08 Jul 2010, 15:33
14:00
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރ އަހުމަދު ނާޒިމް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފި އެވެ.
މިއަދު މެންދުރު އެކެއް ޖަހާކަންހާއިރު ޖިނާއީ ކޯޓުން ނެރެދީފައިވާ އެ އަމުރާ ގުޅިގެން ފުލުހުންގެ ފައުޖެއް ގ. އާބިން އަށް ގޮސް ވަނީ ނާޒިމް ހައްޔަރުކޮށްފަ އެވެ.
ނާޒިމް ހައްޔަރުކުރުމަށް ޖިނާއީ ކޯޓުން އަމުރެއް ނެރެފައި މިވަނީ ބަޔަކަށް ފައިސާ ދީގެން މިސަރުކާރުގެ އިސް ބައެއް ފަރާތްތަކަށް ހަމަލާދޭން އުޅޭ ކަމުގެ ތުހުމަތާއި ލީކްވި އޯޑިއޯ ކްލިޕްތަކުގެ މައްސަލާގައި ކަމަށް މައުލޫމާތު ލިބެ އެވެ.
ސަން އެފްއެމް ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ނާޒިމްގެ ޤާނޫނީ ވަކީލު ރޭނީސް މުހައްމަދު ސަލީމް ވިދާޅުވީ ފުލުހުން ނާޒިމް ގެންދާނީ ދޫނިދޫ އަށް ކަމަށެވެ.
ނާޒިމް ގެއިން ނިކުމެވަޑައިގެން ފުލުހުންގެ ވޭނަށް އަރާވަޑައިގަތުމާއެކު އެސަރަހައްދުގައި އެއްވެ ތިބި ގިނަ އަދަދެއްގެ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް އަޑުއުފުލާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީޖީހުގެ މެންބަރުންނަށް ބައެއް މެމްބަރުން ރިސްވަތްދެއްވި މައްސަލައާއި ކޮރަޕްޝަންގެ މައްސަލާގެ ތުހުމަތުގައި ފުލުހުން ކުރިއަށް ގެންދާ ތަހްޤީޤަށް ނާޒިމް ހާޒިރުކުރުމަށް ފުލުހުން ވަރަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ނާޒިމްގެ އެއްބާރުލެއްވުން އެކަމުގައި ނުލިބުމުން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.