ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްގެ ވާދައިގެ ތައްޓަށް ކުޅޭ ހަތަރު ވަނަ އަންހެނުންގެ ވޮލީ މުބާރާތް މާދަމާ ރޭ ފެށުމަށް ހަމަޖެހިއްޖެ އެވެ.

ޖުމްލަ ފަސް ޓީމް ވާދަކުރާ މިމުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ރޭ 8:30ގައި ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި ބައްދަލުކުރާ ދެ ޓީމަކީ ނައިފަރު ޖުވަނިއަލް އާއި ކުލަބް ޕީކޭ އެވެ. އަދި ދެ ވަނ މެޗުގައި އަންނަ އަންގާރާ ދުވަހުގެ ރޭ 8:30ގައި ބައްދަލުކުރާ ދެ ޓީމަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ޕޮލިސް ކުލާބާއި ވިޗެންޒާ އެވެ.

ނައިފަރު ޖުވަނިއަލް އާއި ކުލަބް ޕީކޭގެ އިތުރުން މުބާރާތުގައި ވާދަކުރާ ޓީމް އަނެއް ތިން ޓީމަކީ ޕޮލިސް ކުލަބާއި ކުލަބް ވިޗެންޒާ އަދި އަމިކާ ސްޕޯޓްސް ކުލަބެވެ.

ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެން މުހައްމަދު ވިދާޅުވީ، ފަސް ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ މޮޅު ޓީމެއް ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ. އަދި މުބާރާތުގެ އެންމެ މޮޅު ދެ ވަނަ ޓީމާއި ތިން ވަނަ ޓީމް ކުޅޭ މެޗުން މޮޅުވާޓީމެއް ދެ ވަނަ ޓީމެއްގެ ގޮތުގައި ފައިނަލަށް ދަތުރު ކުރާނެ ކަމަށް ވެސް ހުސެން ވިދާޅުވި އެވެ.