24 Jan 2021, 14:29
އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ބާރު ކެނޑިގެންދާ ފަދަ ގޮތަކަށް، ފަތުރުވެރިކަމާ ގުޅޭކަންކަން އުނިކޮށް އެ މުއައްސަސާގެ މެންޑޭޓު ހަނިކޮށްފައި އޮތުމަކީ ތިމާވެށީގެ ކުށްތަކާއި ޖަރީމާތަކަށް އަރައިގަތުމަށް މަގުފަހިކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް މަދަނީ ޖަމިއްޔާތަކުން ބުނެފި އެވެ.
މަދަނީ ޖަމިއްޔާތަކުން ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ގޮވާލާފައި ވަނީ ތިމާވެއްޓަށް ގެއްލުންވާގޮތަށް ހިންގަމުންދާ ކުށްތަކާއި ޖަރީމާތައް ވަގުތުން ހުއްޓުވުމަށާއި، އެފަދަ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށް އެފަދަ ޖަރީމާތައް ތަހުގީގުކޮށް ތިމާވެއްޓަށް ގެއްލުންދޭ ފަރާތްތަކާ ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުމަށެވެ.
ޖަމިއްޔާތަކުން ބުނީ ރާއްޖެއަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުގެ އެންމެ ބޮޑު ޝިކާރައަކަށްވެ، އެކަމުގެ ސަބަބުން އިޔާދަނުކުރެވިދާނޭ ފަދަ ބޮޑެތި އަސަރުތައް ތަހައްމަލު ކުރަންމުންދާ އަދި ކުރަންޖެހޭ ފަދަ ނާޒުކު ތިމާވެއްޓެއްލިބިފައިވާ ގައުމަކަށް ވާއިރު، ގައުމުގެ އެންމެ ބޮޑު ރައުސްމާލަކީ ގައުމުގެ ގުދުރަތީ ވަސީލަތްތައް ކަމަށެވެ.
އެގޮތުން ފަރުތަކާއި އެތަނުގައިވާ ދިރުންތަކަކީ، ރަށްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ގައުމުގެ އިގްތިސާދީ މައިނާރުތައް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން ބިނާވެފައިވާ ވަސީލަތްތައް ކަމަށާއި އަގުނުކުރެވޭފަދަ ގުދުރަތީ ވަސީލަތްތަކަށް އެކިއެކި ގޮތްގޮތުން ގެއްލުން ދީ ތިމާވެށީގެ ބޮޑެތިކުށްތަކާއި ޖަރީމާތައް (އެންވަޔަރަންމަންޓަލް ކްރައިމްސް) ހިންގަމުންދާއިރު އެކަމަށް ދައުލަތުން ދޭންޖެހޭ އަހައްމިއްޔަތުކަންނުދީ އަދި އެކަންކަން ކުށްވެރިކޮށް އެކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ނުދާތީ ކަންބޮޑުވާ ކަމަށެވެ.
"މިއީ ތިމާވެއްޓަށް އަގުނުކުރެވޭ ބޮޑެތި ގެއްލުން ލިބޭނެފަދަ ޖަރީމާތައް ހިންގުމަށް ދެވޭ ހިތްވަރެއްކަމުން، އެކަން ނުހަނު ކަންބޮޑުވުމާއި އެކު މިޖަމިއްޔާތަކުން ފާހަގަ ކުރަމެވެ." ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ކ. ހިންމަފުށީ ފަޅު ތެރޭގައި އޮންނަ ފިނޮޅަކަށް ހަމަ އެ ފަޅު ތެރޭގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުން ގެއްލުންދިން މައްސަލައެއް މިފަހުން ވަނީ ފެންމަތިވެފަ އެވެ.
އެމައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ޖަމިއްޔާތަކުން ބުނީ ވިޔާފާރިތަކުން ހިންގާ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އަދި އެ އަމަލުތައް އެންމެ ހާމަކަން ބޮޑުގޮތެއްގައި، ފުރިހަމަ އަދި އަވަސް ތަހުގީގެއްކޮށް ކުށްވެރިވާ ފަރާތްތަކަށް ފިޔަވަޅުއެޅުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.
އެފަދަ ނާތަހުޒީބީ އަމަލުތަކަކީ ތިމާވެއްޓަށް ގެއްލުންވާގޮތައް ހިންގަމުންދާ ކުށްތަކާއި ޖަރީމާތަކަކަށްވުމުގެ އިތުރުން، ދިވެހި ރައްޔިތުންގެ ހިތްހަމަޖެހުމާއި އިޖުތިމާއި ގުޅުން ބަދަހިކުރުމަށް، ނުހަނު މުހިއްމު ވަސީލަތްތަކެއްގެ ނިމުން ގެނުވާނޭ އަމަލުތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އާންމު ރައްޔިތުންގެ ހިތްހަމަޖެހުމާއި ނަފްސާނީ ދުޅަހެޔޮކަން ހޯދާ ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވާ ގުދުރަތީ ވަސީލަތްތައް ކަމަށްވާ ރަށްތަކާއި، ފިނޮޅުތައް އަދި ފަޅުތައް ނުއަގުގައި ވިޔަފާރިތަކަށް ވިއްކާލުމުން ދިވެހި ރައްޔިތުންނާއި ދިވެހި ކުދި ވިޔަފާރިތަކަށް ދުވަހެއް ދުވަހަކަށް އެ ވަސީލަތްތަކުގެ މަންފާހޯދުމުގެ ފުރުސަތުން މަހުރޫމްވަމުން އަންނަކަން ޖަމިއްޔާތަކުން ވަނީ ފާހަގަކޮށްފަ އެވެ.
މިފަދަ މާހައުލެއްގައި ހުރިހާ ރައްޔިތުންނަށް އެތަނަކުން މަންފާ ލިބޭ މަދު ރަށްތަކާއި ފަރުފަޅާއި ފިނޮޅުތައް ރައްކާތެރިކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވިފައި އޮތުމަކީ ރާއްޖޭގެ ރައްޔިތުންގެ އަސާސީ ހައްގެއްކަމަށް ވެސް ބުނެފައިވެ އެވެ.
ރިސޯޓްތަކުން ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ނުހުއްޓޭނެކަމަށް ބުނެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގައި ރާއްޖޭގެ ރިސޯޓްތައް ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ދެއްކި ވާހަކައާ ގުޅިގެން ވެސް ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރިސޯޓުތަކުން މޫދަށް ކުނި އަޅަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށް މިނިސްޓްރީ އޮފް އެންވަޔަރްމެންޓްއިން މީގެ އަހަރުތަކެއް ކުރިން ހަދާފައިވާ ގަވާއިދަކުން ބާރުލިބިގެން ކަމަށް މަޓީން ވަނީ ބުނެފަ އެވެ.
ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުން މޫދަށް ކުނިއެޅުމަށް ބާރުދޭކަމަށް ބުނާ މާއްދާގައި ބަޔާންކޮށްފައިވަނީ ކުނި އަޅަންވާނީ އަތޮޅުން ބޭރަށް ވަޔާއި އޮޔަށް ބަލައި ރަށްރަށަށް ނުލައްގާ ގޮތަށް ކަމަށާއި އަދި އެއީ ހަމައެކަނި ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
އެފަދަ ހާލަތްތަކުގައިވެސް އުކާލެވޭނީ ހަމައެކަނި ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލައަށް ނެތިފަނާވެދާ ތަކެއްޗެވެ.
ނަމަވެސް، ރަށްރަށަށް ލައްގާފައި ހުންނަ ކުންޏާއި ފަޅުތަކާއި މޫދަށް ބަލާ ހޯދުމުން، ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ތަންތަނުން އުކާލާ ކުނިތަކަކީ ފަނާވަނިވި ކުނި ނޫންކަމާއި، އަދި އުކާލަނީ ގަވާއިދުގައި ބުނާގޮތަށް އަތޮޅުން ބޭރަށް ކަނޑުތަކަށް ނޫންކަން އެނގޭ ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.
އެ ގަވާއިދުގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުގައި އުފެދޭ ކުނި ނައްތާލުމަށް އަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވީ ނަމަވެސް، ވިޔަފާރިތަކުން އެގޮތަށް އަމަލު ނުކުރާ ކަމަށާއި އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް އަޅާތަން ނުފެނުމަކީ ނުހަނު ބޮޑު މައްސަލައެއްް ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"އަދި މިފަދަ ކަންކަން ބެލުމުގެ ތަންފީޒީ އިދާރާ ކަމަށްވާ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ބާރު ކެނޑިގެންދާ ފަދަ ގޮތަކަށް، ފަތުރުވެރިކަމާއި ގުޅޭކަންކަން އުނިކޮށް އެ މުއައްސަސާގެ މެންޑޭޓު އަހަރުތަކެއްވަންދެން ހަނިކުރުމަކީ މިފަދަ ޖަރީމާތަކަށް އަރައިގަތުމަށް މަގު ފަހިކުރުމަށް ކުރެވިފައިވާ ކަންކަން ކަމުގައި މިޖަމިއްޔާތަކުން ދެކެމެވެ." ބަޔާނުގައިވެ އެވެ.
ރާއްޖެއަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ބަލައިގަނެ، އަދި ތިމާވެއްޓާއި، ގުދުރަތީ ދިރުންތަކާއި، އިންސާނީ ހައްގުތަކާއި ބެހޭ ބައިނަލްއަގްވާމީ އެތަކެއް މުއާހަދާތައް ބަލައިގަނެފައިވާ ގައުމަކަށްވާއިރު، ރާއްޖޭގައި ހެދިފައިވާ ގާނޫނާއި ގަވާއިދުތަކުން ބާރުލިބިގެން މިފަދަ ތިމާވެށީގެ ކުށްތަކަށް އަރައިގަތުމަށް ފުރުސަތު ދިނުމަކީ އެމުއާހަދާތަކާއި ހިލާފުކަމެއްކަން ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
"ރާއްޖޭގެ ތިމާވެށިން އެންމެ ބޮޑު މަންފާ ހޯދަމުންދާ ބޮޑެތި ވިޔަފާރިވެރިން ތަމްސީލުކުރާ ފަރާތަކުން މިފަދަ މޭރުމަކުން ވާހަކަ ދެއްކުމަކީ އެއްވެސް ހާލެއްގައި ދައުލަތުންވެސް އަދި ރައްޔިތުންވެސް ބަލައިގަނެގެން ވާނެ ކަމެއް ނޫނެވެ." ޖަމްއިއްޔާތަކުގެ ބަޔާނުގައި ވެއެވެ.
ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މިޔަރު ހިމާޔަތްކޮށްފައި ވީނަމަވެސް މި ޖެނުއަރީ މަހު 480 ކިލޯއަށްވުރެ ގިނަ މިޔަރުގެ އުރަހަ ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ވަނީ އަތުލައިގެންފަ އެވެ.
އެ ޖަރީމާގެ ތަހުގީގު ފެށިފައިވާކަމަށް ގުޅުންހުރި މުއައްސަސާތަކުން މައުލޫމާތު ދީފައިވީ ނަމަވެސް، މައްސަލައިގެ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވާތީ، ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެހެންކަމުން އެ ޖަރީމާ ހާމަކަންބޮޑު ގޮތެއްގައި ތަހުގީގުކޮށް ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އިންސާފުވެރި ޝަރީއަތެއް ހިންގާ ރައްޔިތުންނަށް ސާފު މައުލޫމާތު ހިއްސާކުރުމަށް ކަމާގުޅޭ އިދާރާތަކަށް ވަނީ ގޮވާލައިފަ އެވެ.
"އީކޯ ސައިޑް" އަކީ "ޖެނޮސައިޑް" ތަކާއި އެއްވަރުގެ ބައިނަލްއަގުވާމީ ޖިނާއީ ކުށެއްގެ ގޮތުގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ބަލައިގަތުމަށް އެދި، ޑިސެމްބަރު 2019 ގައި ބޭއްވި، 'އެސެމްބްލީ އޮފް ސްޓޭޓް ޕާޓީސް ޓު ދަ ރޯމް ސްޓެޓިއުޓް އޮފް ދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް' ގެ 18 ވަނަ ބައްދަލުވުމުގައި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަދި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގެ މުގައްރިރު، އަހްމަދު ސަލީމް ހުށަހެޅުއްވި ހުށަހެޅުން ވެސް ޖަމިއްޔާތަކުން ވަނީ ސަމާލުކަމަށް ގެނެސްފަ އެވެ.
ތިމާވެއްޓަށް ގެއްލުންވާގޮތަށް ހިންގާ އަމަލުތަކަކީ ގާނޫނުއަސާސީން ބާރުލިބި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި އަދި އެހެންވެސް ގާނޫނުތަކުންނާއި ގަވާއިދުތަކުން މަނާކޮށްފައިވާ ކަމަކަށްވީނަމަވެސް، މިފަދަ ޖަރީމާތަކަށް އަރައިގަންނަ ފަރާތްތައް ޒިންމާދާރު ކުރުމަށް އަދި ގާނޫނުން ކަނޑައަޅާފައިވާ އަދަބު ދިނުމަށް ނުކުޅެދިފައިވާ ކަމީ ހިތާމަހުރި ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.
މިހާރަށްވުރެ ގާނޫނީ އޮނިގަނޑު ހަރުދަނާކޮށް، ނިޒާމުގެ ތެރޭގައި ހުރި އުނިކަންކަން ނައްތާލުމަށްޓަކައި ތިމާވެއްޓާއި ގުޅުންހުރި، މިހާރުވެސް އެކުލަވާލައި ފާސްކުރުމުގެ މަގުމަތީގައިވާ ގާނޫނުތައް ކަމަށްވާ، މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭބިލާއި ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ފަދަ ބިލުތަކަށް އިތުރު ސަމާލުކަމެއްދީގެން މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ގޮވާލައިފަ އެވެ.
"ހަމައެއާއި އެކު، އީޕީއޭއަށް ފުރިހަމަ ބާރު ދިނުމަކީ މިސަރުކާރުގެ 100 ދުވަހުގެ ވައުދުގައި ހިމެނޭކަމެއްކަން ހަނދާކޮށްދިނުމާއި އެކު، އީޕީއޭއަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކަނޑައަޅާ ފުރިހަމަ ބާރުތައް ދިނުމަށްވެސް މިޖަމިއްޔާތަކުން ގޮވާލަމެވެ." ބަޔާނުގައި ވެއެވެ.