ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ދައުވާ ކުރާ ޅ. ހިންނަވަރުު، ބޮޑުހިޔާގެ، މުހައްމަދު އަދުހަމް އަނެއްކާވެސް އޭނާގެ މައްޗަށް ކުރި ދައުވާއަށް އިއުތިރާފުވާން ބޭނުން ކަމަށް ބުނެފި އެވެ.

ތޫނު އެއްޗަކުން ހަމަލަދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލީ 2019 ވަނަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު ރެ އެވެ. ގާސިމް މަރުވީ އޭނާގެ އަތުން އަދުހަމް ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.

ގާސިމް މަރާލި މައްސަލައިގައި އަދުހަމްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އެ މައްސަލައިގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 12 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދުހަމް ދައުވާއަށް އިއުތިރާފުވި އެވެ. އެއީ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ.

ނަމަވެސް އޭގެ ހަ ދުވަސް ފަހުން ބޭއްވި އަޑުއެހުމުގައި، އިއުތިރާފުވީ އަނިޔާކުރުމުން ކަމަށް ބުނެ އޭނާ ދައުވާއަށް އިންކާރުކުރި އެވެ. މިހާރު އެ މައްސަލަ ކުރިއަށްގެންދަނީ އަދުހަމް ދައުވާއަށް އިންކާރު ކުރީ ކަމަށް ބަލައިގެންނެވެ.

ވަކީލަކު ހަމަނުޖެހިގެން މައްސަލަ ކުރިއަށް ނުގެންދެވި އޮތުމަށް ފަހު މިއަދު އެ މައްސަލައިގެ އަޑުއެހުމެއް ވަނީ ބާއްވާފަ އެވެ. އެއީ ހެކި ހާމަ ކުރުމަށް ބޭއްވި އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި އަދުހަމްގެ ފަރާތުން ވާހަކަ ދެއްކީ ދައުލަތުން އޭނާއަށް ހަމަޖައްސައިދިން ވަކީލެކެވެ.

މިއަދުގެ އަޑުއެހުމުގައި އަދުހަމްގެ ފަރާތުން ވަކީލު ވިދާޅުވީ އޭނާ ޝަރީއަތުގެ މަޖިލީހުގައި ދައްކަން ބޭނުންވާ ވާހަކަތަކެއް އެބަ ހުރި ކަމަށެވެ. ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ފާހަގަ ކުރެއްވީ، ޝަރީއަތް ކުރިއަށްގެންދަނީ ވަކި އިޖުރާއަތްތަކެއްގެ މައްޗަށް ކަމެވެ. ހެކި ހާމަ ކުރުމާ ހިސާބަށް މިއަދު އާދެވުނީ، އަދުހަމް ދައުވާއަށް އިންކާރު ކުރުމުންކަން އޭނާ ފާހަގަކުރެއްވި އެވެެ.

އެހެންކަމުން، ހެކި ހާމަ ކުރުމުގެ މަރުހަލާގައި ދައުވާއަށް ޖަވާބުދާރީވާ ގޮތާ ބެހޭގޮތުން ކަންތައްތަކެއް ނިންމުމަކީ ޝަރީއަތަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި އެންމެ ރަނގަޅު ގޮތަކީ ޝަރީއަތުގެ މަރުހަލާއަށް ގޮސް، އެ މަރުހަލާގައި އަދުހަމްއަށް ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުން ކަމަށް ވިދާޅުވި އެވެ. ނަމަވެސް، މިއަދު ޖަވާބުދާރީވުން ނޫން އެހެން ކަންތައްތަކެއް ފާހަގަ ކުރަން ބޭނުން ނަމަ އެ ފުރުސަތު ދެވިދާނެ ކަމަށް ވިދާޅުވިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި އަދުހަމްގެ ވަކީލު ވާހަކަ ދައްކަވަނީ --

އަދުހަމްގެ ވަކީލު ވިދާޅުވީ، މީގެ ކުރިން އަދުހަމް އިއުތިރާފުވެފައި ފަހުން އިންކާރު ކުރިޔަސް، އެންމެ ފަހުން އަދުހަމްއާ ބައްދަލު ކުރި އިރު ދައުވާއަށް އިއުތިރާފުވެގެން ކުރިއަށްދާން ބޭނުން ކަމަށް އަދުހަމް ބުނެފައިވާ ކަމަށެވެ.

އިންކާރު ކުރި ދުވަހު ބަޔާން އެގޮތަށް ދޭން ޖެހުނު ސަބަބު ހާމަ ކުރަން އަދުހަމް ބޭނުން ކަމަށް ވަކީލު ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭ ހެކިތައްވެސް އަދުހަމްގެ އަތުގައި އެބަ ހުރި ކަމަށް ވިދާޅުވި އެވެ.

އޭނާގެ ފަރާތުން މިއަދު ދައުލަތުގެ ކިބައިން އެދުނީ، އަލުން އިއުތިރާފުވެއްޖެ ނަމަ ކުރީގެ އެއްބަސްވުމުގެ ދަށުން ލިބޭނެ ލުއިތައް ނުގެއްލޭ ގޮތެއް ހަމަޖެއްސުމަށެވެ.

ނަމަވެސް، ދައުލަތުން ބުނީ، އިއުތިރާފު އެއްބަސްވުމާ ގުޅިގެން އަދުހަމްއާއި އޭނާގެ ވަކީލާ ބައްދަލުކޮށް، ދައުވާއަށް އިންކާރުކޮށްފި ނަމަ އިއުތިރާފު އެއްބަސްވުން ބާތިލުވާނެ ކަމާއި އޭގެ ދަށުން ލިބޭ ލުއިތައް ގެއްލޭނެކަން ދައުލަތުން ސާފުކޮށްދީފައިވާނެ ކަމަށެވެ. އެކަން އެނގި ހުރެ، އަދުހަމް ކުރިން ދައުވާއަށް އިންކާރުކޮށްފައިވާތީ އިއުތިރާފުގެ އެއްބަސްވުން ބާތިލު ކަމަށް ނިންމުމަށް ދައުލަތުން އެދެނެވެ.

ގާޒީ އިސްމާއިލް ރަޝީދު ފާހަގަކުރެއްވީ، އަދުހަމް ދައުވާއަށް އިންކާރު ކުރުމުން އިއުތިރާފު އެއްބަސްވުން ބާތިލުވެއްޖެ ކަމަށް މީގެ ކުރިން ޝަރީއަތުން ނިންމަވާފައިވާ ކަމަށެވެ. އެހެންކަމުން، ދެން އަދުހަމް އިއުތިރާފު ވިޔަސް އެއްބަސްވުމުގެ ދަށުން ލިބޭ ލުއިތައް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.

އަދި އޭނާއަށް ދެން ދައުވާއާ މެދު ޖަވާބުދާރީވާން ފުރުސަތު ދޭނީ މައްސަލައިގެ ޝަރީއަތުގެ މަރުހަލާގައި ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު ދޭ އިރު ކަމަށް ގާޒީ ވިދާޅުވި އެވެ.

މިއަދު ދައުލަތުގެ ފަރާތުން ވަނީ ދައުވާ ސާބިތު ކުރަން ހެކި ހުށަހަޅާފަ އެވެ. ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު އަދުހަމްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ. އަދުހަމްގެ ފަރާތުން އެއްވެސް ދިފާއީ ހެއްކެއް ހުށައެއްނާޅަ އެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ފެބްރުއަރީ ހަތެއްގެ ނިޔަލަށް ހުށަހަޅަން ގާޒީ ދެ ފަރާތައްވެސް ފުރުސަތު ދެއްވި އެވެ.

މިއަދު އަދުހަމް ބަންދު މުރާޖައާ ކުރުމުގެ ބައިވެސް ކުރިއަށް ގެންދިޔަ އެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ތިން ވަނަ އިސްލާހުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރަން ޖެހޭތީ އެވެ.

އަދުހަމް ބަންދު ކުރި ސަބަބުތައް އަދިވެސް ދެމި އޮތުމުން އޭނާގެ ބަންދު ދަމަހައްޓައިދޭން ދައުލަތުން އެދުނެވެ. އަދުހަމް ޝަރީއަތަށް އެއްބާރުލުންދޭން ނިންމާފައިވާކަން ފާހަގަކުރައްވައި އޭނާގެ ބަންދަށް ލުޔެއް ދިނުމަށް އޭނާގެ ފަރާތުން އެދުނެވެ. ނަމަވެސް، ގާޒީ ނިންމެވީ އޭނާ ދޫކޮށްލަން ޖެހޭ ސަބަބެއް ނެތުމުން ބަންދު ދަމަހައްޓާށެވެ.