24 Jan 2021, 23:55
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތިން ބަލަހައްޓަމުންދާ 11 ކުއްޖަކު ފުވައްމުލަކު ސިޓީގައި ހުންނަ އަމާން ވެށި ސެންޓަރަށް ބަދަލުކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ހިޔާއާއި ފިޔަވަތިން ބަލަހައްޓާ ކުދިން ރަށްރަށުގެ އަމާން ވެއްޓަށް ބަދަލުކުރަނީ، އެކުދިން އާއިލީ އަދި އިޖުތިމާއީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.
ހިޔާއާއި ފިޔަވަތިން ފުވައްމުލަކު އަމާން ވެއްޓަށް ބަދަލުކުރި 11 ކުދިންނާއެކު މިހާރު އެތަނުގައި ޖުމުލަ 16 ކުދިން އެބަތިއްބެވެ.
ޖެންޑާއިން ބުނީ ބައެއް ހާލަތްތަކުގައި ކުޑަކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ނަމަވެސް، ސަރުކާރުގެ ވިސްނުމަކީ މާލޭގެ ތޮއްޖެހިފައިވާ މަރުކަޒުތަކުގައި ގެންގުޅުމުގެ ބަދަލުގައި މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
މާލެ ސަރަހައްދުގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކާ ހިލާފަށް ރަށްރަށުގައި ހުންނަ އަމާން ވެށިތަކުން ބަލަހައްޓާނީ ކަނޑައަޅާފައިވާ ވަކި އަދަދަކަށެވެ.
ފުވައްމުލަކު ސިޓީގެ އިތުރުން އަމާން ވެށި ސެންޓަރުތައް ދެން ހުންނަނީ ށ. ފުނަދޫއާއި ބ. އޭދަފުށީގަ އެވެ. އަދި އިތުރު ދެ ސަރަހައްދެއްގައި އަމާން ވެށި ސެންޓަރުތައް ހުޅުވުމަށް ޖެންޑާއިން ވަނީ ނިންމާފަ އެވެ.