އިމާދުއްދީން ސްކޫލްގެ ޓީޗަރަކު ވައްކަމުގެ މައްސަލައެއްގައި ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

އިމާދުއްދީން ސްކޫލްގެ ޓީޗަރަކު ހައްޔަރު ކުރިކަން ފުލުހުން ވެސް ވަނީ ސަން އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. ނަމަވެސް އޭނާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރި އެވެ.

ފުލުހުން ބުނީ އެކަން އިމާދުއްދީން ސްކޫލަށާއި ސިވިލްސާވިސް ކޮމިޝަނަށް ވެސް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެ ޓީޗަރު ހައްޔަރު ކުރީ ކޮން ދުވަހަކު ކަމެއް ފުލުހުން ނުބުނެ އެވެ. އަދި ހައްޔަރު ކުރީ ވައްކަމުގެ ކޮން ކަހަލަ މައްސަލައެއްގައި ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

ނަމަވެސް އެކަމާ ގުޅިގެން އިމާދުއްދީން ސުކޫލް ޕްރިންސިޕަލް ވިދާޅުވީ ވައްކަމުގެ ތުހުމަތެއްގައި ޓީޗަރަކު ހައްޔަރު ކުރިކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

ނަން ހާމަ ނުކުރުމަށް އެދި ސަން އާ ވާހަކަ ދެއްކި އިމާދުއްދީން ސުކޫލްގެ ބެލެނިވެރިއަކު ބުނީ ހައްޔަރުކޮށްފައި ވަނީ އޯޓިޒަމް ކުދިންނަށް ކިޔަވައިދޭ ޓީޗަރެއް ކަމަށެވެ. އަދި މިމަހުގެ 17 ވަނަ ދުވަހު ހައްޔަރު ކުރީ ފިރިހެން ޓީޗަރެއް ކަމަށެވެ.

ނަވާރަ ޓީޗަރުންނާ އެކު އިމާދުއްދީން ސްކޫލްގައި ހާއްސަ އެހީއަށް ބޭނުންވާ 56 ދަރިވަރަކު ކިޔަވަ އެވެ.