24 Jan 2021, 21:28
ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ އެރަށަށް އަރައި ފޭބުން އެޗްޕީއޭ އިން މަނާކޮށްފި އެވެ.
ކޮޅުފުށީ ކައުންސިލުގެ ނައިބު ރައީސް ޖައުފަރު މޫސާ "ސަން" އަށް ވިދާޅުވީ ޕޮޒިޓިވްވި މީހާ ހޯމް ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ނެގި ސާމްޕަލްގެ ނަތީޖާ ނެގަނެޓިވްވި ކަމަށެވެ. ނަމަވެސް މާލެ ދިޔުމަށްފަހު ނެގި އޭނާގެ ސާމްޕަލެއް ޓެސްޓް ކުރިއިރު، ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ޖައުފަރު ވިދާޅުވި އެވެ.
"އެމީހާ އަކީ ވަރަށް އާއިލާ ބޮޑު މީހެއް. ވަރަށް ގިނަ މީހުންނާ ކޮންޓެކްޓްވެފައި ވަނީ،" ޖައުފަރު ވިދާޅުވި އެވެ.
އެ މީހާއާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު ވަނީ 100 ޓެސްޓް ކިޓް މިރަށަށް ގެނެސްފައި. މާދަމާ ސާމްޕަލް ނެގުމުގެ މަސައްކަތް ފެށޭނެ،" ޖައުފަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްވެސް މީހަކު ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފައި ކަމަށެވެ. އަދި އެ އުސޫލާ ޚިލާފުވާ މީހުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ޖައުފަރު ވިދާޅުވި އެވެ.