ތެހެރާން (ޖަނަވަރީ 29) : އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ބަލައި ފާސްކުރާ އދ. ގެ އިނިސްޕެކްޓަރުންގެ ޓީމެއް ތެހެރާނަށް މިއަދު ހިނގައްޖެއެވެ.

މިޓީމުގެ ބޭނުމަކީ އީރާނުގެ މަދަނީ ނިއުކްލިޔަރ ޕްރޮގްރާމް މަގުން ކައްސާލައި އޭގައި ޢަސްކަރީ ޙަރަކާތްތަކެއް ހިމެނޭތޯ ބެލުންކަމަށް އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ (އައި.އޭ.އީ.އޭ) ބުނެއެވެ. އީރާނުގެ މަދަނީ ނިއުކްލިޔަރ ޕްރޮގްރާމަކީ ޢަސްކަރީ ޕްރޮގްރާމެއްކަމަށް ތުހުމަތުކުރަނީ އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުންނެވެ.

ނަމަވެސް މިކަން ސާބިތުކޮށްދިނުމުގައި މިޤައުމުތައް ނާކާމިޔާބުވެފައިވާތީ އީރާނާ ދެކޮޅަށް ކުރެވޭ ނިއުކްލިޔަރ ހަތިޔާރުގެ ތުހުމަތު ތަކަކީ ސިޔާސީ ކަމެއްކަމަށް މުޙައްލިލުން ސިފަކުރެއެވެ. ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރުހުރިކަމަށްބުނެ ބައިނަލްއަޤްވާމީ މުޖްތަމަޢަށް ދޮގުހަދާފައިވަނީ އީރާނާ ދެކޮޅަށްވެސް މިތުހުމަތުތައްކުރާ އެމެރިކާއާއި ޔޫރަޕްގެ ބޮޑު ތިން ބާރުންނެވެ.

އީރާނަށް ވަޑައިގަތުމާއެކު ދެއްވި ބަޔާނެއްގައި އދ. ގެ އިނިސްޕެކްޓަރުންގެ ޓީމުގެ ވެރިޔާ ހެރްމަން ނަކެޓްސް ވިދާޅުވީ އޭނާގެ ޓީމުގެ ބޭނުމަކީ އީރާނުގެ މައްޗަށް ހުޅަނގުންކުރާ ނިއުކްލިޔަރ ހަތިޔާރުގެ ތުހުމަތުތަކުގެ ޙަޤީޤަތް ބެލުންކަމަށާއި މިކަމުގައި އީރާނުގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރާ ކަމުގައެވެ.

އދ. ގެ އިނިސްޕެކްޓަރުންގެ ޓީމްތައް ވަރަށް ގިނައިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޒިޔާރަތްކޮށް އެތަންތަން ބަލައި ޗެކްކޮށް ހަދައެވެ. ނަމަވެސް އެތަންތަނުގައި ޢަސްކަރީ އެއްވެސް ޙަރަކާތެއް (ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ އެއްވެސް ކަމެއް) ހިނގާކަމަށް އިނިސްޕެކްޓަރުންގެ ޓީމުން އެއްފަހަރުވެސް ބުނެފައެއް ނުވެއެވެ. (ރޮއިޓާސް)