ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފި އެވެ.

މިއަދު ވަނީ 108 މީހަކު ޕޮޒިޓިވްވެފަ އެވެ. މާލެއިން 79 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ދެން ހިމެނެނީ ރިސޯޓުތަކުން ޕޮޒިޓިވްވި 23 މީހަކާއި ސަފާރީއަކުން ޕޮޒިޓިވްވި އެކަކާއި ރަށްރަށުން ޕޮޒިޓިވްވި ފަސް މީހެކެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިހާރު 14،993 އަށް އަރާފައެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 13،849 އެވެ. މިދިޔަ 24 ގަޑިއިރު ތެރޭ 36 މީހަކު ބަލިން ރަނަގަޅުވެފައި ވެއެވެ.

ހޮސްޕިޓަލުތަކުގައި 80 މީހަކު ފަރުވާ ހޯދަމުންދާއިރު މިވަގުތު ޖުމްލަ 1086 މީހުން ބައްޔަށް ފަރުވާ ހޯދަމުން އެބަދެއެވެ.

މި ބަލީގައި މިހާތަނަށް 51 މީހަކު ރާއްޖޭގައި މަރުވެފައި ވެއެވެ.