ޖުޑީޝަލް ސާވިސް ކޮމިޝަން ]ޖޭއެސްސީ[ގެ ބައެއް މެމްބަރުންނާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި އެ ބައްދަލުވުމުގައި ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަންގެ އިތުރުން އިދިކޮޅު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އަދި ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ ބަންޑާރަ ނާއިބު އަބްދުﷲ މުއިއްޒާއި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު ހުސައިން އިބްރާހީމާއި ޝުއައިބު އަބްދުއްރަހުމާން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ބައްދަލުވުން ނިންމަވާލެއްވެމަށް ފަހު ނުކުމެވަޑައިގަތުމުން ނޫސްވެރިން ސުވާލުކުރި ނަމަވެސް އެއްވެސް ބޭފުޅަކު އެއްޗެކޭ ވިދާޅެއް ނުވެ އެވެ.

ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި ރައީސް ވާހަކަ ދެއްކެވީ ކޯޓުތަކަށް ފަނޑިޔާރުން ކަނޑައެޅުމާ ބެހޭ، 285 މާއްދާއާ ބެހޭ ގޮތުން ކަމަށާއި އަދި ޖޭއެސްސީގެ އިދާރީ ކަންކަމާ ބެހޭ ގޮތުންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީސް ތަމްސީލު ކުރައްވާ، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެއްސެއްގައި ވިދާޅުވީ އަބްދުﷲ ގާޒީ މިހާރުން މިހާރަށް ދޫކޮށްލުމަށް ރައީސް އަރިހުގައި ދެންނެވި ކަމަށާއި ނަމަވެސް އެ ބައްދަލުވުމުގައި އެ މައްސަލަ އެޖެންޑާކޮށްފައި ނެތް ކަމަށް ވިދާޅުވެ، އެ ވާހަކަ ރައީސް ނަޝީދު އެ ވާހަކަ ހުއްޓުވާލައްވާފައިވާ ކަމަށެވެ.

"އަޅުގަނޑަށް ވާހަކަ ދައްކަން ފުރުސަތު ލިބުނީމާ އަޅުގަނޑު ފުރަތަމަވެސް ދެންނެވިން ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ދޫކޮށްލުމަށް. ހަމަ އެހާހިސާބަށް ދަންނާވާއިރަށް ]ވިދާޅުވެއްޖެ[ އެޖެންޑާގައި އޮތް ކަމެއްނޫނޭ ތިޔަ ކަމެއް ކުރިއަކަށް ނުގެންދެވޭނޭ. ވަރަށް ރޫޑުކޮށް ރައީސް ވިދާޅުވީ،" ގާސިމް ވިދާޅުވި އެވެ.

ނަމަވެސް ގާސިމް ވިދާޅުވީ ރައީސް އެޖެންޑާގެ ވާހަކަ ވިދާޅުވި އިރު، އެއްވެސް އެޖެންޑާއެއް ނެތް ކަމަށާއި އެޖެންޑާ އޮތީ ރައީސް ނަޝީދުގެ ހިތުގައި ކަމަށެވެ.

ގާސިމް ވިދާޅުވީ ދަށު ކޯޓްތަކުގެ ފަނޑިޔާރުން އަލުން ހުވާ ކުރެއްވުމަށް ރައީސް އެދިވަޑައިގަތް ކަމަށާއި ނަމަވެސް ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކަމަށް އިންކާރު ކުރެއްވި ކަމަށާއި އަދި ހުދު ގާސިމް ވެސް އެކަމަށް އިންކާރު ކުރެއްވި ކަމަށެވެ.