29 Jan 2012, 15:56
ކްރިމިނަލް ކޯޓުގެ އިސް ޣާޒީ އަބްދުﷲ މުހައްމަދު ހުރި ތަނަކުން ހޯދައި، ވަގުތުން މިނިވަން ކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުމަށް ފުލުހުންގެ މައްޗަށް "މެންޑާމަސް" އަމުރެއް ނެރެދިނުމަށް އެދި ތިން މައްސަލައެއް ސުޕްރީމް ކޯޓަށާއި ހައިކޯޓަށް ހުށަހަޅައިފި އެވެ.
އަބްދުﷲ ގާޒީގެ ގާނޫނީ ވަކީލު މައުމޫން ހަމީދު މިއަދު ވިދާޅުވީ ހައިކޯޓަށާއި ސުޕްރީމް ކޯޓަށް މިއަދު ތިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުންގެ މައްޗަށް މެންޑާމަސް އަމުރެއް ނެރެދިނުމަށް އެދިވަޑައިގަތީ ކޯޓުތަކުން ނެރޭ އަމުރުތަކާއި ހުކުމްތައް ތަންފީޒު ކުރުމަކީ ފުލުހުންގެ މަސްއޫލިއްޔަތަކަށް ވާތީ ކަމަށެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓުން އަބްދުﷲ ޣާޒީ ވަގުތުން މިނިވަން ކުރުމަށް މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ނެރެފައިވާ އަމުރު ތަންފީޒުކޮށްދިނުމަށް ވެސް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅާފައިވާނެ ކަމަށެވެ.
"ފުލުހުންގެ މައްޗަށް މި ތިން އަމަރު ވެސް ނެރެދިނުމަށް އެދިފައި ވާނީ.... މެންޑާމަސް އަމުރެއް ނެރެދިނުމަށް އެދިފައި ވަނީ ގާނޫނީ މަސްއޫލިއްޔަތު އޮތް ފަރާތެއްގެ މައްޗަށް ގާނޫނާ އެއްގޮތަށް އެމައްސޫލިއްޔަތު އަދާކުރުމަށް ލާޒިމްކުރުމަށް ކަމަށް،" މައުމޫން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް އަބްދުﷲ ޣާޒީގެ ވަކީލު ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ އަބްދުﷲ ޣާޒީ ބަންދުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާ ވަގުތުން ދޫކޮށްލުމަށް ހައިކޯޓުން މިމަހުގެ 17 ވަނަ ދުވަހު އަމުރެއް ނެރެފައިވީ ނަމަވެސް، އެ އަމުރާ އެއްގޮތަށް ދިފާއީ ބާރުތަކުން އަމަލްކޮށްފައިނުވާ ކަމަށެވެ.
"ދިވެހި ރާއްޖޭގެ ކޯޓްތަކުން ކޮށްފައިވާ ހުކުމްތަކާއި ނެރޭ އަމުރުތައް ތަންފީޒު ކުރުމަކީ ފުލުހުންގެ މައިގަނޑު މަސްއޫލިއްޔަތު ތެރޭގައި ހިމެނޭ ކަމަކަށްވާ އިރު ގާނޫނޫ އަސާސީގެ 244 ވަނަ މާއްދާގައި ފުލުހުންގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ގާނޫނު ނެގެހެއްޓުން ހިމެނިފައިވާ އިރު އަދި ފުލުހުންގެ ގާނޫނުގެ ހަވަނަ މާއްދާގެ 12 ވަނަ ނަމްބަރުގައި ފުލުހުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި "ޝަރުއީ އަދި ގާނޫނީ ބާރު ލިބިގެން ކުރާ އަމުރުތައް ތަންފީޒުކުރުމުގައި ފުލުހުން އަދާކުރަން ޖެހޭ ދައުރު އަދާކުރުން" ހިމެނިފައިވާ އިރު ކޯޓުތަކުގެ އަމުރުތައް ތަންފީޒު ކުރުމުގައި ކޯޓުތަކަށް އެއްބާރުލުން ދިނުމަކީ ފުލުހުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް،" ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައިވެ އެވެ.
މީގެއިތުރުން ހައިކޯޓަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައި ވަނީ އަބްދުﷲ ޣާޒީ އަށް ގާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ ހައްގުތައް ލިބިދިނުމުގައި ދިފާއީބާރުތަކުން ހުރަސް އަޅަމުންދާ ކަމަށާއި އަދި މި މަހުގެ 23ގައި ކްރިމިނަލް ކޯޓުގައި ތާވަލް ކުރި ހޭބިއަސް ކޯޕަސް މައްސަލައިގެ އަޑުއެހުމަށް އަބްދުﷲ ޣާޒީ ހާޒިރުކޮށްދިނުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ވެސް ދިފާއީ ބާރުން ކިޔަމަންތެރިވެފައިނުވާ ކަމަށެވެ. އަދި މިމައްސަލާގައި ދިފާއީ ބާރުން ކޯޓުގެ އަމުރަށް ކިޔަމަންވެފައި ނުވާތީވެ، އެ އަމަރު ތަންފީޒުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރެދިނުމަށް ވަނީ އެދިފަ އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ