ސުޕްރީމް ކޯޓާއި ހައިކޯޓް ފިޔަވައި އެހެނިހެން ކޯޓްތަކުގައި ތިބީ ގާނޫނު އަސާސީ އިން ބާރު ލިބޭ ފަނޑިޔާރުންތަކެއް ނޫން ކަމަށާއި އެ ބޭފުޅުން ކުރައްވަމުން ގެންދަވާ ޙުކުމްތަކާއި ނިންމަވަމުން ގެންދަވާ ނިންމެވުންތައް މިހިނދުން މިހިނދަށް ހުއްޓެން އެބަ ޖެހޭ ކަމަށް ބުނެ، އެކަންކަމުގެ މައްޗަށް ފިކުރު ހިންގަވައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް އިލްތިމާސް ކުރައްވައި ޕެޓިޝަނެއް ހުށަހަޅައިފި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައި މިރޭ ޝާއިއުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުން ކުރައްވާ ޙުކުމްތަކާއި އަމުރުތައް މި ގައުމުގައި ތަންފީޒު ކުރެވިގެން ނުވާނެ ކަމަށް އެ ޕެޓިޝަންގައި އެ މެންބަރުން ރައީސަށް ދަންނަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ނަޝީދު، ވެރިކަމާ ޙަވާލުވީއްސުރެ، ފެންނަމުން ދަނީ، އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ލިބުނު އަޣްލަބިއްޔަތު، ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން، ރައްޔިތުންނަށް ސަރުކާރުން ދިނުމަށް ބޭނުންވާ ޚިދްމަތްތަކަށް ހުރަސްއަޅާތަން ކަމަށާއި އަދި އިދިކޮޅު ފަރާތްތަކުގެ އަޣްލަބިއްޔަތު އޮވެ، އުފެއްދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނިވާފަތްގަނޑުގައި ތިބެ، ދިވެހި ރާއްޖޭގައި ޖުޑީޝަލް ޑިކްޓޭޓާޝިޕެއް ނުވަތަ ދިވެހި ފަނޑިޔާރުން، ރައްޔިތުންގެ މައްޗަށް ވެރިކަންކުރާނެ ނިޒާމެއް ރާއްޖޭގައި ޤާއިމް ކުރެވޭތޯ މަސައްކަތްކުރާ ތަން ކަމުގައި ކަމަށެވެ.

ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނު އަސާސީ އާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރުއެޅުން ހިމެނިފައި އޮންނަ ކަމާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކަންކަން ވެސް ޤާނޫނަކަށްވެ، އެ އަމުރު ރާއްޖޭގައި ހިނގަނީ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން ކަމުގައި ބުނެފައިވެ އެވެ.