25 Jan 2021, 15:33
ދިއްލީ (ޖެނުއަރީ 25): ޗައިނާ އާއި އިންޑިއާ ގުޅޭ ބޯޑަރުގައި ދެ ގައުމުގެ ސިފައިންގެ މެދުގައި އަނެއްކާވެސް ތަޅާފޮޅުމެއް ހިނގައިފި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އެގައުމާއި ޗައިނާގެ ސިފައިންނާ ދެމެދު ކުރިމަތިލުމެއް ހިނގީ މިދިޔަ ބުދަ ދުވަހު، ސިއްކިމްގެ އުތުރުގަ އެވެ. އަދި އެ ހާދިސާގައި ދެ ގައުމުގެ ސިފައިންނަށްވެސް އަނިޔާވި އެވެ.
އިންޑިއާ ޓުޑޭ ނޫހުގައިވާ ގޮތުން އެ ހާދިސާ ހިނގީ ޗައިނާގެ ސިފައިންގެ ޓީމެއް އިންޑިއާގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދަކަށް ވަންނަން އުޅުމުންނެވެ. އަދި އެ ހާދިސާގައި ޗައިނާގެ 20 ސިފައިންނަށާއި އިންޑިއާގެ ހަތަރު ސިފައިންނަށް އަނިޔާވި އެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ "އެއީ ވަރަށް ކުޑަ ކުރިމަތިލުމެއް ކަމަށާއި އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ" ކަމަށް ބުނެފަ އެވެ.
ޗައިނާ އާއި އިންޑިއާގެ ބޯޑަރުގައި މިދިޔަ ޖޫން މަހުގެ 15ގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ހިނގި ތަޅާފޮޅުމެއްގައި އިންޑިއާގެ 20 ސިފައިން މަރުވި އެވެ. އަދި ޗައިނާގެ ސިފައިންތަކެއްވެސް މަރުވި ކަމަށް އިންޑިއާއިން ބުންޏެވެ. އޭގެ ފަހުން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.