29 Jan 2012, 17:24
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ދޫކޮށްނުލައި ހައްޔަރުގައި ގެންގުޅެނީ އެކަމުން ސަލާމަތްވާނެ އެއްވެސް ގޮތެއް ސަރުކާރަށް ނުފެނިގެން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި އެ ޕާޓީގެ ސްޕޯކްސްޕާސަން ދުންޔާ މައުމޫން ވިދާޅުވީ އަބުދުﷲ ގާޒީ ސިފައިން ހައްޔަރުކުރި މައްސަލާގައި ސަރުކާރަށް އެއްވެސް ޕްރެޝަރެއް ނެތްކަމަށް ފޮރިން މިނސްޓަރު އަހުމަދު ނަސީމް ވިދާޅުވި ނަމަވެސް އދ.ގެ އޮފީސް ފޯ ހައިކޮމިޝަނަ އާއި ޔޫރަޕިއަން ޔޫނިއަންގެ އިތުރުން ބައެއް ގައުމުތަކުން ވެސް އަބުދުﷲ ގާޒީ ދޫކޮށްލުމަށް ސަރުކާރަށް ގޮވާލެއްވި ނަމަވެސް އެކަމާ މެދު ސަރާކާރުން އަމަލުކުރައްމުން ގެންދަވަނީ އެންމެ ރަނަގަޅަށް ނޫން ކަމަށެވެ.
"މިކަމުން ސަލާމަތްވެވޭނެ ގޮތެއް ސަރުކާރަށް އެގިވަޑައިނުގަންނަވައިގެން އެ އުޅުއްވަނީ. ހާއްސަކޮށް ރައީސް ނަޝީދަށް އެގިވަޑައިނުގަންނަވަނީ މިހާރު އެކަމުން ނުކުމެވޭނެ ގޮތަކީ ކޮބައިކަން،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ އަބުދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ފިޔަވަޅު އަޅާފައި ވަނީ ރަނގަޅަށް ނޫންކަން ސަރުކާރަށް މިހާރު އިހުސާސްވެއްޖެ ކަމަށާއި ބައިނަލްއަގްވާމީ ދުނިޔޭގެ ފަރާތްތަކުން ބުނާ ބަސް ގަބޫލްނުކޮށް ރާއްޖޭގެ އެތައް ބަޔަކު މުޒާހަރާ ކުރަމުންގެންދާ އިރު ވެސް އެކަމުގެ އަޑުނިވޭ ކަމަށް ބުނެ އެކަމާ މެދު އަޅާނުލުމަކީ ރައީސް ނަޝީދުގެ ގޮތްދޫނުކުރުން ކަމަށެވެ.
އޭނާ ވިދާޅުވީ އީޔޫއާއި ކެނެޑާ އިން ނެރުނު ބަޔާނަށް ޕީޕިއެމުން މަރުހަބަ ކިޔާ ކަމަށާއި އަބުދުﷲ ގާޒީއާ މެދު މިހާރު ސަރުކާރުން އަމަލުކުރައް ވަނީ އދ. އިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ނޫން ކަމަށެވެ. އަދި ވިދާޅުވީ އދ. ނެރުނު ބަޔާނަށް އިހުތިރާމް ކުރައްވާނެ ކަމަށް ސަރުކާރުން ވިދާޅުވި ނަމަވެސް އިހުތިރާމް ކުރެއްވި ކަމަށް ޕީޕީއެމުން ބަލާނީ އދ. އިން ނެރެފައިވާ ބަޔާނާ އެއްގޮތަށް އަބުދުﷲ ގާޒީ ދޫކޮށްލައި އޭނާގެ މައްޗަށް އިންސާފްވެރި ޝަރީއަތެއް ކުރާ ނަމަ ކަމަށް ދުންޔާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ސިފައިން ހައްޔުރަކުރުމާ ގުޅިގެން އޭނާ ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އުއްތަމަ ފަނޑިޔާރު ނެރުއްވި އަމުރު ބޮލާލާ ޖެހުމުގެ އިތުރުން ހައިކޯޓަށް ހާޒިރުކުރުމަށް އެންގި އަމުރަށް ވެސް ވަނީ ސަރުކާރުން ބޯނުލަނބައިފަ އެވެ. ގާނޫނީ އިމުގެ ބޭރުން އެމްއެންޑީއެފުން އަބްދުﷲ ގާޒީ ގެންދިޔަ މައްސަލަ އެކި ފަރާތްތަކުން މިހާރު ވަނީ ބައިނަލްއަގްވާމީ ސަމާލުކަމަށް ގެނެސްފަ އެވެ. އަދި އެ މައްސަލަ މިހާރު ވަނީ ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.