29 Jan 2012, 23:26
އަންހެނުންގެ ޝަރާފާއި ކަރާމާތާއި އިއްޒަތަށް ނިކަމެތިކަން ލިބޭ ގޮތަށް އަނިޔާވެރި ގޮތަށްކަށް ފުލުހުން މިރޭ ދިޔާނާ ސައީދު ހައްޔަރުކުރި ކުރުން ގައުމީ ޕާޓިން ކުށްވެރި ކޮށްފި އެވެ.
ގައުމީ ޕާޓީން ބުނެފައިވަނީ ދިޔާނާ ސައީދު ސުލްހަވެރިކަމާއެކު ޖުމުހުރީ މައިދާނުގައި އިންނަވަނިކޮށް ހައްޔަރުކުރެއްވުމުގައި ފުލުހުން އަނިޔާކުރުން ދޭހަވެގެންދަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން، ދިވެހި އަންހެނުންގެ މައްޗަށް އެއްވެސް އޯގާތެރިކަމެއް އަދި ކުލުނެއް ނެތުން ކަމަށެވެ.
"... މިއަދު ރައީސް ނަޝީދުގެ އަނިޔާވެރިކަން، ދިވެހި އަންހެނުންގެ މަށްޗަށް އޭގެ އެންމެ އަނިޔާވެރި ސިފައިގައި ފޯރުވުމުން ހާމަވެގެން ދަނީ ވެރިކަމުގެ ދަހިވެތި ކަމުގައި ދިވެހި ކޮންމެ ދަރިއެއްގެ މައްޗަށް ވެސް އެމަނިކުފާނުގެ އަނިޔާވެރިކަން އިންތިހާއަށް ފޯރާނެކަމެވެ،"
ގައުމީ ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީ އިން ދިޔާނާއަށް ލިބިދޭ އަސާސީޙައްގެއް ތަމްސީލް ކުރެއްވުމުގައި ސުލްހަވެރިކަމާއި ހިމޭންކަމާއެކު އިންނަވަނިކޮށް، އެކަމަނާގެ އަރިހުގައި ތިއްބެވި ހިތްވަރުގަދަ އަންހެން ބޭކަނބަލުންނާއިއެކު ދިޔާނާ ސައީދު ހައްޔަރުކުރީ ވަރަށް އިހާނެތި އަނިޔާވެރި ގޮތަށް ކަމަށާއި އެކަމަނާ ހައްޔަރުކުރުމުގައި ބައިވެރި ފުލުހުންގެ އަމަލުވެސް އެންމެ ހަރުކަށި އިބާރާތުން ގައުމީ ޕާޓީއިން ކުއްވެރި ކުރާ ކަމަށެވެ.
"... ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެ، ދިވެހި އަންހެނުންނާއި ރައްޔިތުންގެ މައްޗަށް އަނިޔާވެރިވާ ފުލުހުން، އެބޭފުޅުންގެ އަނިޔާވެރި އަމަލަށް ޒިންމާވެވަޑައިގަންނަވަންޖެހޭނެ އެވެ. އަދި ކޮންމެވެސް އެއްދުވަހަކުން، އެފަދަ ޣައިރުގާނޫނީ އަމަލުތަކަށް ތަބާވާ ބޭފުޅުންނާއި، ރައްޔިތުންގެ މައްޗަށް އަނިޔާވެރިވާ ފަރާތަކަށް ހައްގު އަދަބު ލިބިދެވޭނެ އެވެ. ވީމާ ރައީސް ނަޝީދުގެ ޣައިރުގާނީ އަމުރުތަކަށް ތަބާ ނުވުމަށް ފުލުހުންނަށް އިލްތިމާސް ކުރަމެވެ." ބަޔާނުގައި ވެއެވެ.
ގައުމީ ޕާޓިން ބުނެފައިވަނީ ރައީސް ނަޝީދުގެ މަގުބޫލުކަން ގެއްލި، ރައްޔިތުންގެ އިތުބާރު ގެއްލުމުގެ ސަބަބުން މިއަދު މަސައްކަތްކުރައްވަނީ، ފުލުހުންނާއި ސިފައިންގެ ކޮނޑަށް ސަވާރުވެ ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި ގާނޫންތަކާއި ޚިލާފަށް ހިތުހުރި ގޮތަކަށް ވެރިކަމުގައި ދެމިހުންނެވުމަށެވެ.
މިރޭ އިރާކޮޅު ޖުމްހޫރީ މައިދާނުގައި އިންނަވަނިކޮށް ފުލުހުން ދިޔާނާ ހައްޔަރު ކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.