ވޮޝިންޓަން (ޖަނަވަރީ 26) އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރުމުގެ (އިންޕީޗްކުރުމުގެ) ޝަރީއަތް އޭނާގެ މައްޗަށް ހިންގުމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަށް ހުށަހަޅާފައިވާ މައްސަލަ (ދައުވާ) ހައުސްގެ ސަބް ކޮމިޓީތަކުން ތަހުގީގުކުރުމަށް ފަހު އެކަމުގެ ސަބަބުތައް (އާޓިކަލްސް)ގެ ގޮތުގައި ސެނެޓަށް ފޮނުވައިފި އެވެ.

މި މައްސަލަ ހައުސް އިން ސެނެޓަށް ފޮނުވާފައި މިވަނީ ޓްރަމްޕަކީ މިހާރު އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކަށް ނުވާއިރު އޭނާ އިންޕީޗްކުރުމުގެ ގާނޫނީ ހައްސިއްޔަތާމެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

މިއީ ގާނޫނާ ޚިލާފުކަމެއް ކަމަށް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ސެނެޓް މެންބަރުން ވިދާޅުވާއިރު ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ ސެނެޓްގެ މެންބަރުން ވިދާޅުވަނީ މަގާމުގެ މުއްދަތު ހަމަވެގެން މަގާމުން ދުރުވެފައިވާ ކުރީގެ ރައީސެއްގެ މައްޗަށް ސެނެޓްގައި ޝަރީއަތް ނުހިންގޭނެކަމަށް އެމެރިކާގެ ދަސްތޫރާއި ގާނޫނުތައް ވެސް މަނާނުކުރާ ކަމަށާއި މަނާނުކުރާ ކޮންމެ ކަމަކީ ކުރެވިދާނެ ކަމެއް ކަމުގަ އެވެ.

ކުރީގެ ރައީސް ޓްރަމްޕް

ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ މަގާމުގައި މިހާރު ނެތްނަމަވެސް އޭނާކުރައްވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކުށްތަކުގެ މައްޗަށް ސެނެޓްގައި ޝަރީއަތް ހިންގުމުގައި ޑިމޮކްރެޓިކް ޕާޓީގެ ބޭނުމަކީ އެމެރިކާގެ ސިޔާސީ މަގާމަކަށް އައުމުގެ ފުރުސަތުންނާއި ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތުން ޓްރަމްޕް މަހްރޫމު ކުރުންކަމަށް ވަނީ ބެލެވިފަ އެވެ.

ޓްރަމްޕްގެ މައްޗަށް ޝަރީއަތްހިންގާ އާޓިކަލްސް ހައުސްގެ ތަޅުމުން ފާސްކުރުމަށް ފަހު ސެނެޓަށް އެލިޔުންތައް އިއްޔެ ފޮނުވާފައިވާ އިރު ސެނެޓުން ކުރިއަށް ގެންދާނީ ޓްރަމްޕްގެ މައްޗަށް ކުރާ ޝަރީއަތެވެ. އެކަމަށް އިތުރު ހެކިން ހާޒިރުކޮށް ސުވާލުކޮށް، އާޓިކަލްސްގައި ހުރި ކަންކަން ސައްހަތޯ ނުވަތަ ނޫންތޯ ބަލާނެ އެވެ. މިކަންކަންކުރާ ޝަރީއަތް ސެނެޓްގައި ކުރިއަށް ގެންދާނީ، އެމެރިކާގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ސެނެޓްގެ ރިޔާސަތުގައި އިންނަވައިގެންނެވެ.

ޝަރީއަތް ނިންމުމަށް ފަހު ނިންމިގޮތް ފާސްކުރާނީ ސެނެޓްގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މި ވޯޓުގައި ޓްރަމްޕްގެ މައްޗަށް ކުށްސާބިތު ކުރެވޭނީ ސެނެޓްގެ މެންބަރުންގެ ގޮތުގައި ތިއްބަވ 100 މެންބަރުންގެ ތެރެއިން ތިން ބައިކުޅަ ދެބައި މެންބަރުންގެ ވޯޓު (67 ވޯޓު) ލިބިގެންނެވެ.

ޓްރަމްޕްގެ މައްޗަށް ކުށްސާބިތު ކުރުމަށް ރިޕަބްލިކަން ޕާޓީގެ 17 މެންބަރުންގެ ތާއީދު ބޭނުންވެ އެވެ. ނަމަވެސް ޓްރަމްޕްގެ މައްޗަށް ކުށް ސާބިތު ކުރުމަށް ވޯޓުދޭނެ ކަމަށް ބެލެވިފައި ވަނީ ރިޕަބްލިކަން ޕާޓީގެ ފަސް ވަރަކަށް މެންބަރުންނެވެ. އެހެންކަމުން ސެނެޓްގައި ޓްރަމްޕްގެ މައްޗަށް ހިންގާ އިންޕީޗްމަންޓް ޝަރީއަތުގައި ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުކުރުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމެއްކަމަށް ވަނީ ބެލެވިފަ އެވެ.

ނަމަވެސް ޓްރަމްޕްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ދައުވާ ސާބިތުވޭތޯ ބެލުމަށްޓަކައި އެކަމަށް އިތުރު ހެކިން ހާޒިރުކޮށް ސުވާލުކޮށް، އާޓިކަލްސްގައި ހުރި ކަންކަން ސައްހަތޯ ނުވަތަ ނޫންތޯ ބެލުމުގެ ޝަރީއަތް ސެނެޓުން ކުރިޔަށް ގެންދާނެ އެވެ. މިޝަރީއަތް ކުރިޔަށް ގެންދާއިރު ހެކިންގެ ފަރާތުން ޓްރަމްޕް ކުށްވެރިވާވަރުގެ ވަރުގަދަ ބަޔާންތަކެއް ލިބިއްޖެ ނަމަ ރިޕަބްލިކަން ޕާޓީގެ ސެނެޓް މެންބަރުންގެ ތެރެއިން އިތުރު މެންބަރުންގެ ޚިޔާލު ބަދަލުވެ ޓްރަމްޕާ ދެކޮޅަށް ވޯޓު ދިނުމަށް އެބޭފުޅުން ނިންމަވާފާނެ ކަމަށް ޑިމޮކްރެޓިކް ޕާޓީން އުންމީދު ކުރެ އެވެ.

ޓްރަމްޕް މަގާމުން ވަކިވެފައިވީ ނަމަވެސް އޭނާގެ މައްޗަށް އިންޕީޗްމަންޓްގެ ޝަރީއަތް ހިންގުމަށް މަސައްކަތް ކުރަމުން ގެންދަނީ އެމެރިކާގައި ހަމަނުޖެހުން އުފެއްދުމަށް ޓްރަމްޕް ފާޅުގައި ހިއްވަރުދެއްވާފައިވާ މައްސަލައިގަ އެވެ. އެކަން ހާމަވެފައި ވަނީ މި މަހުގެ 6 ވަނަ ދުވަހު ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ކޮންގްރެސްގެ އިމާރާތަށް ވަދެގަނެ އެތަން ލޫޓުވައި މެންބަރުންނަށް ބިރު ދައްކައި ތަންތަން ހަލާކު ކުރުމުގެ ސަބަބުންނެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތަށް އަރައިގަތީ އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި އެމެރިކާގެ މިހާރުގެ ރައީސް ޖޯސެފް ބައިޑަންގެ އިންތިޚާބީ ނަތީޖާ ތަސްދީގު ކުރުމަށް މިމަހުގެ 6 ވަނަ ދުވަހު ކޮންގްރެސްއިން ބޭއްވި ޖަލްސާ ގަދަބާރުން ހުއްޓުވައި ނަތީޖާ ތަސްދީގު ކުރުމަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށްވާތީ އެވެ. ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތަށް އަރައިގަތީ ޑިމޮކްރެޓުންނަށް ހިތްވަރު ދައްކާލަން ޖެހޭ ކަމަށް ވިދާޅުވެ ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ވައިޓް ހައުސްގެ ކުރިމަތީގައި ޓްރަމްޕް ދެއްވި ޖޯޝުން ފުރިގެންވާ ތަގްރީރަށް ފަހުގަ އެވެ. އެހެންކަމުން މިކަމުގެ ފަހަތުގައި ހުންނެވީ ސީދާ ޓްރަމްޕް ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

(ނޫސްއެޖެންސީތައް)