ލޯކަލް ކައުންސިލް އިންތިހާބަށް އަންހެނުންނަށް 33 ޕަސެންޓު ގޮނޑި ހާއްސަ ކުރުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ނޫން ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފި އެވެ. އެގޮތަށް ނިންމީ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.

ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފު ކަމަށާއި، އެ އިސްލާހުން ގާނޫނުއަސާސީއިން ލިބިދޭ އަސާސީ ބައެއް ހައްގުތަކަށް އުނިކަން އަންނަ ކަމަށް ބުނެ ހައިކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް، އަދި ގާނޫނީ ވަކީލު މޫސާ އަންވަރެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މައްސަލަ ބެއްލެވީ ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ދެން ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިިމާއި ފަނޑިޔާރު ހުސައިިން ޝަހީދުގެ އިތުރުން ފަނޑިޔާރު ހާތިފް ހިލްމީ އެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި މޫސާ އަންވަރު ވިދާޅުވެފައި ވަނީ، އަންހެނުންނަށް ގޮނޑި ހާއްސަ ކުރަން ރާއްޖޭގެ ގާނޫނުއަސާސީ ތަން ނުދޭ ކަމަށެވެ. އެއީ ގާނޫނުއަސާސީގައި ބަޔާން ކުރާ ބައެއް އަސާސީ ހައްގުތައް އެކަމުން ނިގުޅައިގަނެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި އަންހެނުންނަށް ގޮނޑި ހާއްސަ ކުރެވޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެންނެވެ.

ދައުލަތުން ބުނެފައި ވަނީ އަންހެނުންނަކީ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބެން ޖެހޭ ބައެއް ކަމަށެވެ. އެހެންކަމުން، އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދުމަށް ގޮނޑި ހާއްސަ ކުރުން ފަދަ ފިޔަވަޅުތައް އެޅުމަކީ ގާނޫނުއަސާސީ ތަސައްވުރު ކުރާ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ.

އަދި އަންހެނުންނަކީ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަން ލިބިދޭން ޖެހޭ ބައެއްކަން އިލްމީ ލިޔުންތަކުންވެސް އެނގެން އެބަ ހުރިކަމަށާއި އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމަކީ ޖިންސީ ތަފާތު ކުރުން ނޫން ކަމަށް ޔޫރަޕިއަން ކޯޓް ހިއުމަން ރައިޓްސް އަދި ޔޫރަޕިން ކޯޓް އޮފް ޖަސްޓިސްއިން މީގެ ކުރިން ކަނޑައަަޅާފައިވާކަން ދައުލަތުން ފާހަގަ ކުރި އެވެ.

އެ މައްސަލައިގައި މިއަދު ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މޫސާ އަންވަރު ސުވާލު އުފައްދާފައިވާ ގާނޫނީ މާއްދާތަކަކީ، ގާނޫނުއަސާސީއާ ތައާރުޒުނުވާ ގޮތެއްގެ މަތިން، ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތަށް، ސައްހަ އިޖުރާއަތެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނީ މާއްދާތަކެއް ކަމަށެވެ.

އަދި މުޖުތަމައުގެ އާންމު ހާލަތަށް ވުރެ ނިކަމެތިކަން ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް، ނުވަތަ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި ނުވަތަ ރައްކާތެރިކަން ލިބިދިނުމަށް ކުރާ ކަންތައްތަކަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ތަފާތުކުރުން ކަމަށް ނުވާނެ ކަމަށް ވެސް ހުކުމްގައިވެ އެވެ.

ހުކުމްގައި ބުނެފައި ވަނީ ގާނޫނަކީ ނުވަތަ ގަވާއިދަކީ ތަފާތުކުރާ ގާނޫނެއް ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކާ ގުޅިގެން ފަނޑިޔާރުގެ ދައުރަކީ އެއްގޮތް ހާލަތުގައި އެއް ގިންތިއެއްގައި ހިމެނޭ އެންމެންގެ މެދުގައި އެއްގޮތަކަށް އެ ގާނޫނުން އަމަލުކުރޭތޯ ކަށަވަރުކުރުން ކަމަށެވެ.

އަދި އެ ގާނޫނަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ހަމަހަމަކަމުގެ އުސޫލާ ހިލާފު ގާނޫނެއް ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކުގައި ފުރަތަމަ ކުރަންޖެހޭ ސުވާލަކީ، އެ ގާނޫނަކީ ތަފާތުކުރާ ގާނޫނެއްތޯ ކަމަށާއި، އެއީ ތަފާތުކުރާ ގާނޫނެއް ނޫން ނަމަ އެ ގާނޫނަކީ ރަނގަޅު ގާނޫނެއް ކަމަށެވެ. އެއީ ތަފާތުކުރާ ގާނޫނެއް ނަމަ، އެއީ ހުއްދަ ތަފާތުކުރުމެއްތޯ ސުވާލުކުރަންޖެހޭނެ ކަމަށެވެ. އަދި ހުއްދަ ތަފާތުކުރުމެއް ނަމަ އެ ގާނޫނު ސައްހަ ކަމަށާއި، ހުއްދަ ނޫން ތަފާތުކުރުމެއް ނަމަ އެ ގާނޫނު ބާތިލު ކަމަށް ހުކުމްގައިވެ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެ ގާނޫނުގައި އަންހެނުން ގޮނޑިއަށް އައްޔަންކުރުން ލާޒިމުކޮށްފައިވާ ކަމަށާއި، އަދި އެކަން ކުރުމަށް އަންހެނުންނަށް ވަކިވަކި ގޮނޑިތައް ހާއްސަކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި އެއީ ޖިންސުގެ މެދުގައި ކޮށްފައިވާ ތަފާތެއް ކަމަށެވެ.

އެހެންކަމުން އެ ގާނޫނުގެ ބައެއް މާއްދާތަކަކީ ޖިންސުގެ މެދުގައި ތަފާތުކުރާ ގާނޫނީ މާއްދާތަކެއް ކަމަށް ހުކުމްގައިވެ އެވެ.

"އެހެން ނަމަވެސް މިހިސާބުން ބަޔާންވެދިޔަ މާއްދާތަކަކީ ގާނޫނުއަސާސީ އާ ތައާރުޒުވާ މާއްދާތަކެއް ކަމަށް ކޯޓަކަށް ކަނޑައެއް ނޭޅޭނެ އެވެ. ސަބަބަކީ ގާނޫނުއަސާސީގެ ތެރެއިންނާއި ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެ މަތިން އަސާސީ ހައްގުތަކޚާއި މިނިވަންކަން ހިފެހެއްޓުން ހުއްދަކޮށްފައި އޮތުމުން، ގާނޫނުއަސާސީނ މުތުލަގަށް ތަފާތުކުރުން މަނާކޮށްފައި ނުވާތީ،" ހުކުމްގައިވެ އެވެ.

އަދި ވޭތުވެދިޔަ އިންތިހާބުތަކުގެ ނަތީޖާތަކަށް ބަލާއިރު، އަދި މުޖުތަމައުގައި އަންހެނުންނާ މެދު އަންހެނަކަށް ވީތީ ގަބޫލުކުރާ ގަބޫލުކުރުންތަކެއްގެ ސަބަބުން، އަންހެނުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވުމަށް ލިބިފައިވާ ފުރުސަތު ހަނިވެފައިވާތީ އެކަމަށް ފަރުވާއެއް ދިނުމަށް ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑި ހާއްސަކޮށް ގިންތި ކުރި ކުރުމަކީ ބުއްދީގެ ހަމައިން ގަބޫލުކުރެވޭ ބުއްދި ކުރުމެއް ކަމަށް ވެސް ހުކުމްގައިވެ އެވެ.

ރާއްޖޭގެ އިގްތިސޯދީ، އިޖްތިމާއީ، ސަގާފީ، މަދަނީ އަދި ސިޔާސީ މައިދާނުގައި ފިރިހެނުންނާ އެއް ހަމައެއްގައި އަންހެނުންނަށް ފުރުސަތު ލިބިގެންވާކަން ކަށަވަރުކުރުމަށާއި ޖެންޑާ އީކުއަލިޓީ ގާއިމުކުރުމަށް ހާއްސަ ފިޔަވަޅެއް އެޅުމުގެ ގޮތުންނާއި އަދި ހުރިހާ ގޮތަކުން ވެސް ޖެންޑާ އީކުއަލިޓީ ގާއިމުކުރުމަށް އެކަށައަޅާފައިވާ ސިޔާސަތަށް އަމަލުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އަންހެނުންނަށް އިންތިހާބޫ ގޮނޑި ހާއްސަކުރުމަކީ ރާއްޖޭގެ ޖެންޑަ އީކުއަލިޓީގެ ގާނޫނު ވެސް ހުއްދަކުރާ ކަމެއް ކަމަށް ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

ހައިކޯޓުން ބުނީ މޫސާ އަންވަރު ސުވާލު އުފައްދާފައިވާ ހައްގު ހަނިކޮށްފައި ވަނީ ހަމައެކަނި ފިރިހެނަކަށް ވީތީ ނޫން ކަމަށާއި، އެ ހައްގުގެ މުހިންމުކަމަށް ބަލައި އަންހެނުންނަށް ގޮނޑި ހާއްސަކުރި ނިސްބަތުން ފިރިހެނުންނަށް އެ ހައްގު ލިބިދިނުމުގައި އުނިކަމެއް ނާންނާނެ ނިސްބީ ހަމައަކުން ކަމަށެވެ. އަދި ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކުރުމަކީ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސޯދީ ކަންކަމުގައި އަންހެނުންނަށް ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ހުކުމްގައި ބުނެފައި ވަނީ އަންހެނުންގެ ދައުރު އިތުރުކުރުމުގެ މަގުސަދު ހާސިލުކުރުމަށް 33 އިންސައްތަ އަށް ވުރެ ކުޑަ ނިސްބަތަކުން އަންހެނުންނަށް ގޮނޑި ހާއްސަކޮށްގެން އެ މަގުސަދު ހާސިލްވާނެތޯ އެއީ ވާހަކަ ދެއްކިދާނެ މައުޟޫއެއް ކަމަށެވެ. އަދި މޫސާ އަންވަރު ހުށަހެޅި ހުށަހެޅުންތަކުގައި ފާހަގަކޮށްފައިވާ ގޮތަށް، އެ މަގުސަދު ހާސިލުކުރުމަށް އެއަށްވުރެ ރަނގަޅު ގޮތްތަކެއް ހުރުމަކީ ވެސް ވެދާނެ ކަމަށް ކަމަށް ފާހަގަކޮށްފައިވެ އެވެ.

"ނަމަވެސް ރައްޔިތުން އިންތިހާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހަކުން، ގާނޫނުއަސާސީގެ ތަރަހައިގެ ތެރެއިން ކޮށްފައިވާ ކަމެއް، ކުރެވޭނެ އެއަށްވުރެ މާ ރަނގަޅު ގޮތެއް އޮތް ކަމަށް ބުނެ ބަދަލުކުރުމަކީ ގާނޫނުއަސާސީން ތަސައްވުރު ކުރާ ތިންބާރު ވަކިވެފައިވާ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ދައުރެއް ނޫނެވެ. ދިވެހިރާއްޖޭގައި ސިޔާދަތީ ބާރަކީ ރާއްޖޭގެ ގާނޫނުއަސާސީ ކަމަށް ވާތީ، ގާނޫނުއަސާސީ ފަހަނައަޅައި ގޮސް އެއް ބާރު އަނެއް ބާރުގެ އިމުގެ ތެރެއަށް ވަނުމަކީ ގާނޫނުއަސާސީން ތަސައްވުރު ކުރާ އަދި ހުއްދަކުރާ ކަމެއް ނޫނެވެ." ހުކުމްގައިވެ އެވެ.

ވީމާ، މޫސާ އަންވަރު ބަޔާންކުރާ ފަދައިން، ރައްޔިތުންނަށް މިއަށްވުރެ ރަނގަޅުވާނޭ ގޮތެއް އޮތް ނަމަ، އެކަމުގެ ހައްލު އޮތީ ވޯޓު ފޮށިތަކާ ހަމައިގައި ކަމަށާއި، ކޯޓުތަކާ ހަމައިގައި ނޫންކަމަށް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން، މޫސާ އަންވަރު ސުވާލު އުފައްދާފައިވާ ގާނޫނޫގެ މާއްދާތަކާއި ގަވާއިދުތަކުގައި ގާނޫނުއަސާސީއާ ތައާރުޒުވުމެއް އޮތް ކަމަށް ކަނޑައެޅޭނެ ގާނޫނީ ސަބަބެއް އޮތް ކަމަށް ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައި ވެއެވެ. އަދި ދެން ތިއްބެވި ހަތަރު ފަނޑިޔާރުން ވެސް ވަނީ ފަނޑިޔާރު ނިޔާޒުގެ ރައުޔަށް ތާއީދުކުރައްވައިފަ އެވެ.

ހައިކޯޓުން މިއަދު ހުކުމްކޮށްފައި ވަނީ، އެ ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީން ހުއްދަކޮށްފައިވާ ތަފާތުކުރުންތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްފައިވާ އިސްލާހުތަކެއް ކަމަށް ވާތީ އެއީ ގާނޫނުއަސާސީއާ ތައާރުޒުވާ އިސްލާހުތަކެއް ނޫން ކަމަށެވެ. އަދި އަންހެނުންނަށް ގޮނޑި ހާއްސަކުރުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ގާނޫނުގެ މާނައިގެ ތެރޭގައި ހިމެނިގެންވާ ސައްހަ ބައިތަކެއް ކަމަށް ވެސް ހުކުމް ކޮށްފައިވެ އެވެ.

ހައިކޯޓުގެ ހުކުމަށްފަހު މޫސާ އަންވަރު ބުނީ އެ ހުކުމުން ގާނޫނުއަސާސީގެ ހައްގުތަކުގެ ބާބު ކަފުންކުރުމަށް ފުރުސަތު ލިބޭ ކަމަށާއި، އަދި އެ ހުކުމަކީ ގާނޫނު މާނަކުރުމުގެ އަސާސީ މަގުސަދުތަކާއި ހިލާފު ކަމަކަށް ވާތީ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.