25 Jan 2021, 13:34
މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުހުމަތުވާ މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ފުލުހުންގެ އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި މިދިޔަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު "އިރުއަލި" ކިޔާ މަސްދޯންޏަކުން 61.06 ކިލޯގެ ޑްރަގު އަތުލައިގަތް މައްސަލައިގައި ތުހުމަތުވާ 11 މީހުންގެ މައްޗަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަައްސަލަތައް ކްރިމިނަލް ކޯޓަށް ފޮނުވީ މޭ މަހު އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި 11 މީހުންގެ ތެރޭގައި ހިމެނެނީ، މަސް ދޯނިން ހައްޔަރު ކުރި ހަތް މީހަކާއި އެ މައްސަލައާއި ގުޅިގެން މާލެ އާއި ހުޅުމާލެއިން ހައްޔަރުކުރި ހަތަރު މީހެކެވެ. އެ އެންމެންނަކީވެސް މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހުންނެވެ.
މ. މުލި މުޝްތަރީގެ، މުހައްމަދު ރިޝްވާން އިބްރާހިމް
- މއ. ބޮއިލިންފިޝް، އަހްމަދު ވިސާމް
- މ. މާކޮޅު، މުހައްމަދު މާއިޝް
- މ. މުލި، ސޯސަންވިލާ، ހުސައިން ސުނާޒް
- ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު ހަމީދު
- މ. ކޮޅުފުށި، އޯޝަންވިއު، މުހައްމަދު މާއިދު
- ހުޅުމާލެ ފްލެޓް ނަންބަރު 6 ޖީ 4 ، އަހްމަދު ޝިފާޒް
- މއ. ބޯޅަކިންކިރިމާގެ، އަބްދުﷲ ޝާމް
- މ. މުލި، ހުދުފިނިފެންމާގެ، މުހައްމަދު ނަޝީދު
- މއ. ވިރާހް، މުހައްމަދު ޝާމިން
- މ. ކެޕްރިކޯން، ސައުދުﷲ ރަޝީދު
މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށްހުރި ކަމަށް ތުހުމަތު ކުރަނީ މއ. ބޮއިލިންގފިޝް، އަހްމަދު ވިސާމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ވަނީ އުފުލައިފަ އެވެ. ނަމަވެސް އޭނާ ބަންދުން ދޫކޮށްލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އަހްމަދު ވިސާމް ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށެވެ.
އަދި ވިސާމްއަކީ މި ނެޓްވޯކްގެ އެންމެ އިސް ފަރާތްކަމަށާއި، މި ކުށުގެ އަމަލު ހިނގުމުގައި އެންމެ އިސްކޮށްހުރީ ވެސް އޭނާ ކަމަށް އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މައްސަލައިގައި ދެން ހިމެނޭ 10 މީހުންގެ މައްޗަށް ވިސާމްގެ އިތުރުން އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. އެ 10 މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ގެއެއް ބަލާ ފާސްކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާވެސް ފުލުހުން ހޯދި އެވެ.