25 Jan 2021, 00:25
ސިޔާސީ މުވައްޒަފުންގެ ގޮތުގައި އައްޔަންކުރާ މުވައްޒަފުން ސަރުކާރުގެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތުން މަޖުބޫރުކޮށް، ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކާ ދެކޮޅަށް ހިޔާލުފާޅުކުރުން މަނާކޮށްފި އެވެ.
ސަރުކާރުން އެގޮތަށް ނިންމީ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލުށް ގެނައި 10ވަނަ އިސްލާހުގަ އެވެ.
ގެޒެޓުގައި ޝާއިއުކޮށްފައިވާ އެ އުސޫލުގައި ހިމެނޭ ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑުގައި ބުނާ ގޮތުން ސަރުކާރުން ނިންމާ އެންމެހާ ނިންމުންތައް ސިޔާސީ މުވައްޒަފުން ބަލައިގަންނަންވާނެ އެވެ. އަދި އެފަދަ ނިންމުމަކާ ހިޔާލުތަފާތުވި ނަމަވެސް، އެކަމާ ގުޅޭގޮތުން ވަކިވަކި ފަރުދުންގެ ގާތުގައާއި އާންމު ތަންތަނުގައި ނުވަތަ މީޑިއާތަކުގައި ވާހަކަ ދެއްކުމާއި ނޫސް މަޖައްލާ އަދި ސޯޝަލް މީޑިއާގައި ލިޔުމަކީ މަނާ ކަމެކެވެ.
ހަމައެއާއެކު ސަރުކާޜުގެ ސިޔާސަތާ ތަފާތު ވިސްނުމެއް ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާ ފުށޫ އަރާ ކަމަކަށް މަގުފަހިވެދާނެ އުސޫލެއް ނުގެންގުޅެވޭނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.
މިންގަނޑުގައި ހިމެނޭ ބައެއް އިތުރު ކަންކަން:
މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބާއި ވަޒީފާ އަދާކުރާ ދާއިރާގެ ވަޒީރަށް ނުވަތަ އޮފީހުގެ އިސްވެރިޔާއަށް ފުރިހަމައަށް ޖަވާބުދާރީވުން
- ދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް އަބަދުވެސް އިސްކަންދިނުން
- އެއްވެސް މީހެއްގެ އަބުރަށް ނުވަތަ އިއްޒަތަށް އުނިކަމެއް ލިބޭފަދަ ކަމެއް ނުކުރުން
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ މަންފާއެއް ހާސިލު ކުރަން ނުވަތަ އެހެން ފަރާތަކަށް މަންފާއެއް ހާސިލުކޮށްދޭން މަސައްކަތް ނުކުރުން
- މަގާމުގެ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތަކަށް ނޫން ގޮތަކަށް ސަރުކާރުގެ އެއްވެސް މުދަލެއް، ފައިސާއެއް ނުވަތަ ވަސީލަތެއް ބޭނުން ނުކުރުން
މީގެ އިތުރުން މަގާމުގެ ހައިސިއްޔަތުން މުވައްޒަފަށް ލިބިފައިވާ އެއްވެސް މައުލޫމާތެއް އަމިއްލަ މަސްލަހަތެއް ނުވަތަ އެއްވެސް ގުޅުމެއް އޮތް މީހެއްގެ މަސްލަހަތެއް ހާސިލުކުރަން ބޭނުން ކޮށްގެން ނުވާނެ ކަމަށާއި ސިއްރު ހިފަހައްޓަން ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.
އެ އުސޫލާއެކު ރަސްމީ ގަޑީގައި އެހެން އެއްވެސް ވަޒީފާއެއް އަދާކުރުން ވެސް މަނާވާނެ އެވެ. އަދި ވުއްޓީއާއި ސަލާން ބުނުމާއި އިތުރު ގަޑީލާރި ނެގޭނެ ގޮތްވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
ސިޔާސީ މުވައްޒަފުންގެ ގޮތުގައި ބަލާނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތަކުން ސޮއިކުރާ ލިޔުމަކުން ވަޒީފާ ހަމަޖައްސާ ފަރާތްތަކެވެ.