަމަކޮށް މައުލޫމާތު ފޯރުކޮށްދިނުމަކީ އެ ކައުންސިލުން ބާރުއަޅާ ކަމެއް ކަމަށާއި އެކަން އެގޮތަށް ކުރުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސް ކުރާ ކަމަށެވެ.